ޚަބަރު

ފަހު ސިކުންތު މުނީޒް ޖެހި ގޯލުން އާރްއާރްސީ ތަށި ދިފާއުކޮށްފި


ފަހު ސިކުންތުކޮޅުގައި އިސްމާއިލް މުނީޒް (ޓްރީ) ކާމިޔާބުކޮށްދިން ގޯލުން، އެސްޓީއޯ ރެކްރިއޭޝަން ކުލަބް ބަލިކޮށް ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އިން ވިދިވިދިގެން ދެވަނަ ފަހަރަށް ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފިއެވެ.

މިއީ ކްލްބަ މޯލްޑިވްސް ކަޕް އާރުއާރުސީ އިން ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. މީގެ ކުރިން 2021 ވަނަ އަހަރު އަދި 2025 ވަނަ އަހަރު އާރުއާރުސީ އިން ވަނީ ކްލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފައެވެ.

ހޮނިހިރު ދުވަހުގެރޭ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދިޔަ ފައިނަލް މެޗު އާރްއާރްސީ އިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އާރްއާރްސީ އިންނެވެ. މެޗުގެ 18 ވަނަ މިނިޓްގައި މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުނީޒްއެވެ. އެކަމަކު އޭގެ ސިކުންތުކޮޅެއް ފަހުން އެސްޓީއޯ އިން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ހުސެއިން ޝަރީފް (އޮންލީ)އެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނިޓްގައި ޝަނާން ރަޝާދު ވަނީ ގޯލު ޖަހައި އަލުން އާރުއާރުސީ އަށް ލީޑު ނަގައިދީފައެވެ. އެކަމަކު އޭގެ ތިން މިނިޓް ފަހުން ލިބުނު ޕެނަލްޓީއަކުން އިސްމާއިލް އީސަ (މެސީ) ވަނީ އެސްޓީއޯ އަށް އަލުން ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

މެޗުގެ ފަހު ސިކުންތުކޮޅުގެ ތެރޭގައި އާރްއާރްސީ އަށް އަލުން ލީޑު ނަގައިދިނީ މުނީޒް ޖަހައިދިން ގޯލުންނެވެ. މިއީ އަހުމަދު އަފްލާޒް މުޅިން ހުސްކޮށްލައިފައި މުނީޒް އަށް އޭރިއާ ތެރެއިން ދިން ބޯޅައެއް ގޯލުގެ މެދަށް ވައްދާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، އެސްޓީއޯގެ އަހުމަދު ރާހިލް ރަޝީދު (ރާއްކޮ)، ހަމަ އެޓީމުގެ ހުސެއިން ޝަރީފް (އޮންލީ)، އާރްއާރްސީގެ މުސިން މުންތަޒީމީ، އެސްޓީއޯގެ މުހައްމަދު ޒުހަލް އަދި އާރްއާރްސީގެ ޝަނާން ރަޝާދު އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އާރްއާރްސީގެ ޝަނާން އެވެ.