ޚަބަރު

ތިޔަ ކުޅެނީ މުސްލިމުންގެ ލެޔާއި، ފަލަސްތީނުގެ ބިންތަކަކީ މުސްލިމުންގެ މިލްކެއް


  • ފަލަސްތީނުގައި އެންމެ ފުރަތަމަ ވަޒަންވެރިވީ ޢަަރަބީންގެ ޤަބީލާތަކެއް

  • ފަލަސްތީނަކީ ތާރީޚުގެ ތެރެއިން އެއްވެސް ދުވަސްވަރެއްގައި ޔަހޫދީންގެ ތަނެއް ނޫން

  • މިއަދު ޔަހޫދީން ވަނީ އެ ބިމުގެ 90 އިންސައްތައަށް ގަދަކަމުން ވެރިވެގެންފައި

ފަލަސްތީނުގެ ބިމަކީ މުސްލިމުންނާއި އެތައް ގޮތަކުން ގުޅި ލާމެހިފައިވާ ބިމެކެވެ. އެއީ ﷲ ތަޢާލާ ބަރަކާތްލައްވައި، މާތްކުރައްވާފައިވާ ބިމެކެވެ. އެންމެ ގިނަ ނަބީ ބޭކަލުން އެ ބިމެއްގައި އުފަންވެވަޑައިގެންނެވި ބިމެވެ. އެތައް ނަބީ ބޭކަލުންނެއް ދިރިއުޅުއްވި ބިމެކެވެ. ކީރިތި ރަސޫލާ ﷺ އާއިގެން އެ ބިމަކަށް އިސްރާ ކުރެވުނު މުޤައްދަސް ބިމެކެވެ. ކީރިތި ރަސޫލާ ﷺ މަތިވެރިވެގެންވާ މިޢުރާޖުގެ ދަތުރުފުޅު ފެއްޓެވީ އެބިމުގައި މަސްޖިދުލް ޢަޤްޞާއިންނެވެ.

މި ދަތުރުފުޅުގައި އެންމެހައި ނަބީ ބޭކަލުންނާއިގެން، ކީރިތި ރަސޫލާ ﷺ މަސްޖިދުލް އަޤްޞާގައި ނަމާދުކުރެއްވިއެވެ. އިސްރާ އާއި މިޢުރާޖުގެ މި ދަތުރުފުޅުން، މުސްލިމުންގެ ފުރަތަމަ ޤިބުލަ އަލްމަސްޖިދުލް އަޤްޞާއާއި ދެވަނަ ޤިބުލަ ކަޢުބަތުﷲ ގެފުޅާ ހުރި ގުޅުން އަންގައިދެއެވެ. ހިޖްރައިން ދެވަނަ އަހަރު ޝަޢުބާން މަހަށް ދާންދެން މުސްލިމުންގެ ޤިބްލައަކީ އަލްމަސްޖިދުލް އަޤްޞާއެވެ. މި ބިންތަކަކީ މުސްލިމުންގެ މަތިވެރި ޢަޤީދާއާ ގުޅި ލާމެހިފައިވާ ބިންތަކެކެވެ.

ފަލަސްތީނަށް އިސްލާމީ ތާރީޚުގެ ނަޒަރަކުން ބަލާލާއިރު، ތާރީޚީ ލިޔުންތަކުން އެނގޭގޮތުގައި ފަލަސްތީނަކީ ކަންޢާނީންގެ ވަޠަނެކެވެ. އެބިމަށް ފަލަސްތީނުގެ ނަން ކިޔަން ފެށުނީ މާފަހުންނެވެ. މި ނަން ކިޔަންފެށުނީ ޖަރީޒާކުރީތުން އެތަނަށް ހިޖްރަކުރި ޔޫނާނީ ޤަބީލާއެއްގެ ނަމާގުޅުވައިގެންނެވެ. އެ ޤަބީލާގެ ނަމަކީ ފިލިސްޓިޔާއެވެ. އެބައިމީހުން އައިސް ކަންޢާންގެ ބިމުން، ގޮނޑުދޮށް ފަރާތުން ހަމަބިންތަނެއްގައި ވަޒަންވެރި ވެގެން އުޅެން ފެށުމުން، އެތަނަށް ފަލަސްތީން އޭ ކިޔަން ފެށުނީއެވެ. ފަހުން މުޅި ކަންޢާންގެ ބިމަށް އެނަން ކިޔުނެވެ. މި ބިމަށް، މިދެންނެވި ޤަބީލާގެ މީހުން ހިޖުރަކުރީ މީލާދީ ތާރީޚުން ދެވަނަ ޤަރުނުގެ ތެރޭގައިކަމަށް ބުނެވެއެވެ.

ފަލަސްތީނަކީ ޢަރަބީ ރަށެކެވެ. އެރަށުގައި އެންމެ ފުރަތަމަ ވަޒަންވެރިވީ ބަޔަކީ ޢަަރަބީންގެ ޤަބީލާތަކެވެ. އެބައިމީހުން އެތާ ވަޒަންވެރިވެފައިވަނީ، މީލާދުގެ ދަހާސް ފަސްސަތޭކަ އަހަރު ކުރީންނެވެ. ފަލަސްތީނަކީ، ތާރީޚުގެ ތެރެއިން އެއްވެސް ދުވަސްވަރެއްގައި ޔަހޫދީންގެ ތަނެއް ނޫނެވެ.

ރޫމީންގެ އަނިޔާވެރި ވަކިތަކުން މުސްލިމުންނަށް ފަލަސްތީނުގެ ބިން ސަލާމަތްކުރެވުނީ މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބުނުލް ޚައްޠާބުގެ ޚިލާފަތުގައެވެ. އެއަށްފަހު މުސްލިމުންގެ ވެރިކަމުގެ ދަށުގައި 4 ޤަރުނަށްވުރެ ދިގު މުއްދަތަކަށް ފަލަސްތީނު އޮތްއިރުވެސް، އެތަނުގައި ދިރިއުޅެމުން އައި އެހެން ދީންތަކުގެ އަހުލުވެރިންގެ އެއްވެސް ޙައްޤަކަށް މުސްލިމުން އަރައިގެންފައެއްނުވެއެވެ. އެ އެންމެންވެސް އުޅެމުން އައީ މިނިވަންކަމާއި ޞުލްޙަވެރިކަމާއި، އަމާންކަމާއެކުގައެވެ.

އޭގެފަހުން ފަލަސްތީނާ ކުރިމަތިވީ، ޞަލީބީ ހަނގުރާމައެވެ. އެ ހަނގުރާމާގައި ދުޝްމަނުންގެ ޝިޢާރަކީ ޤުދުސާއި މުޤައްދަސް ބިންތައް މިނިވަންކުރުމެވެ. މި ޝިޢާރުގެ ދަށުން އެމީހުން ޤުދުސުގައި ހިންގި ޤަތުލު ޢާއްމުގައި މުސްލިމުންގެ 70،000 ވުރެ ގިނަ މީހުން ޝަހީދުކޮށްލިއެވެ. އެ މީހުން ޤުދުސަށް އަރައިގެންދިޔައީ ޝަހީދުވެފައިވާ މުސްލިމުންގެ ހަށިތައްމަތީ ހިނގާފައެވެ. 88 އަހަރުގެ މުއްދަކަށް ޞަލީބީން ޤުދުސުގައި ހިންގި ލާއިންސާނީ، އަނިޔާވެރި ވެރިކަމުގައި ނިމުމުގެ ސިއްކަ ޖައްސަވައި، ޞަލީބީ އިސްތިޢުމާރުން ޤުދުސް މިނިވަންކޮށްދެއްވީ މުޅި އިސްލާމީ އުއްމަތް އެ ޤާއިދަކަށްޓަކަށް ފަޚުރުވެރިވާ މަޝްޙޫރު ކޮމާންޑަރު ޞަލާޙުއްދީނުލް އައްޔޫބީއެވެ.

އެހެންނަމަވެސް ފަލަސްތީނާއި ޤުދުސަކީ ޔަހޫދީންނަށް ދެއްވުމަށް ﷲ ތަޢާލާ ވަޢުދުވެވޮޑިގެންފައިވާ ބިމެއްކަމަށް ދަޢުވާކުރާ ޔަހޫދީން އައީ، އެމީހުންގެ މި ހުވަފެން ޙަޤީޤަތަކަށް ހެދުމަށްޓަކައި، ޒައިނިޒަމްގެ ނަމުގައި ސިއްރު ރޭވުންތައް ރާވައި، ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

މި ހަރަކާތްތަކުގެ ތެރެއިން ނިރުބަވެރި ޖަމާޢަތްތައް އެމީހުން އުފެއްދިއެވެ. އަދި ފަލަސްތީނުގެ ވަސްވެސް ފޮހެލާ، "ނަސްލު ނައްތާލުމުގެ" ޝިޢާރުގެ ދަށުން، ފަލަސްތީނުގެ އަހުލުވެރިންނާ ދެކޮޅަށް ބަޑިއާއި ބޮމުގެ ޙަމަލާތައް ދީ، ޤަތުލު ޢާއްމުތައް މިއަދާ ހިސާބަށް އައިއިރުވެސް މެދުކެނޑުމެއްނެތި އަންނަނީ ހިންގަމުންނެވެ.

މި ލާއިންސާނީ ޖަރީމާތަކުގައި ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް ޝަހީދުވެ، އެތައް ލައްކައަކަށްވުރެ ގިނަ ރައްޔިތުންގެ ގެދޮރު ގެއްލި ރެފިއުޖީންނަށް ވަނީ ވެފައެވެ. މި ޙަމަލާތައް އަމާޒުކުރުމުގައި ކުޑައެއް ބޮޑެއް، އަންހެނެއް ފިރިހެނެއް ބެލުމެއްނެތެވެ. މިސްކިތްތަކާއި، ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި އަސާސީ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނަކަށްވެސް ބެލުމެއްނެތެވެ. ބައިނަލްއަޤްވާމީގޮތުން ހެދިފައިހުރި ޤާނޫނުތަކާއި ހަނގުރާމައިގެ އުޞޫލުތަކަށްވެސް އެއްވެސް ފަރުވާލެއްނެތެވެ.

މި ހުރިހާ ޖަރީމާތަކެއް ހިންގަމުން އައި އިންސާނީ ޙައްޤުތަކުގެ ޗެމްޕިއަނުން ކަމުގައި ދަޢުވާކުރާ ހުޅަނގާއި، ދުނިޔޭގެ ދެފުށް ދެގޮތް ސިޔާސަތު ގެންގުޅޭ ބޮޑެތި ބާރުތަކުގެ ޙިމާޔަތުގައި ތިބެގެންނެވެ. ޞުލްޙައިގެ މޭސްތިރިންކަމުގައި ހެދިގެން ތިބެ، މިނިވަން ދައުލަތެއްގެ ސިޔާސަތު ނަގާލައި، އިސްލާމީ އުއްމަތުގެ ތަރިކައެއްކަމުގައިވާ ފަލަސްތީނުގެ ބިމުގައި ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ދައުލަތެއް އުފައްދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ ހުޅަނގާއި ދުނިޔޭގެ ބޮޑެތި ބާރުތަކެވެ.

މުސްލިމުންގެ އެންމެ މުޤައްދަސް އެއް ބިންކަމަށްވާ ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ނަމުގައި ޣައިރު ޤާނޫނީ ދައުލަތެއް އުފެއްދިތާ ހަތްދިހަ އެތައް އަހަރެއް ފާއިތުވެއްޖެއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ޔަހޫދީ ދައުލަތް އުފެދުނުއިރު ފަލަސްތީނުގައި ޔަހޫދީން ދިރިއުޅުނު ބިމުގެ ނިސްބަތަކީ، އެންމެ ދިހައެއް އިންސައްތައެވެ. ނަމަވެސް މިއަދުގެ މަންޒަރު މުޅިން ތަފާތެވެ. މިއަދު ޔަހޫދީންވަނީ އެ ބިމުގެ ނުވަދިހަ އިންސައްތައަށް ގަދަކަމުން ވެރިވެގެންފައެވެ.

ޔަހޫދީން ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް ހިންގާ، ރަޙުމުކުޑަ ލާއިންސާނީ އަނިޔާތަކުގައި ނިކަމެތި އެތައް ޢާއިލާއެއްގެ ލޭ ހޮރުވައި މުސްލިމުންގެ މުޤައްދަސް ބިން އެބައި މީހުންގެ ބާރުގެ ދަށަށް ގެންދާއިރު، ފަލަސްތީނު ރައްޔިތުންގެ ގިސްލުންތަކާއި ކެކުޅުންތަކަށް ބައިނަލްއަޤްވާމީ ބޮޑެތި ބާރުތަކުން ދެނީ ބީރުކަންފަތެކެވެ.

ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްގެން ތިބި ޔަހޫދީން މަސައްކަތް ކުރަނީ އެބިމުން މުސްލިމުންގެ ވަސްވެސް ފޮހެލުމަށެވެ. އަލްޤުދުސުގައި ޔަހޫދީންނަށް ގެދޮރު އަޅައިދީ، އެތަނުގައި ޔަހޫދީން ވަޒަންވެރިކުރުވުމުގެ މަޝްރޫޢުތައް ދަނީ ހިންގަމުންނެވެ. ޔަހޫދީ މީޑިއާތަކާއި ހުޅަނގުގެ މީޑިއާތައް މެދުވެރިކޮށް އަލްޤުދުސުގައިވާ އިސްލާމީ މުޤައްދަސް މަލަތައް ދުނިޔޭގެ ލޯތަކަށް އޮޅުވާލުމުގެ ޖަރީމާއެއް ދަނީ ހިންގަމުންނެވެ.

ސުލައިމާނުގެފާނުގެ ބިނާ ހޯދުމުގެ ނަމުގައި މަސްޖިދުލް އަޤްޞާގެ ދަށުން ބިންގަރާސްތަކެއް ކޮނުމަށް ކުރާ މަސައްކަތަކީ ނުރައްކާތެރި ޖަރީމާއެކެވެ. މިކަމުގެ ޙަޤީޤީ ބޭނުމަކީ އެ ނަމުގައި މަސްޖިދުލް އަޤްޞާގެ ދަށުގައި ފައްޅިތަކެއް އެޅުމެވެ. މިތަންތަން ކޮނުމުގެ އާޚިރު ނަތީޖާއަކަށްވެގެންދާނީ މަސްޖިދުލް އަޤްޞާގެ ބިންގާތައް ބަލިކަށިވެ، ބިންހެލުމެއްގެ އަސަރު ކިރިޔާ ކުރިޔަސް މަސްޖިދުލްއަޤްޞާ ވެއްޓި، ބިމާ ހަމަވުމެވެ.

މަސްޖިދުލް އަޤްޞާއާއި މުޤައްދަސް ބިންތަކުގެ ދިފާޢުގައި ކީރިތި ރަސޫލާ ﷺ ގެ ލޮބުވެތި ޞަޙާބީން އެބޭކަލުންގެ ޖާނާއި މާލުން ޤުރުބާންވެވަޑައިގެންނެވިކަމީ އަޅުގަނޑުމެންނަށް ތާރީޚުން ފެންނަން އޮތް ހަޤީޤަތަކެވެ.

އިސްލާމީ ޢިލްމުވެރިން ވަނީ އެބޭކަލުންގެ އަޑުފުޅުތައް އުފުއްލަވާފައެވެ. މުސްލިމް ކޮމާންޑަރުން ވަނީ ޞަލީބީންގެ ވަކިތަކުން ފަލަސްތީނުގެ މުޤައްދަސް ބިން މިނިވަންކޮށްދެއްވާފައެވެ. މިއަދު މިވަނީ ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތަކުން ޢިބުރަތް ލިބިގަނެ، ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚުތުންގެ ދިފާޢުގައި މުޅި އިސްލާމީ ޢުއްމަތް އެކުއެކީގައި ނިކުންނަންޖެހިފައެވެ.

އަނިޔާވެރިކަމާއި ޖައްބާރުކަމުގެ އިންތިހާކަމުގައިވާ ޒައިނިސްޓު ޔަހޫދީ ދައުލަތުގެ އަނިޔާވެރިކަމުގެ ދަށުން ފަލަސްތީނު މިނިވަންކުރަން ކުރާ މަސައްކަތުގައި ވަރުގަދަ އިމާންކަމަކާއި، ޢަދުއްވުންގެ ރޭވުންތައް ބޮއްސުލުންލާ ފަދަ ޙިކުަތްތެރިކަމާއެކު ﷲ ގެ ޙަޟްރަތުން ވާގިއެދިގެން ކުރިއަށްދާންޖެހިފައެވެ.

އެންމެ އަސާސީ ޙައްޤުތަކުން މަހުރޫމުކުރެވި އަނިޔާ ލިބި، އަމިއްލަ ބިން ފޭރިގަނެވިފައިވާ މުސްލިމުން، އެބައިމީހުންގެ ޙައްޤުތައް ހޯދުމަށް މަސައްކަތް ކުރުމަކީ އިސްލާމީ ޝަރީޢަތާއި ބައިނަލްއަޤްވާމީ ޤާނޫނުތަކުންވެސް އެބައިމީހުންނަށް ލިބިގެންވާ ޙައްޤުތަކެވެ. ފަލަސްތީނު މިނިވަންކުރުމަށް ދުނިޔޭގެ އެތައް މިތަނުގައި ދިރިއުޅޭ މުސްލިމުންނާއި އިންސާނިއްޔަތަށް ލޯބިކުރާ ފަރާތްތަކުން ގޮވާލާ ގޮވާލުމުގެ އަޑުތައް މިވަނީ ގަދަވާންފަށާފައެވެ.