ޚަބަރު

ލުބްނާނު އާރާސްތުކުރަން 27 ބިލިޔަން ޑޮލަރު ބޭނުންވޭ


ލުބްނާނުގެ ބޮޑުވަޒީރު ނަވާފު ސަލާމު ވިދާޅުވީ 2023 ވަނަ އަހަރު ޔަހޫދީން ފެށީ ހަނގުރާމައިގެ ސަބަބުނެ ލުބުނާނަށް ލިބުނު އިގްތިސާދީ އަދި އުމްރާނީ ގެލުން 27 ބިލިއަން އެމެރިކާ ޑޮލަރައް އަރާކަމަށެވެ.

ސަލާމް މިމޭރުމުން ވާހަކަދެއްކެވީ ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ލުބްނާނުގެ މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައެވެ. އޭނާ ވިދާޅުވި ގޮތުގައި ލިބިފައިވާ ގެއްލުންތަކުގެ ބޮޑުމިން ހުރީ ގައުމުގެ ވަސީލަތްތަކުން އަލުން އިއާދަކުރެވޭ މިންވަރަށްވުރެ މާ މަތީގައެވެ.

"ލުބްނާނުގެ ރައްޔިތުންނަށް އަޅުގަނޑުމެން ތެދުބަހުން ހަގީގަތް ހާމަކުރަންޖެހޭ. ލިބިފައިވާ ގެއްލުންތަކުގެ ބޮޑުމިން ދައުލަތުގެ ގާބިލުކަމަށްވުރެ މާ ބޮޑު،" ސަލާމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ގައުމު އަލުން ބިނާކޮށް އިއާދަކުރުމަށްޓަކައި ދައުލަތުގެ ވަސީލަތްތަކުގެ އިތުރުން، އަރަބި ގައުމުތަކާއި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަމާއި ބޭރުގެ ބޮޑެތި ފަންޑުތައް ބޭނުންވާ ކަމަށެވެ.

އަލުން ބިނާކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ދައުލަތަށް އޮންނަ އިތުބާރު އަލުން ގާއިމުކުރުމާއި އިސްލާހީ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމުގެ މައްޗަށްވެސް ސަލާމް އަލިއަޅުއްވާލެއްވިއެވެ.

"މާލީ އެހީތެރިކަމެއް ނެތި ދެމެހެއްޓެނިވި ގޮތެއްގައި ގައުމެއް ބިނާއެއް ނުކުރެވޭނެ. އިތުބާރެއް ނެތި ފައިސާއެއް ނުލިބޭނެ. އަދި ގާބިލު ދައުލަތެއް ނެތި އިތުބާރެއް ނުއުފެދޭނެ. ގާބިލު ދައުލަތެއް ބިނާކުރުމަށްޓަކައި ކަނޑައެޅިގެން އިސްލާހީ ބަދަލުތައް ގެންނަންޖެހޭ،" އޭނާ ވިދާޅުވިއެވެ.

ލުބްނާނަށް ޔަހޫދީން ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަލާމް ވިދާޅުވީ، މިދިޔަ މާރިޗު މަހުން ފެށިގެން ކުރިމަތިވި ހަނގުރާމައަކީ ބެއިރޫތުން އިޚުތިޔާރުކުރި ކަމެއް ނޫން ކަމަށެވެ.

"މި ހަނގުރާމައިގެ ތެރެއަށް ވަނުމާ ގުޅޭގޮތުން އަޅުގަނޑުމެންގެ ޚިޔާލެއްވެސް ހޯދާފައެއް ނުވޭ. މިއީ 2023 އާއި 2024 ވަނަ އަހަރުގެ ހަނގުރާމައިގެ ފުން ޒަޚަމްތަކުން އަދި ސަލާމަތްނުވެވި އުޅެނިކޮށް، އަޅުގަނޑުމެންގެ މައްޗަށް މަޖުބޫރުކުރުވި ކަމެއް،" އޭނާ ވިދާޅުވިއެވެ.

ސަލާމް ވިދާޅުވި ގޮތުގައި، 8 އޮކްޓޯބަރު 2023 ގައި ފެށުނު ފުރަތަމަ ހަނގުރާމައިގެ ސަބަބުން ލިބުނު ޖުމްލަ ގެއްލުން ގާތްގަނޑަކަށް 14 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ އަންދާޒާކޮށްފައެވެ.

މީގެ ތެރޭގައި އިމާރާތްތަކާއި މުދަލަށް ލިބުނު ގެއްލުމުގެ ގޮތުގައި ހިމެނޭ 7.2 ބިލިއަން ޑޮލަރާއި، އިގްތިސާދީ ހަރަކާތްތައް ހުއްޓި، އުފެއްދުންތެރިކަމާއި އާމްދަނީ ދަށްވުމުގެ ސަބަބުން ލިބުނު 6.8 ބިލިއަން ޑޮލަރުގެ ގެއްލުން ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ.