ދުނިޔޭގެ ވިޔަފާރި

ވިންޓަރ ރިލީޒްތަކުގެ ކާމިޔާބީއާއެކު "ޑިޒްނީ ޕްލަސް" އައު އުސްމިންތަކަކަށް


ފިނިމޫސުމާއި ދިމާކޮށް ނެރޭ އުފެއްދުންތައް ނުވަތަ ވިންޓަރ ރިލީޒްތަކުގެ ކާމިޔާބީއާއެކު ޑިޒްނީ ޕްލަސް އެކައުންޓް ހުޅުވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެއެެވެ.

މުނިފޫހިފިލުވުމުގެ އެކި އުފެއްދުންތައް އުފައްދާ އެމެރިކާގެ ޑިޒްނީ ކުންފުނިން އޮންލައިން ސްޓްރީމިންއަށް ދޭ އަހަންމިއްޔަތުކަން އިތުރުކޮށް، ކުންފުނި ހިންގުމުގެ ވައްޓަފާޅިއަށް ވަނީ ބަދަލުތައް ގެނެސްފައެވެ.

ޑިޒްނީން އޮންލައިން ސްޓްރީމިންގެ ވިޔަފާރި ފުޅާކުރުމަށް ނިންމާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައި އެ ކުންފުނިން ތަޢާރަފްކުރި ޑިޒްނީ ޕްލަސްގެ މަޤުބޫލުކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ޑިޒްނީ ޕްލަސްއިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކަގޮތުން މިއަހަރު ވެގެންގޮސްފައިވަނީ ޑިޒްނީ ޕްލަސްއަށް ކާމިޔާބު އަހަރަކަށް ކަމަށެވެ. ކޯވިޑްގެ ސަބަބުން ފުރަބަންދުވެ އޮންލައިން ސްޓްރީމިންގ އިތުރުވެގެން ދިއުމުން މިއަހަރުގެ ތެރޭގައި ޑިޒްނީ ޕްލަސް އެކައުންޓް ހުޅުވާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަން އެކުންފުނިން ހާމަކުރިއެވެ. އަދި ފިނިމޫސުމާއި ދިމާކޮށް ނެރޭ އުފެއްދުންތައް ނުވަތަ ވިންޓަރ ރިލީޒްތަކުގެ ކާމިޔާބީއާއެކު ޑިޒްނީ ޕްލަސް އެކައުންޓް ހުޅުވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައިވާކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. އެގޮތުން މި މުއްދަތުގައި އައު އެކައުންޓްތައް އުފެއްދި މިންވަރު 35 އިންސައްތައިގެ އިތުރުވުމެއް ފެނިފައިވާކަމަށް ޑިޒްނީ ޕްލަސްއިން ހާމަކުރެއެވެ. މި މުއްދަތުގައި ޑިޒްނީ ޕްލަސްގެ ސްޓޮކްވެސް ވަނީ 13 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.

ވިންޓަރ ރިލީޒްގެ ގޮތުގައި މިހާތަނަށް އައިރު 10 ފިލްމާއި ކުޑަކުދިންނަށް ޚާއްސަ ގިނަ ކޮންޓެންޓް ރިލީޒްކޮށްފައިވާއިރު ކުރިއަށް އޮތްތަނުގައިވެސް މި ޕެކޭޖްގެ ދަށުން ބޮޑެތި ފިލްމްތަކެއް ނެރެން ނިންމާފައިވާކަމަށް ޑިޒްނީ ޕްލަސްއިން މަޢުލޫމާތުދެއެވެ. ޑިޒްނީ ޕްލަސްގެ މި ކާމިޔާބީއާއެކު މި ޕްލެޓްފޯމް މަޝްހޫރު އޮންލައިން ސްޓްރީމިން ޕްލެޓްފޯމް ނެޓްފްލިކްސްއާއި ފައިހަމަކުރަމާއި ގާތަށް ޖެހިލާފައިވާކަމަށް ތަޖުރިބާކާރުން މަޢުލޫމާތުދެއެވެ.

ފުރަބަންދަށް ދިން ލުއިތަކާއެކު ނެޓްފްލިކްސް އެކައުންޓް ހުޅުވާ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް މިހާރު ވަނީ ދަށަށް ގޮސްފައެވެ. ނެޓްފްލިކްސްއިން އާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާލާއިރު، ނިމުނު ކުއާޓަރުގައި 2.2 މިލިއަން މީހުން ނެޓްފްލިކްސް އެކައުންޓް ހުޅުވާފައިވާއިރު، މިއީ މިދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި އަލަށް ނެޓްފްލިކްސްއަށް ސަބްސްކްރައިބް ކުރި މީހުންގެ އަދަދު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ނެޓްފްލިކްސްއަކީ އެކުންފުނީގެ އަމިއްލަ ސީރީސް އަދި ފިލްމް އުފެއްދުމުގެ އިތުރުން އެހެން ފަރާތްތަކުން އުފައްދާފައިވާ ފިލްމާއި ސީރީޒްވެސް އެކުންފުނީގެ ޒަރިއްޔާއިން އާންމުންނަށް ފޯރުކޮށްދޭ ކުންފުންޏެކެވެ. އޮންލައިން ސްޓްރީމިންގެ ވާދަވެރިކަން އިތުރުވާން ފެށުމާއެކު އެ ކުންފުނިންވެސް ދަނީ އަމިއްލަ އޮރިޖިނަލް ކޮންޓެންޓް އުފެއްދުން އިތުރުކުރުމަށް އިސްކަން ދެމުންނެވެ.