ޚަބަރު

ޒުވާން ޚަޠީބަކަށްވުމުގެ އުފާވެރިކަން ބަޔާންކުރަންވެސް ދަތި އިހުސާސްތަކެއް


  • ރަށުގެ ރައްޔިތުން މަސައްކަތް ބަލައިގަންނާތީ ޚަތީބުންގެ ހިންހަމަޖެހުން

  • ދީނީ ރޮނގަކުން ކުރިއަށްދާން ލިބުނު މިފުރުސަތުގެ ބޭނުން ކޮންމެ ކުއްޖަކުވެސް ހިފުމަށް އެކުދިން އެދޭ

ރާއްޖޭގައި ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ މަސައްކަތް ސަރުކާރުން ފެއްޓެވީ 2024 ވަނަ އަހަރުގެ ތެރޭގައެވެ. ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި 700 އަށްވުރެ ގިނަ ޒުވާނުން ތަމްރީނުކޮށްފައިވާއިރު މިއީ އެޒުވާނުންގެ ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނުވި އެތައް ގޮތަކުން އުފާވެރިކަން ގެނެސްދިން ފުރުސަތެއްކަން ޚަޠީބުން ފާހަގަކުރެއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގައި ހުކުރު ދުވަހު ހުކުރު ޚުޠުބާ ކިޔާނެ މީހުން ނެތުމުގެ ކަންބޮޑުވުން އެތައް ރަށަކުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ދިޔައީ ހިއްސާކުރައްވަމުންނެވެ. ރާއްޖޭގެ ރަށްރަށުގައި އިމާމުންގެ ދަތިކަމާއި ޚަޠީބުންގެ އޮތް ދަތިކަން އޮތީ ކަންބޮޑުވާ ދަރަޖައެއްގައިކަން ފާހަގަކުރެވި، އެކަމަށް ސަރުކާރުން ޚާއްސަ މަޝްރޫޢެއް ފެއްޓެވިއެވެ. ގުރޭޑު 10 އަދި 11، 12 ނިންމާ ދަރިވަރުންނާއި ޢުމުރުން 18 އަހަރު ނުވާ ޒުވާން ކުދިންނަށް އަމާޒުކޮށް ފެށި މިޕްރޮގްރާމަށް ކުދިންނާއި ބެލެނިވެރިންނާއި ރަށްރަށުގެ ކައުންސިލްތަކުންވެސް ބޮޑު އެއްބާރުލުމެއްވަނީ ލިބުނެވެ.

ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވި ޒުވާނުންގެ ތެރެއިން ބައެއް ޒުވާނުންވަނީ އެކުދިންގެ ޝުޢޫރު ޕީއެސްއެމްނިއުސްއާއި ހިއްސާކޮށްފައެވެ. ހުރިހާ ކުދިންގެވެސް އޮތް އެއް ޝުޢޫރަކީ މިފަދަ ފުރުޞަތެއް ލިބުމުން ކުރެވޭ އުފާވެރިކަމުގެ އިޙްސާސެވެ. އަދި މިއީ އުއްމީދު ނުކޮށް ހުއްޓާ ލައްވާލި ނަސީބެއްގެގޮތުގައި ބައެއް ކުދިން ދެކޭއިރު، އެކުދިންގެ ރަށުން އެކުދިން ބަލައިގަނެ މިހޯދި ކާމިޔާބީއަކީ މުޅި ރަށަށްވެސް ލިބުނު ފަޚުރެއްގެގޮތުގައި ދެކޭކަމުގައި ކުދިން ފާހަގަކުރިއެވެ.

"އަޅުގަނޑު ވަރަށް އުފާވޭ މިފުރުސަތު ލިބުނީތީ. ރަށުގެ މީހުން އަޅުގަނޑު ބަލައިގަންނަކަމުގެ އިޙްސާސް ވަރަށް ބޮޑަށްކުރެވޭތީ އުފާވޭ." އެއްކުއްޖަކު ބުންޏެވެ.

"އަޅުގަނޑަށް މިކާމިޔާބީ ދެއްވީތީ ﷲއަށް ޝުކުރުދަންނަވަން. އަދި ސަރުކާރުން މިފަދަ ފުރުސަތެއް ދެއްވީތީ ވަރަށް ޝުކުރުދަންނަވަން. މިއީ ވަރަށް މުހިއްމު ބޭނުންތެރި ފުރުސަތެއްކަމަށް އަޅުގަނޑުދެކެނީ." އެހެން ކުއްޖަކު ބުންޏެވެ.

"މިމަހާސިންތާގެ ތެރެއިން ދަސްވީ އެންމެ މުހިއްމުކަމަކީ ވަގުތަށް ކަމޭހިތުމާއި، މިސްކިތުގައާއި މިސްކިތުން ބޭރުގައި އުޅުން ބަހައްޓަންވީގޮތް." ކުއްޖަކު ބުންޏެވެ.

މިދާއިރާއިން މިހާތަނަށް 700 އަށްވުރެ ގިނަ ޒުވާނުން ތަމްރީނުކޮށްފައިވާއިރު ސަރުކާރުގެ އަމާޒަކީ ދައުރުގެ ތެރޭގައި 1000 ޚަޠީބުން ތަމްރީނުކުރުމެވެ. މިހާތަނަށް 5 ބުރެއްގެ މަތިން ކުދިން ތަމްރީނުކޮށްފައިވާއިރު އަތޮޅުތަކުގެ އެކި ރަށްރަށުން މިޕްރޮގްރާމްގައި ބައިވެރިވެއެވެ.

"އަޅުގަނޑު ހުރިހާ ކުދިންނަށްވެސް ބުނެލަން ބޭނުމީ، ދީނީ ރޮނގުން ކުރިއަށްދާން ލިބޭ މިފުރުސަތުގެ ބޭނުން ހުރިހާ ކުދިންވެސް ހިފާށޭ. އަދި މިޕްރޮގްރާމްގައި ބައިވެރިވީ ކުދިންނަށް ބުނެލާނީ މިތަނުން ދަސްވީ ފިލާވަޅުތަކާއެކު އެހެންކުދިންނަށް މަގުދައްކައިދޭ ނަމޫނާއަކަށް ވާން މަސައްކަތް ކުރާށޭ." އެހެން ކުއްޖަކު ބުންޏެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި ބެޗުތަކުގައި ތަމްރީނުވީ ކުދިންނާއި މި މަހާސިންތާގެ ތެރެއިން ބައްދަލުވެ ޚިޔާލު ބަދަލުކުރެވި ތަމްރީނުތަކެއް ލިބުމަކީ ކުދިންނަށް ލިބިގެންދިޔަ އިތުރު ހިތްވަރެކެވެ. އަދި ޚަޠީބެއްގެ ގޮތުގައި ޝަޚުޞު ބިނާކޮށް މިސްކިތުގައާއި މިސްކިތުން ބޭރުގައިވެސް އުޅުމާއި ގުޅުން ބަހައްޓާނެގޮތާއި ކަމޭހިތަންވީ މުހިއްމުކަންކަން މަހާސިންތާގެ ތެރެއިންވަނީ ދަސްކޮށްދީފައެވެ.
ޒުވާން ޚަޠީބުންގެ ޕްރޮގްރާމްގައި ބައިވެރިވި ގިނަ ކުދިންނަކީ އޯލެވެލް އަދި އޭލެވެލްގެ މަތީ ދަރަޖައިގައި ފާސްވި ކުދިންނެވެ. ގިނަ ކުދިންނަކީ ކީރިތި ޤުރުއާން ހިތުދަސް ޙާފިޡުންނެވެ. އެހެންކަމުން ދީނީ ކަންކަމަށް ހޭލުންތެރި ޒުވާން ޖީލެއް ރާއްޖޭގައި އަރަމުން އަންނަކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.