ރިޕޯޓް

ކުންފުނިތައް ރައިޓްސައިޒްކުރުން: ހިންގުން ހަރުދަނާކުރަން މުހިއްމު ފިޔަވަޅެއް


  • ކުންފުނިތަކުގެ ރިޑަންޑެންސީގެ މަސައްކަތް ފެށީ އެޕްރީލް މަހު

  • ބައެއް މުވައްޒަފުންނަށް އަމިއްލައަށް ވަކިވާން ފުރުސަތު ދިން



ސަރުކާރުން މި އަހަރުގެ އެޕްރީލް މަހު ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި 42،000 އަށްވުރެ ގިނަ މުވައްޒަފުން ތިބިއިރު، ސިވިލް ސަރވިސްގައި 34000އެއްހާ މުވައްޒަފުން ވަޒީފާ އަދާކުރަމުންދެއެވެ. އެހެންކަމުން ތަފާސްހިސާބުތަކަށް ބަލާނަމަ އެސްއޯއީތަކުގައި މުވައްޒަފުން ތިބި މިންވަރު އިތުރުކަން ހާމަވެއެވެ.

ކުންފުނިތަކަށް މީހުން އިތުރުކޮށްފައި ހުރި ދަނޑިވަޅުތަކަށް ބަލާއިރު، ބޮޑެތި އިންތިޚާބުތަކާއި ކައިރިކޮށްފައި މީހުން ނަގާފައިވުމަކީ، އެ މުވައްޒަފުން ނެގި މަޤްސަދާއި މެދު އާއްމުން ސުވާލު އުފައްދާ އެއް ސަބަބެވެ. ކުންފުނިތަކަށް މީހުން އިތުރުކޮށްފައި ހުރި ގޮތުގެ ޓްރެންޑަށް ބަލާއިރު، ބައެއް އިންތިޚާބުތަކާއި ދިމާކޮށް ކުންފުނިތަކަށް 1000-2000 މީހުން އިތުރުކޮށްފައި އެބަހުއްޓެވެ.

ސަރުކާރު ކުންފުނިތަކުގައި މުވައްޒަފުން އިތުރުވުމުން ހިންގުމުގެ ޚަރަދު ބޮޑުވުމުގެ ޝަކުވާއަކީ، އިއްޔެއަކު މިއަދަކު ފެންމަތިވި ވާހަކައެއް ނޫނެވެ. ކުންފުނިތަކުގެ ހިންގުމާއި ހަވާލުވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮންނަކަމަކީ، ރިކަރަންޓް ޚަރަދު ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތަކެވެ.

ފެނަކަ ފަދަ ކުންފުނިތަކުގައި މަސައްކަތްކުރަން ބޭނުންވާ މުވައްޒަފުންގެ އަދަދަށްވުރެ އިތުރަށް ވަޒީފާތަކަށް މީހުން ނަގާފައި ތިބިއިރު، އެކަމުގެ ސަބަބުން ފަންނީ މަސައްކަތްތައް ކުރުމުގައި އެ މީހުންގެ ބޭނުން ނުކުރެވި، ހަގީގީ މަސައްކަތުގެ ފޯސްއަށް ބާރުބޮޑުވާން މެދުވެރިވިއެވެ. މިކަމާއި ގުޅިގެން މަސައްކަތް ކުރާ މުވައްޒަފުންގެ ހިތުގައި ނުތަނަވަސްކަން އުފެދި، އެ ކަންބޮޑުވުންތައް މެނޭޖުމެންޓާއި ހިސާބަށް ރަސްމީ އަދި ނުރަސްމީ މަންސަތަކުން ފޯރުކޮށްދީފައިވެއެވެ.

ކަންމިހެން އޮތްނަމަވެސް، މުވައްޒަފުން ވަކިކުރުމަކީ ފަސޭހަ ނިންމުމެއް ނޫނެވެ. ވަޒީފާއިން މީހަކު ވަކިކުރާއިރު އޭނާއަށް ވަޒީފާ ލިބުނީ ނުރަނގަޅު ނުފޫޒެއްގެ ތެރެއިން ކަމުގައިވީނަމަވެސް، ބަލަންޖެހޭ ކަންތައްތަކެއް ހުރެއެވެ. ވަޒީފާއިން ވަކިކުރުމުގައި މީހުންގެ ހައްޤުތައް ކަށަވަރު ކުރުމަކީ، މުހިންމު ކަމެކެވެ. ނަމަވެސް ކުންފުނިތައް ހިންގުމަށް ދަތިވާނެހެން މުވައްޒަފުން ގެންގުޅުމަކީ، ކުންފުނި ހިންގަން ފަސޭހަކަމަކަށް ނުވެއެވެ. ޚާއްސަކޮށް ދިމާވެފައިވާ އިޤްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުންފުނިތައް ރައިޓްސައިޒު ކުރުމަކީ، މުހިންމު ފިޔަވަޅެކެވެ.

މިކަމާއި ގުޅޭގޮގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވެފައިވަނީ، ސަރުކާރުގެ ކުންފުނިތައް ހަމަމަގަށް އަޅުވައި ރައިޓް ސައިޒު ކުރުމަކީ ރާއްޖޭގެ މާލީ ކުރިއެރުމަށާއި، މުސްތަޤުބަލަށްޓަކައި އެޅުން ކޮންމެހެން މަޖުބޫރުވެފައިވާ މުހިންމު ފިޔަވަޅެއް ކަމަށެވެ. ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ޤައުމުގެ އިޤްތިސާދު ސަލާމަތްކޮށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ޤާނޫނީ ހަމަތަކުގެ މަތިން ކަންކަން ކުރުންކަން ރައީސް ފާހަގަކުރެއްވިއެވެ.

މި މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން ރަސްމީކޮށް މަސައްކަތް ފެށީ، މި އަހަރުގެ ތެރޭގައެވެ. ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން އަންގަވާފައިވަނީ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީ.ސީ.ބީ)ގެ ރައީސަށް ފޮނުއްވި ސިޓީއެއްގައެވެ.

ޚަރަދުތައް ބެލެހެއްޓުން ހަރުދަނާ ކުރުމަށް މިފަދަ ނިންމުމެއް ނިންމުން ވެގެންދިޔައީ، ސިޔާސީ ގޮތުން ފާޑުކިޔުންބޮޑު ކަމަކަށެވެ. ކުންފުނިތައް ރައިޓްސައިޒް ކުރުމާއި މެދު އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަކީ، ސިޔާސީ ވާހަކަތަކެއް ކަމަށް ސަރުކާރުން ސިފަކުރެއެވެ. އެގޮތުން، ކުންފުނިތަކުން 14،000 މީހުން ކަނޑާލާ ކަމަށާއި، އޭގެ އަސަރު 50،000 މީހުންނަށް ކުރާކަމަށް ބުނެ އިދިކޮޅު އެމްޑީޕީއިން ދައްކަމުން ދަނީ ޚިޔާލީ ވާހަކަތަކެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މުވައްޒަފުންގެ އަދަދު މަދުކުރުމަށް ބައެއް ކުންފުނިތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ބަލާލާއިރު، އެޗްޑީސީއާއި، ފެނަކަ ފަދަ ކުންފުނިތަކުން ވަނީ އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ތިން މަހުގެ މުސާރައާއެކު ވަކިވުމަށް ފުރުސަތު ހުޅުވާލާފައެވެ. މި ބަދަލުގެ ބޭނުމަކަށްވީ، ކުންފުނިތަކުގެ ސައިޒު، އެ ކުންފުންޏެއްގެ މަސައްކަތާ އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުމެވެ.

އަމިއްލައަށް އެދިގެން މާލީ އިނާޔަތްތަކާއެކު ވަޒީފާއިން ވަކިވުމަށް ފެނަކަ ކޯޕަރޭޝަންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދިން ފުރުސަތުގައި، އެކަމަށް އެދި ފެނަކައިން އެކަނިވެސް 97 މުވައްޒަފުން ހުށަހަޅާފައިވެއެވެ. އަމިއްލައަށް ވަޒީފާއިން ވަކިވާން ދިން ފުރުސަތަށް ލިބުނު ތަރުޚީބާއި އެކަމާއި މެދު މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ޚިޔާލުތަކަށް ބެލުމުން ކުންފުނިތަކުގެ މުވައްޒަފުންގެ އެއްބާރުލުން އެކަމަށް އޮތް މިންވަރު ހާމަވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން، ފެނަކަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފު ހުސައިން ވިދާޅުވެފައިވަނީ ކުންފުނި ރައިޓްސައިޒް ކުރުމަކީ މިއީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ދިނުމުގައި އެންމެ އެކަށީގެންވާ ގޮތަށް ވަސީލަތްތައް ބޭނުންކުރުމަށް އެޅޭ ބާރެއް ކަމަށެވެ. އެކަން މުވައްޒަފުންވެސް ޤަބޫލުކުރާ ކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

"ރިޑަންޑަންސީގެ މައިގަނޑު ބޭނުމަކީ މަސައްކަތްތައް ހަރުދަނާކުރުން. އެއްބަޔަކު ބުރަ މަސައްކަތް ކުރާއިރު އަނެއް ބަޔަކު ކާޑު ޖަހާފައި ގެއަށް ދިއުމަކީ ފެއާ ގޮތެއް ނޫން." އޭނާ ވިދާޅުވިއެވެ.

ކުންފުނިތަކުން މުވައްޒަފުން ވަކިކުރުން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ސަރުކާރުން އިސްކަންދެއްވައެވެ. އެގޮތުން ކުންފުނިތަކުން އިރުޝާދުތަކަށް އަމަލުކުރާ މިންވަރު ޕީސީބީން ގާތުން މޮނިޓަރ ކުރަމުންދާކަން ފާހަގަކުރެވެއެވެ. އަދި މުވައްޒަފުންގެ އަދަދަށް އަންނަ ބަދަލުތައް ހަފުތާއަކު އެއްފަހަރު ޕީސީބީއަށް ފޮނުވުމަށް ވަނީ އަންގާފައެވެ.

ކުންފުނިތައް ރައިޓްސައިޒްކޮށް އެގޮތުގައި ދެމިއޮތުމަށް ކުރިއަށް އޮތްތަނުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކަށް އިދާރާތަކުން ދަނީ، ސަމާލުކަން ދެމުންނެވެ. އެގޮތުން ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ އައު މުވައްޒަފުން ނުނެގުމާއި، ކުންފުނިތަކުގެ މަސައްކަތަށް ބޭނުންވާ މުވައްޒަފުންގެ އަސްލު އަދަދު ދެނެގަނެ ލިޔުމުން އެކަން އެނގޭނެ ގޮތް ހެދުމާއި، ގިނަވެގެން ކުންފުނިތަކުގައި ތިބޭނެ މުވައްޒަފުންގެ މިންވަރާއި ކުންފުނި ފުޅާކުރާއިރު މުވައްޒަފުން އިތުރުވާނެ މިންވަރު އެނގޭނެހެން ތަފްސީލް ކުރުމުގެ މަސައްކަތްކުރުން ހިމެނެއެވެ. އޭގެ ބޭނުމަކީ ކުރިއަށް އޮތްތަނުގައިވެސް އުސޫލެއް، މިނެއްނެތި ކުންފުނިތަކަށް މުވައްޒަފުން ނެގުމުގެ ސަޤާފަތް މަޑުޖައްސާލުމެވެ.