ޚަބަރު

އެގްރިބޯޓުގެ ދަތުރުތައް ފަށައިފި


  • އެގްރިބޯޓުގެ ފުރަތަމަ ދަތުރު އޮތީ މާލެއިން ހައްދުންމައްޗަށް

  • މި ބޯޓުގެ ބޭނުމަކީ ދަނޑުވެރިން އުފައްދާ ބާވަތްތައް މާލޭގެ ބާޒާރަށް ގެނެސްދިނުން

ރާއްޖޭގެ ދަނޑުވެރިންގެ އުފެއްދުންތައް އެއްރަށުން އަނެއް ރަށަށާއި މާލޭގެ ބާޒާރަށް ގެނައުމަށްޓަކައި، އެގްރޯ ނެޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އިން ބަނދެފައިވާ އެގްރިބޯޓުގެ އޮޕަރޭޝަން ރަސްމީކޮށް ފަށައިފިއެވެ.

އެގްރިބޯޓުގެ ފުރަތަމަ އޮތީ މާލެ އިން ހައްދުންމައްޗަށެވެ.

މިހާރު ކުރިއަށްގެންދާ ފުރަތަމަ އޮޕަރޭޝަންގައި ބޯޓު މަރުކަޒު ކުރާނީ ހައްދުންމަތީގައެވެ. ހައްދުންމަތީ ދަނޑުވެރިން އުފައްދާ ތަކެތި ހިފައިގެން، މިމަހުގެ 21 ވަނަ ދުވަހު، އެގްރިބޯޓު އެނބުރި މާލެ ފުރާނެއެވެ.

މި ދަތުރުގައި ހައްދުންމަތިން މާލެ ގެނައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 11,200 ކިލޯގްރާމްގެ ދަނޑުވެރިކަމުގެ ބާވަތްތަކެވެ. އޭގެ ތެރޭގައި ހައްދުންމަތީ ގަމުގެ ދަނޑުވެރިން ހައްދާ ކަރާ، ބަރަބޯ، ޕެޝަން ފްރުޓް، ފަޅޯ އަދި ކިއުކަމްބާ ހިމެނެއެވެ.

އެގްރިބޯޓުގެ އޮޕަރޭޝަން ފެށުމުގެ މަޤްޞަދަކީ، ރާއްޖޭގެ އަތޮޅުތަކުގައި ދަނޑުވެރިން އުފައްދާ ބާވަތްތައް، ދަތުރުފަތުރުގެ ހަރުދަނާ ނިޒާމެއްގެ ދަށުން މާލޭގެ ބާޒާރަށް ގެނެސްދިނުމާއެކު، ދަނޑުވެރިންގެ ބާޒާރު ތަރުތީބުކޮށް އިތުރަށް ފުޅާކުރުމެވެ.

އެގްރޯނެޓުން އިސްނަގައިގެން ކުރިއަށް ގެންދާ މި ހަރަކާތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތައް ފުރިހަމަ ކުރެއްވުމަށްޓަކައި، އެގްރޯނެޓާ ހަވާލުކުރައްވައިގެން ހިންގަވާ ބޮޑު ޕްރޮގްރާމެއްގެ ބައެކެވެ. ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި، ރާއްޖޭގައި ދަނޑުވެރިކަންކުރާ ހުރިހާ ރަށެއްގެ ދަނޑުވެރިންނާ އެކު، ދަނޑުވެރިން ހައްދާ ތަކެތި ގަތުމުގެ އެއްބަސްވުންތައް ޤާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރު ކުރުމަށް، ހައްދުންމަތީ ބަރެސްދޫ ގައި ފުޑް ސެކިއުރިޓީ މަޝްރޫޢެއް ހިންގުމާއި، އަރިއަތޮޅު އުތުރުބުރީ އަރިއަދޫ ގައި ރުއް އާލާ ކުރުމުގެ ޕްރޮގްރާމެއް ހިންގުންވެސް ހިމެނެއެވެ. ހަމަ އެ ހިނދު، ތިލަދުންމަތީ އުތުރުބުރީ މުލިދޫ ގައި، ދަނޑުވެރިކަމުގެ ހަކަތައިގެ ބޮޑު މަޝްރޫޢަކާ ގުޅިގެން، އެގްރި ޓޫރިޒަމްގެ ވިޔަފާރި ފެށުމަށްވެސް އެގްރޯނެޓުން މަސައްކަތް ކުރަމުން ގެންދެއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ބަރެސްދޫ އާއި އަރިއަދޫ ގައިވެސް ހިންގާ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އެގްރި ޓޫރިޒަމްގެ ވިޔަފާރިއަށްވެސް ޚާއްޞަ އިސްކަމެއް ދީގެންނެވެ. މި ހުރިހާ މަޝްރޫޢުތަކާ ގުޅޭ ތައްޔާރީ މަސައްކަތްތައް، އެގްރޯނެޓުން މިހާރު ފަށައިގެން ކުރިއަށް ގެންދާކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.

ދަނޑުވެރިކަމުގެ ސިނާޢަތު ހަރުދަނާ ކުރުމަށާއި، ދަނޑުވެރިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގްރިބޯޓްގެ ދަތުރުތައް ފެށިގެން ދިއުމަކީ، ދިވެހި ދަނޑުވެރިންނަށް ލިބިގެންދިޔަ ފަހި ފުރުޞަތެއް ކަމުގައި ގިނަ ބަޔަކު ދެކެއެވެ.