ދުނިޔޭގެ ވިޔަފާރި

މިދިޔަ ކުއާޓަރުގައި އަރަމްކޯއަށް ލިބުނު އާމްދަނީ އިތުރުވެއްޖެ


ތެލުގެ ވިޔަފާރި ރަނގަޅުވެ ސައުދީ އަރަބިއްޔާގެ ޤައުމީ ތެޔޮ ކުންފުނި އަރަމްކޯގެ ތިންވަނަ ކުއާޓާގެ އާމްދަނީ ރަނގަޅުވެއްޖެއެވެ.

3 ވަނަ ކުއާޓަރުގައި އަރަމްކޯއަށް ރަނގަޅު އާމްދަނީއެއް ލިބިފައިވާއިރު ކޯކޯވިޑްގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑު އަސަރެއްކޮށް މި ސިނާއަތްވަނީ ވަރަށް ބޮޑަށް އަޑިއަޅާލާފައެވެ.

ކޯވިޑާ ގުޅިގެން އެޅި ފިޔަވަޅުތަކަށް ލިބުނު ލުއިތަކާއި، ދަތުރުފަތުުރުގެ ސިނާޢަތް އަލުން ހުޅުވާލުމުގެ ސަބަބުން މިއަހަރުގެ ދެވަނަ ކުއާޓާއާއި އަޅާބަލާއިރު ތިން ވަނަ ކުއާޓާގައި ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނި، ސައުދީ އަރަބިއްޔާގެ އަރަމްކޯއަށް ލިބުނު އާމްދަނީ ވަނީ އިތުރުވެެފައެވެ. އެގޮތުން ދެވަނަ ކުއާޓާއާއި އަޅާބަލާއިރު ތިންވަނަ ކުއާޓާގެ އާމްދަނީ ވަނީ 79.6 އިންސައްތަ އިތުރުވެފައެވެ.

އަރަމްކޯއަކީ ދުނިޔޭގެ އެންމެ ބޮޑެތި ހަކަތަ އުފައްދާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނޭ ކުންފުންޏެއްކަމަށްވާއިރު، މި ކުންފުނިން ކޯވިޑާއި ގުޅިގެން ވަނީ ތެޔޮ ވިއްކުގެ ވިޔަފާރީގެ ސްޓްރެޓަޖީއަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުންފުނީގެ ގެއްލުން ކުޑަކުރުމަށް އެންމެ ހެޔޮ އަގުގައި މި މުއްދަތުގައި ތެޔޮ ވިއްކާފައި ވަނީ އަރަމްކޯއިންނެވެ.

ސައުދިއަރަބިއްޔާގައި ހަކަތަ އުފައްދާ އަރަމްކޯ ކުންފުނިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެ ކުންފުންޏަށް މިއަހަރުގެ ތިންވަނަ ކުއާޓާގައި ސާފު ފައިދާގެގޮތުގައި 11.79 ބިލިއަން ޑޮލަރު ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 44.6 އިންސައްތަ ދަށް އަދަދެކެވެ.

ތެލުގެ ވިޔަފާރި ރަނގަޅުވެ އަރަމްކޯގެ ތިންވަނަ ކުއާޓާގެ އާމްދަނީ އިތުރުވެފެއިވާއިރު، މިއަހަރަކީ ދުނިޔޭގައި ތެލުގެ އަގު ފުރަތަމަ ފަހަރަށް މައިނަސްވި އަހަރެވެ. ތެލުގެ އަގު ދަށްވެ ތެޔޮ އުފައްދާ ކުންފުނިތަކުން ތެޔޮ ގަންނަ ފަރާތްތަކަށް ފައިސާ ދޭން ޖެހޭ ހާލަތަށް ގޮސްފައިވާކަމަށް އޯޕެކްއިން ވަނީ ބުނެފައެވެ. ތެލުގެ އަގަށް މިހާ ބޮޑު ބަދަލެއް އައުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރާއި ފެކްޓަރީތައް ހުއްޓުމެވެ. މީގެ ސަބަބުން ތެޔޮ ގަންނަ މީހުންގެ އަދަދު މަދުވެ ރައްކާކުރަން ޖެހޭ އަދަދު ވަނީ އިތުރުވެފައެވެ.

އޯޕެކްގެ ގައުމުތަކުން ވަނީ ތެލުގެ އަގު ދަށްވާނެ ކަމަށް ލަފާކޮށް ތެޔޮ އުފައްދާ މިންވަރު މަދުކުރަންވެސް އެއްބަސްވެފައެވެ. މި އެއްބަސްވުމާއެކު އޯޕެކް އަދި އޯޕެކް ޕްލަސްގެ ގައުމުތަކުގެ މެދުގައި މިހާރު އެއްބަސްވެފައި ވަނީ ތެޔޮ އުފައްދާ މިންވަރު 10 އިންސައްތަ މަދުކުރުމަށެވެ. މިއީ ތެޔޮ އުފައްދާ މިންވަރު އެހާ ބޮޑަށް މަދުކުރި ފުރަތަމަ ފަހަރެވެ.