ޚަބަރު

ބާކޯލާ ހޯދުމަށް ލިވަޕޫލް އިން މަސައްކަތް ކުރަނީ


ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުންދާ ބްރެޑްލީ ބާކޯލާ ހޯދުމަށް ޕްރިމިއާ ލީގުގެ ކްލަބް ލިވަޕޫލް އިން މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފްރާންސަށް އުފަން އުމުރުން 23 އަހަރުގެ ބާކޯލާ ހޯދުމަށް ލިވަޕޫލް އިން މަސައްކަތް ފަށާފައިވަނީ ނިމިގެންދިޔަ ސީޒަނަށްފަހުން އެ ޓީމުގެ އެޓޭކުގެ މުހިންމު ކުޅުންތެރިއެއް ކަމުގައިވާ މުހައްމަދު ސަލާ ލިވަޕޫލް ދޫކޮށްލުމާއި ގުޅިގެން އޭނާ ނެތްތަން ފޫބެއްދުމަށެވެ.

ޕީއެސްޖީ އިން ބާކޯލާގެ އަގަކީ 145 މިލިއަން ޕައުންޑް ކަމަށް ބުނެފައިވާއިރު މި އަގަށް އޭނާ ލިވަޕޫލް އިން ގެނެސްފިނަމަ އޭނާ ވެގެންދާނީ ޕްރިމިއާ ލީގުގައި ހެދޭ އެންމެ އަގުބޮޑު ޓްރާންސްފަރ އަށެވެ.

ބާކޯލާ އާއިއެކު ޕީއެސްޖީ އިން ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތްއިރު, އޭނާ ލިވަޕޫލްއަށް ބަދަލުވާން ބޭނުންވާކަމަށް ބައެއް ރިޕޯޓްތައްވަނީ ބުނެފަ އެވެ. ނަމަވެސް މިކަމާއި ގުޅޭ ގޮތުން ޕީއެސްޖީ އިން ރަސްމީކޮށް އަދި އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

ލިވަޕޫލް އިން ބާކޯލާ ހޯދުމަށް މަސައްކަތް ފަށާފައިވަނީ އެ ޓީމުން ކުރިން ގެންނަން މަސައްކަތްކުރި އައިވަރީ ކޯސްޓްގެ ޔާން ޑިއޮމޮންޑެ ރެއާލް މެޑްރިޑަށް ދިއުމާއި ގުޅިގެންނެވެ.