ތަރައްްޤީ

2 ރަށެއްގެ ބިން ހިއްކުމާއި، 3 ރަށެއްގެ ބަނދަރު ހެދުން އެމްޓީސީސީއަށް


2 ރަށެއްގެ ބިން ހިއްކުމާއި، 3 ރަށެއްގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކުރައްވައިފިއެވެ.

އެކުުންފުންޏާއި ޙަވާލުކުރެއްވި 5 މަޝްރޫޢަކީ ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ބިން ހިއްމުގެ ދެވަނަ ފިޔަވަހީގެ ދަށުން އެރަށުގައި ޕިކްނިކް އައިލެންޑެއް ހެދުމަށް ބިން ހިއްކުމާއި، ކ. ދިއްފުށީ ބިން ހިއްކުމާއި ގިރާ ސަރަހައްދު ޙިމާޔަތްކުރުމާއި، ތ. ގާދިއްފުށީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢާއި، ކ. ހުރާ ބަނދަރު އަޕްގްރޭޑްކުރުމުގެ އިތުރުން އައްޑޫ ސިޓީ ފޭދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢެވެ.

އެމް.ޓީ.ސީ.ސީއާ ޙަވާލުކުރެއްވި މަޝްރޫޢުތަކުގެ ތެރެއިން ގދ. ތިނަދޫ ޕިކްނިކް އައިލެންޑަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 65،296 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ހިއްކާނެއެވެ. އަދި 474 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 50 މީޓަރުގެ ގްރޮއިންސް ޖެހުން ހިމެނެއެވެ.

ހަމައެހެންމެ ޕިކްނިކް އައިލެންޑަށް ފަސޭހައި އަރައި ފޭބުމަށް ބޭނުންވާ 2 ޖެޓީ ހެދުންވެސް ހިމެނެއެވެ. މި މަޝްރޫޢު އެމް.ޓީ.ސީ.ސީއަށް ޙަވާލުކޮށްފައިވަނީ 300 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަށް 57.6 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީއިން ވިދާޅުވެއެވެ.

ކ. ދިއްފުށީ ބިން ހިއްކުމާއި ގިރާ ސަރަޙައްދުގެ މަސައްކަތް 169 މިލިއަން ރުފިޔާއަށް އެމް.ޓީ.ސީ.ސީއާ ޙަވާލުކުރެއްވީ 450 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން ދިއްފުށީގައި 22.97 ހެކްޓަރުގެ ބިން ހިއްކުމާއި، ހިއްކާ ސަރަހައްދުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ގޮތުން 710 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓެއް ޖެހުން ހިމެނެއެވެ. އަދި 670 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޤާއިމުކުރެވިގެންދާނެއެވެ. ހަމައެހެންމެ 270 މީޓަރ ބޮޑު ހިލައިގެ ގްރޮއިންއާއި 300 މީޓަރުގެ ރިވެޓްމަންޓް މަރާމާތުކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

އައްޑޫ ސިޓީ ފޭދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ ޕްރޮޖެކްޓް ސްކޯޕަށް ބަލާއިރު، 75،398 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 5320 މީޓަރުގެ ނެރު ފުންކުރުމާއި، ސޭންޑްފިލް ބްރޭކްވޯޓަރ ޖެހުން ހިމެނެއެވެ. އަދި 20 މީޓަރުގެ ސަބްމާރޖްޑް ބްރޭކްވޯޓަރއެއް ޖެހުމާއި، 157 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 93 މީޓަރުގެ ކީވޯލް ޖެހުމާއި، 93 މީޓަރުގެ ސްކޮޔަރ އޭޕްރަންޖެހުމާއި، 24 މޫރިން ރިންގ ހަރުކޮށް، 20 މޫރިން ބޮއި ހަރުކުރުން ހިމެނެއެވެ.

މީގެ އިތުރުން އެކްސެސް ޕްލެޓްފޯމެއް ހެދުމާއި، 2 ކޮންކްރީޓް ބްރިޖް ހެދުމާއި 35 މަގުބަތި ހަރުކުރުމާއި، 2040 އަކަމީޓަރުގެ ކޮންކްރީޓް ޕޭވްމަންޓް ހެދުންވެސް ހިމެނެއެވެ. މި މަޝްރޫޢަށް ޖުމްލަ 79.8 މިލިއަން ރުފިޔާ ޚަރަދުވާއިރު، މަޝްރޫޢު ނިންމުމަށް އެމް.ޓީ.ސީ.ސީއަށް ދީފައިވަނީ 540 ދުވަހުގެ މުއްދަތެކެވެ.

އެމް.ޓީ.ސީ.ސީއާއި ތ. ގާދިއްފުށީ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ޙަވާލުކުރެއްވީ 580 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މިއީ 85.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ގާދިއްފުށީ ބަނދަރުގެ ތެރެއިން 47،243 ކޮޑިމީޓަރުގެ ވެލި ކޮނެގެން ނެގުމާއި، ނެރުފުންކުރުމާއި، 227 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމާއި، 289 މީޓަރުގެ ބޮޑުހިލަ ސޭންޑް ފިލްޑް ބްރޭކްވޯޓަރ ޖެހުމާއި، 252 މީޓަރުގެ އެލް-ބްލޮކް ސޭންޑް ފިލްޑް ބްރޭކްވޯޓަރ ޖެހުން ހިމެނެއެވެ. އަދި 145 މީޓަރުގެ ބޮޑު ހިލަ ސަބްމާޖްޑް ބްރޭކްވޯޓަރ ޖެހުމާއި، 9 މީޓަރުގެ ބޮޑުހިލަ ސަބްމާޖްޑް ބްރޭކްވޯޓަރ ޖެހުމާއި، 204 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި، 318 މީޓަރުގެ އެލް-ބްލޮކް ބަނދަރު ތޮށި ޖެހުން ހިމެނެއެވެ.

ހަމައެހެންމެ 1365 އަކަމީޓަރުގެ ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި، 1 ޖެޓީ ސޭންޑް ފިލްޑް ބްރޭކްވޯޓަރ އަށް އެރުމަށް ހެދުންވެސް މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

ކ. ހުރާ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު އެމް.ޓީ.ސީ.ސީއާ ޙަވާލުކުރައްވާފައިވަނީ 67.8 މިލިއަން ރުފިޔާއަށް 540 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން 26453 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، ބަނދަރަށް އިތުރުކުރެވޭ ބައިގެގޮތުގައި 40111 ކިއުބިކް މީޓަރު ފުންކުރުމާއި، 5445 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 210 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި 86 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 317 މީޓަރުގެ ސޭންޑްފިލް ބްރޭކްވޯޓަރ ޖެހުމާއި، 176 މީޓަރުގެ އެއްގަމުތޮށި ޖަހާ، 370 މީޓަރުގެ ސްކޯރިންގ އެޕްރޮން ޖެހުންވެސް ހިމެނެއެވެ.

ހަމައެހެންމެ 19 މޫރިންގ ބޮއި ހަރުކޮށް، 32 މަގުބައްތި ހަރުކުރުމާއި، 2 ނެވިގޭޝަނަލް ލައިޓް ހަރުކުރުމާއި، 1795 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމުގެ އިތުރުން ކޮންކްރީޓް ބްރިޖަކާއި ކޮންކްރީޓް ޖެޓީއެއް ހެދުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.

މި 5 މަޝްރޫޢު އެމް.ޓީ.ސީ.ސީއާ ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ސީ.އީ.އޯ އާދަމް އާޒިމެވެ.