ކުޅިވަރު

ހެދުނީ އާދައިގެ ގޯސްތަކެއް، ހައްލު ކުރަން ވަގުތު ނަގާނެ: އަލޮންސޯ


ޗެލްސީގެ ޑިފެންސް ލައިނާއި މުޅި ޓީމު ވެސް ގުޅިގެން ކުޅެ ނަތީޖާ ނެރެން ވަގުތު ނަގާނެ ކަމަށް ކޯޗު ޒަބީ އަލޮންސޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ހަލް ސިޓީއާ ވާދަކޮށް 2-2އިން އެއްވަރުވި މެޗަށް ފަހު އެވެ. މި މެޗުގައި ޗެލްސީ ލީޑް ނެގި ފަހުން އެއްވަރު ކުރަން ޖެހުނީ ފަހު ހާފުގަ އެވެ.

"އަހަރުމެން ދިފާއީ ސަފުން ހެދުނީ އާދައިގެ ގޯސްތަކެއް. މިކަންކަން ރަނގަޅު ކުރަން ވަގުތު ނަގާނެ. އަހަރުމެން މިތިބީ ބަދަލުތަކެއްގެ މެދުތެރޭގައި. މި ޕްރޮސެސް އަށް ވަގުތު ބޭނުންވާނެ،" އަލޮންސޯ ބުންޏެވެ.

އޭނާ ބުނީ މި މެޗުގައި ފަހަތަށް ކުޅޭ ކުޅުންތެރިން ބަދަލު ކުރީ ކުޅުންތެރިން ޓެސްޓް ކުރަން ކަމަށާއި އެކިއެކި ކުޅުންތެރިންގެ ހުނަރާއި ގާބިލް ކަމަށް ބަލާފައި ބަދަލުތަކެއް ގެންނަމުންދާ ކަމަށެވެ.

"އަހަރެން ހާފް ޓައިމްގައި ބަދަލުތަކެއް ގެނައީ ވެސް އެހެންވެ. އަހަރެންނަށް ހީވަނީ އަހަރުމެން މޮޅުވާން ދިޔަނަމަ މި މެޗު ސަޕޯޓަރުންނަށް އެހާ ގަޔާވާ މެޗަކަށް ނުވީސްހެން. އެކަމަކު ދެ ޓީމު ވާދަވެރިވެ ފެނިގެންދިޔައީ ވަރަށް ބަލާހިތްވާ މެޗެއް. ދެން އަހަރުމެންނަށް މެޗު ނިންމާލަން ލިބުނު ރަނގަޅު ފުރުސަތުތަކެއް ނިމެންދިޔަ ވަގުތު. އެކަމަކު އަހަރެންނަށ ހީވަނީ އެކން ނުކުރެވުނީމާ މި މެޗުން މި ލިބުނު (ޕޮއިންޓަކީ) ހައްގު މިންވަރުހެން،" މި ސީޒަނަށް ޓީމާ ގުޅުނު ކޯޗު އަލޮންސޯ ބުންޏެވެ.

ހަލް ސިޓީގެ ކޯޗު ސާގް ޖަކިރޮވިޗް ބުނީ މެޗުގެ މޮޅު ކުޅުންތެރިއަކީ އޭނާގެ ނަޒަރުގައި ޗެލްސީގެ އާޖެންޓީނާ ކީޕަރު އެމެލިއާނޯ މާޓިނޭޒް ކަމަށެވެ.

"އަހަރުމެންނަށް ލިބުނު ގޯލު ޖަހަން ރަނގަޅޫ ފުރުސަތުތަކެއް. އެ މީހުންނަށް ބޯޅަ ލިބުނީ ވަރަށް ބޮޑަށް ގޭމް ހުޅުވި ފުރުސަތު ފަހިވި. އެކަމަކު އެ މީހުންގެ ކީޕަރު މޮޅު ކަމުން ގިނަ ބޯޅަތަކެއް އޭނާ ސަލާމަތް ކުރީ. އަހަރެންގެ ނަޒަރުގައި މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ،" ކޯޗު ބުންޏެވެ.

މި ނަތީޖާއާއެކު ހަތަރު މެޗުން ޗެލްސީ އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އެ ޓީމު މިވަގުތު އޮތީ 20 ޓީމު ވާދަކުރާ ލީގުގެ ހަތަރު ވަނާގަ އެވެ. ހަލް ސިޓީ ވަނީ އަށް ޕޮއިންޓާއެކު ތާވަލުގެ ތިން ވަނާގަ އެވެ.