ޚަބަރު

ރާއްޖޭގައި ތިއްބެވި އެކި ޤައުމުތަކުގެ މަންދޫބުންނާ ޚާރިޖީ ވަޒީރު ބައްދަލުކުރައްވައިފި


  • ދެމެހެއްޓެނިވި ގޮތެއްގައި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ވަޒީރު ދައުވަތު ދެއްވި

ރާއްޖޭގައި ތިއްބެވި އެކި ޤައުމުތަކުގެ މަންދޫބުންނާ ޚާރިޖީ ވަޒީރު ބައްދަލުކުރައްވައިފިއެވެ.

އެކި ޤައުމުތަކުގެ މަންދޫބުންނަށް ޚާއްސަކޮށްގެން ބޭއްވި އައުޓްރީޗް ހަރަކާތުގައި ވާހަކަދައްކަވަމުން ވަޒީރު އިރުތިޝާމް އާދަމް ވަނީ ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމަށްފަހު ބައިނަލްއަގުވާމީ މުޖުތަމަޢުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެންގޮސްފައިވާ ކަމަށެވެ. އެ އެއްބާރުލުން ލިބިގެންދިޔައީ ޤައުމުތަކާއެކު އުފެދިފައިވާ ގާތްގުޅުމުގެ ސަބަބުންކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ "މޯލްޑިވްސް ފަރސްޓް ޕޮލިސީ" ގެ ދަށުން ޑިޕްލޮމަސީގެ ރިވެތި ގޮތްތަކާއި ބައިނަލްއަގުވާމީ ގަވާއިދުތަކާއެއްގޮތްވާގޮތުގެމަތިން ދޭދޭ ޤައުމުތަކާއި ބައިނަލްއަގުވާމީ މުޖުތަމަޢާ ގުޅުން ބަދަހިކުރެއްވުމުގައި ދެމި ތިއްބަވާނެ ކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އެހެންވެ، އެކުވެރި ހުރިހާ ޤައުމުތަކުންވެސް ރާއްޖޭގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތައް ބަލައި، ގުޅިގެން، ދެމެހެއްޓެނިވި ގޮތެއްގައި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ވަޒީރު ދައުވަތު ދެއްވިއެވެ.

މި އައުޓްރީޗް ހަރަކާތުގައި ޚާރިޖީ ވުޒާރާއިން ވަނީ މިނިވަންކަން ލިބުމަށްފަހު ރާއްޖޭން ހޯދާފައިވާ ކާމިޔާބީތަކާއި އެކި ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ ޕްރެޒެންޓޭޝަނެއްވެސް ހިއްސާކުރައްވާފައެވެ.

މި ހަރަކާތުގައި ޚާރިޖީ ވަޒީރުގެ އިތުރުން ދައުލަތުގެ އެހެނިހެން ބައެއް ވަޒީރުންނާއި އެކި ޤައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ތިއްބަވާ އަދި ކަނޑައަޅުއްވާފައިވާ ސަފީރުންނާއި ބައިނަލްއަގުވާމީ އެކި ޖަމުޢިއްޔާތަކުގެ މަންދޫބުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޚާރިޖީ ވުޒާރާއިން މައުލޫމާތު ދެއްވާ ގޮތުގައި މި ހަރަކާތަކީ އެކުވެރި ޤައުމުތަކާއެކު އޮތް ގާތްގުޅުން އިތުރަށް ބަދަހިކޮށް، ރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވުނު ޚާއްސަ ހަރަކާތެއް ކަމަށެވެ.