ތަރައްްޤީ

ފިއްލަދޫ އާއި ކެނދިކުޅުދޫ މަގުހެދުމުގެ މަޝްރޫޢު އާރްޑީސީއަށް


ހއ. ފިއްލަދޫއާއި ނ. ކެނދިކުޅުދޫ މަގުހެދުމުގެ މަޝްރޫޢު ރޯޑް ޑިވެލޮމަންޓް ކޯރޕަރޭޝަން، އާރް.ޑީ.ސީއާއި ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢު އާރް.ޑީ.ސީއާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ ޢަލީ މަނިކެވެ.

މި ދެ މަޝްރޫޢުވެސް އެކުންފުންޏާއި ޙަވާލުކުރައްވާފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުންނެވެ. މީގެ ތެރެއިން ނ. ކެނދިކުޅުދޫ މަގުތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ތާރު އަޅައިގެންނެވެ.

މި މަޝްރޫޢުގެ ދަށުން ރަށުގެ 3.7 ކިލޯމީޓަރުގެ މަގު ތާރުއަޅާ ތަރައްޤީކުރާނެއެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކޮށް މަގުބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މި މަޝްރޫޢަށް 90.8 މިލިއަން ރުފިޔާ ޚަރަދުވާއިރު، މަޝްރޫޢު ނިންމުމަށް އެކުންފުންޏަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.

ހއ. ފިއްލަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެރަށު ބަނދަރު ސަރަޙައްދުގެ މަގުތައް ހެދިގެންދާނެއެވެ. އެގޮތުން ޖުމްލަ 1.1 ކިލޯ މީޓަރުގެ މަގު ހެދުމާއި، މަގުތަކުގައި މަގުބައްތިޖެހުމުގެ މަސައްކަތް މި މަޝްރޫޢުގެ ދަށުން އެކުންފުނިން ކުރާނެއެވެ.

މި މަސައްކަތް ނިންމުމަށް 240 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، މިއީ 29.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެއްކަމަށް ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވެއެވެ.