ޚަބަރު

ކޯވިޑް ވެކްސިން ހަމަހަމަކަމާއެކު ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


ކޯވިޑް-19 ވެކްސިން ހަމަހަމަކަމާއެކު ފޯރުކޮށްދިނުމާ ބެހޭ ގޮތުން އދ. ގެ އާއްމު މަޖިލީހުގެ ރައީސް އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޓެޑްރޮސް އަދަނޮމް މަޝްވަރާކުރައްވައިފިއެވެ.

"އިން ކޮންވަޒޭޝަން"ގެ ނަމުގައި އދ.ގެ އާއްމު މަޖިލީހުގެ ރައީސްގެ އޮފީހުން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ބޭއްވި މިބައްދަލަވުމުގެ މައިގަނޑު ބޭނުމަކީ ކޯވިޑް-19 އިން އަރައިގަތުމަށް ބޭނުންވާ ވެކްސިން، ހަމަހަމަކަމާއެކު ހުރިހާ ޤައުމަކަށް ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓަރ ޝާހިދު ބާއްވަވާ ދުނިޔޭގެ ފެންވަރުގެ ބައްދަލުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމެވެ.

ވަރޗުއަލްކޮށް ބޭއްވެވި މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑިޓެޑްރޮސްވަނީ ވެކްސިން ފޯރުކޮށްދީފައިވާ މިންވަރާއި، ހުރި ދަތިތަކާ އަދި ހާސިލްކުރަން ބޭނުންވާ ލަނޑުލަނޑިތަކާ ބެހޭގޮތުން އދ.ގެ އާއްމު މަޖިލީހުގެ ރައީސަށް މައުލޫމާތު ދެއްވާފައެވެ. ޢެގޮތުން 2021 ނިޔަލަށް ކޮވެކްސް ވެކްސިންގެ 1 ބިލިޔަން ޑޯޒު ފޯރުކޮށްދެވިފައިވާ ކަމާއި، ގްލޯބަލް ހެލްތު އިމަރޖެންސީއަކުން އަރައިގަތުމަށްޓަކައި ޑަބްލިއު.އެޗް.އޯ.ގެ ޓާގެޓަކީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ގައުމުތަކުން އެ ގައުމެއްގެ އާބާދީގެ %70 ވެކްސިނޭޓްކުރުން ކަމަށް ޓެޑްރޮސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ވެކްސިން ގެޕް ކުޑަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށާއި، މިހާރު ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ވީހާވެސް އަވަސް ގޮތެއްގައި ވީހާވެސް ދުރަށް ވެކްސިން ރޯލްއައުޓްކުރުންކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ޑަބްލިއު.އެޗް.އޯ.އިން ދަނީ ގައުމުތަކާ ގުޅިގެން ހުރި ގޮންޖެހުންތަކުން އަރައިގަނެ ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންކަން ޓެޑްރޮސް ފާހަގަކުރެއްވިއެވެ. އަދި، ވެކްސިންގެ އިތުރުން ގައުމުތަކަށް ކޯވިޑް-19 އަށް ޓެސްޓްކުރެވޭނެ ގޮތާއި ފަރުވާދިނުމުގެ އިންތިޒާމްވެސް ހުންނަން ޖެހޭކަން ޓެޑްރޮސް ފާހަގަކުރެއްވިއެވެ. މިހެންވެ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށާއި، ކޯވިޑް-19 އިން ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށާއި، ދެމެހެއްޓެނިވިގޮތެއްގައި ދުނިޔެ އާރާސްތުވުމަށް ގައުމުތަކުން "އެކްސެސް ޓު ކޯވިޑް-19 ޓޫލްސް އެކްސެލެރޭޓަރ" އަށް ފަންޑުކުރުމުގެ މުހިންމުކަން ޓެޑްރޮސް ފާހަގަކުރެއްވިއެވެ.