އަތޮޅުތައް

އުދައިން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަންފަށައިފި


މާދަމާ ހިފާ ހަނދުކޭތައާއި ގުޅިގެން ދިޔަވަރަށް އަންނަ ބަދަލާއެކު ބައެއް ރަށްރަށަށް އުދަ އެރުމުގެ ފުރުޞަތު އޮތްކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފައިވާތީ، އެފަދަ ޙާދިސާ އަކުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ކަމާގުޅުން ހުރި އިދާރާތަކާއި ފުލުހުން ގުޅިގެން ބައެއް ރަށްރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.އެގޮތުން މިފަދަ ޙާދިސާއެއް ކުރިމަތިވެއްޖެ ހާލަތެއްގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ، އާއްމުންނަށް އިރުޝާދު ދިނުމަށް ހަރަކާތްތެރިވާނެ ޓޯސްކް ފޯސްތަކެއް ރަށު ފެންވަރުގައާއި، އަތޮޅު ފެންވަރުގައި އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި މި ޓާސްކް ފޯސްތައް މެދުވެރިކޮށް އެފަދަ ނުރައްކަލެއް ކުރިމަތި ވެއްޖެނަމަ ފަސޭހައިން ވެލިބަސްތާ ޖެހުމަށް ބޭނުންވާ ވެލިބަސްތާ ތައްޔާރު ކުރުމުގެ މަސައްކަތް ރަށު ކައުންސިލްތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ. މި މަސައްކަތް ކުރުމުގައި ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނުގެ އަތޮޅުތަކުގެ ސަރަހައްދުތަކުގައި ފުލުހުންނާއި ސިފައިން މިހާރުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.