މާލެ ސިޓީއަކީ މުޅި ދުނިޔޭގައިވެސް ބިމުގެ ނިސްބަތުން ބަލާއިރު އެންމެ ތޮއްޖެހިފައިވާ ސިޓީއެވެ. މުޅި ރާއްޖޭގެ އާބާދީގެ 250،000އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ މި ސަރަހައްދަށް ބޯހިޔާވަހިކަމާއެކު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެއްގަމު އުޅަނދުތައް ގިނަވުމެވެ. މުޅި މާލޭގެ ހުރިހާ މަގެއްވެސް ފުރިފައިވަނީ ޕާކުކޮށްފައި ހުންނަ އުޅަނދުތަކުންނެވެ.
މިއީ އަހަރުތަކެއްގެ އިހުމާލެވެ. އެއްގަމު އުޅަނދުތައް ރަޖިސްޓްރީކުރުމާ ގުޅޭގޮތުން ހަރުދަނާ ސިޔާސަތުތަކެއް ކަނޑައެޅިފައި ނެތުމުގެ ނަތީޖާއެވެ. މިއަދު މާލެ ސަރަހައްދުވެފައިވަނީ އެއްގަމު އުޅަނދުފަހަރު ނިސްބަތުންވެސް އެންމެ ގިނަ އެއް ސިޓީއަށެވެ.
އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މުޅި މާލެ ސަރަހައްދުގައި އޮތީ 8.30 އަކަ ކިލޯމީޓަރުގެ މަގު ސަރަހައްދެކެވެ. ނަމަވެސް އާންމުން ހިނގާބިގާވެ އުޅުމަށް ބޭނުންކުރުމަށް އޮތީ އެންމެ %18 ސަރަހައްދެކެވެ. މަގުގެ %82 ބޭނުންކުރަނީ އެއްގަމު އުޅަނދުތަކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި މުޅި މާލެ ސަރަހައްދުގައި މިވަގުތު 130،806 އުޅަނދު ދަތުރުކުރެއެވެ. އެއީ ކޮންމެ އަކަ ކިލޯމީޓަރަކަށްބަލާ ނަމަ 15،800 އުޅަނދެވެ. މިއީ ދުނިޔޭގެ އެންމެ ބޮޑެތި ސިޓީތަކަށްބަލާއިރުވެސް އަކަ ކިލޯ މީޓަރުގެ ނިސްބަތުން އެންމެ އުޅަނދުތައް ގިނަ ސިޓީއެވެ.
މާލެ ސަރަހައްދުގެ އަކަ ކިލޯމީޓަރަކަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުގެ އަދަދަކީ އެމެރިކާގެ ނިއުޔޯކާ އަޅާބަލާއިރު 6 ގުނަ އިތުރު އަދަދެކެވެ. ޖަޕާނުގެ ޓޯކިޔޯއާ އަޅާބަލާއިރު 8 ގުނަ އިތުރު އަދަދެެކެވެ. އަދި ސިންގަޕޫރާ އަޅާބަލާއިރު 13 ގުނަ އިތުރު އަދަދެކެވެ. މި ސިޓީތަކުގައި ނިސްބަތުން ޕްރައިވެޓް އުޅަނދުތަކުގެ އަދަދު މަދުވެފައިވަނީ އެ ސިޓީތަކުގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި ޕަބްލިކް ޓްރާންސްޕޯޓަށް ދޭ އަހައްމިއްޔަތުގެ ސަބަބުންނެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މާލެ ސަރަހައްދުގައި ހަތަރު ފުރޮޅުލީ 14،911 އުޅަނދު ވަނީ ރަޖިސްޓްރީކޮށްފައެވެ. އަދި 115،895 ސައިކަލު ވަނީ ރަޖިސްޓްރީކޮށްފައެވެ. އެއީ މާލޭގައި ދިރިއުޅޭ އާބާދީއަށް ބަލާއިރު އެވްރެޖުކޮށް ކޮންމެ 2 މީހަކަށް ސައިކަލެކެވެ. މިއީ މި ކުޑަ އާބާދީއާ ނުބައްދަލު އަދަދުތަކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2000 ވަނަ އަހަރުން ފެށިގެން މާލެ ސަރަހައްދުގައި އަހަރުން އަހަރަށް ރަޖިސްޓްރީ ކުރާ އެއްގަމު އުޅަނދުގެ އަދަދު ދަނީ ބޮޑުތަނުން އިތުރުވަމުންނެވެ. އެގޮތުން، 2023 ގައިއެކަނިވެސް 8000އަށްވުރެ ގިނަ ސައިކަލާއި 2000 އަށްވުރެ ގިނަ 4 ފުރޮޅުލީ އުޅަނދު ވަނީ ރަޖިސްޓްރީކޮށްފައެވެ.
މާލެ ސަރަހައްދަށް ދިމާވެފައިވާ ޒަމާންވީ މި މައްސަލައަށް ވަށައިޖެހޭ ހައްލެއް ހޯދުމަށް ސަރުކާރުން ވަނީ މަސައްކަތް ފައްޓަވާފައެވެ. 2033 ވަނައަހަރާ ހަމައަށް އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތްތަކުގެ ތެރެއިން އެއްގަމު ދަތުރުފަތުރާބެހޭ ވަކި ޤާނޫނަކަށް މިހާރު ވަނީ އަމަލުކުރަން ފަށައިފައެވެ.
މި ޤާނޫނުގެ ދަށުން އުޅަނދުތައް މަދުކުރުމަށް ގެނައި އެންމެ މުހިންމު އެއް ބަދަލަކީ އެއް އުޅަނދަށްވުރެ ގިނަ އުޅަނދު ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ އަތުން އިތުރު ފީއެއް ނެގުމެވެ. މިހާރު އެކެއްގެ ނަމުގައި ތިންހަތަރު އުޅަނދުވެސް ރަޖިސްޓްރީކޮށްފައި ހުރެއެވެ. ޤާނޫނަށް ގެންނަ އިސްލާހާއެކު މިގޮތަށް ހުންނަ އުޅަނދުތަކުން ބޮޑު ފީއެއް ނަގަން ފެށުން އެކަމަށް ހައްލެއް ލިބިގެންދާނެއެވެ.
މާލެ ސަރަހައްދަށް ދިމާވެފައިވާ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޕާކިން މައްސަލަ ހައްލުކުރުމަށްވެސް ސަރުކާރުން ވަނީ މަސައްކަތް ފަށައިފައެވެ. އެގޮތުން ޕާކިން ޒޯންތަކާއި ޕާކިން އިމާރާތްތައް ތަރައްޤީ ކުރުމާއެކު މަގުތަކުގެ އަރިމަތީގައި ޕާކު ކުރުމުން ދިމާވާ މައްސަލަ ހައްލުކުރަން މަގުތަކުގެ ޑިޒައިނަށް ބަދަލު ގެނެސް، ޕާކު ކުރާ ގޮތްތަކަށްވެސް ބަދަލު ގެނައުމުގެ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން އެއްގަމުދަތުރުފަތުރާ ގުޅުންހުރި ޚިދުމަތްތައް ޑިޖިޓަލް ކުރުމުގެ މަސައްކަތާއި އާންމުން ހޭލުންތެރި ކުރުމުގެ އިތުރުން ޓްރެފިކަށް ގެންނަ ބަދަލުތަކަކީ މާލެ ސަރަހައްދަށް ދިމާވެފައިވާ އެއްގަމު އުޅަނދު ގިނަވުމުގެ މައްސަލައާއި ޕާކިންގެ މައްސަލަތަކަށް ހައްލުތައް ލިބިގެންދާނެ މަސައްކަތްތަކެވެ.