އަތޮޅުތައް

ކެލާއަށް ނައިބު ރައީސް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި


ތިލަދުންމަތީ އުތުރުބުރީ ކެލާގައި ޕީ.އެސް.އެމުން ކުރިއަށްގެންދާ ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ވަނީ ކެލާގައި ފަތުރުވެރިކަމުގެ ޕްރޮޖެކްޓެއް އިފްތިތާޙްކޮށްދެއްވުމުގެ އިތުރުން، ސަރުކާރުގެ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގައި ހިމެނޭ ހއ ކެލާ ފުޓްސަލް ދަނޑުވެސް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ.ތިލަދުންމަތީ އުތުރުބުރީ ކެލާގައި ޕީ.އެސް.އެމުން ކުރިއަށްގެންދާ ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު ކެލާއަށް ވަޑައިގެންނެވުމުން، އެރަށު ރައްޔިތުންގެ ފަރާތުން ވަނީ ސަޤާފީ ހަރަކާތްތަކާއެކު އެމަނިކުފާނަށް ވަރަށްވެސް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ރަށުގެ ބަނދަރު ސަރަހައްދަށް އެއްވިއިރު، ގިނަ ބަޔަކު ވަނީ އެމަނިކުފާނާއެކު ސަލާމްކުރައްވާ، ފޮޓޯވެސް ނަންގަވާފައެވެ.(ކެލާ ފްޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި، ނައިބްރައީސް އާއިއެކު ކުދިންތަކެއް ސެލްފީއެއް ނަގަނީ- ފޮޓޯ: ރައީސް އޮފީސް)ކެލާއަށް ނައިބު ރައީސް ކުރެއްވި ދަތުރުފުޅުގައި، އެމަނިކުފާނު ވަނީ އެރަށުގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްފައިވާ ގެސްޓް ހައުސްއެއް ރަސްމީކޮށް ހުޅުއްވާދެއްވާފައެވެ. އިންޓަގްރޭޓެޑް ރިސޯޓް ޑިވެލޮޕްމަންޓް ޕްރެޖްކްޓްގެ ދަށުން ތިލަދުންމަތީ އުތުރުބުރީ ކެލާގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްވެސް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ނައިބު ރައީސް އަހުމަދު އަދީބެވެ. މި މަޝްރޫގެ ދަށުން ކެލާ ތުނޑީގައި 500 ޓޫރިސްޓް އެނދު ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫގެ ތެރެއިން 1500 ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެކަމަށް ސަރުކާރުން ހާމަކުރައްވައެވެ.މި ޕްރޮޖެކްޓް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވީ، ކެލާގައި ތަރައްޤީކުރެވޭ މި ރިސޯޓް ޕްރޮޖެކްޓަކީ މެދުފަންތީގެ ޓޫރިޒަމަށް ވަންނަން ބޭނުންވާ ފަރާތްތަކުން ވަރަށް ޝައުގުވެރިވާ ޕްރޮޖެކްޓެއް ކަމަށާއި، ކެލާގެ ފެނާ ނަރުދަމާގެ މަސައްކަތް ނިމޭއިރު މި ޕްރޮޖެކްޓްވެސް ފެށިގެންދާނެކަމަށެވެ. އަދި ކެލައަށް ގުދުރަތީގޮތުން ލިބިފައިވާ ރީތިކަމާއި މުއްސަނދިކަމުގެ ބޭނުންހިފާ، ކެލާއަކީވެސް ފަތުރުވެރިކަން ތަރައްޤީކޮށް، ކުރިއެރުވިދާނެ ރަށެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.(ކެލާ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް)މީގެ އިތުރުން ނައިބު ރައީސް ވަނީ ސަރުކާރުގެ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގައި ހިމެނޭ ހއ ކެލާ ފުޓްސަލް ދަނޑުވެސް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. ކެލާ ފުޓްސެލް ދަނޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދަނޑު ތައްޔާރު ކުރުމަށް އެހީތެރިވެދެއްވި އެކި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުންދީފައިވެއެވެ. ހއ ކެލާގައި ހުޅުވި މިދަނޑާއެކު 31 ރަށެއްގައި ފުޓްސަލް ދަނޑު ވަނީ ޤާއިމްކޮށްފައެވެ. ކެލާގައި ދަނޑު ހުޅުވުމަށްފަހު ނައިބު ރައީސް ހިމެނިވަޑައިގަންނަވާގޮތަށް ޔޫތް މިނިސްޓްރީގެ ޓީމަކާއި ކެލާއިން ހޮވާލެވުނު ޓީމަކާ ދެމެދުވަނީ އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފައެވެ.ނައިބު ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ޕީއެސްއެމުން ކެލާގައި ފާހަގަކުރަމުންދާ އަޟްހާ އީދުގެ ކުޅިވަރުގެ ތެރެއިން ރޭ ބޭއްވި މިއުޒިކް ޝޯ ޝަރަފުވެރިކޮށްދެއްވާ، އެ ޝޯވެސް ބައްލަވާލައްވާފައެވެ. ފޯރިގަދަކޮށް ކުރިޔަށް ދިޔަ މި ޝޯގައި އީދު ދުވަހު އާންމުކޮށް ކުޅެ އުޅޭ ކުޅިވަރެއްކަމަށްވާ ބޮޑުމަސް ބޭނުމުގެ ހަރަކާތްތައްވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.(ކެލާގައި ކުރިއަށްދިޔަ އީދު ކުޅިވަރުގެ ހަރަކާތްތައް، ނައިބްރައީސް ބައްލަވާލައްވަނީ- ފޮޓޯ: ރައީސް އޮފީސް)ނައިބު ރައީސް އަހުމަދު އަދީބު ކެލައަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިހާރު ވަނީ މާލެ ވަޑައިގެންފައެވެ. އެމަނިކުފާނު ކެލައަށް ވަޑައިގެންނެވުމުގެ ކުރިން ވަނީ ނ އަތޮޅުގެ ބައެއް ރަށްތަކަށްވެސް ޒިޔާރަތްކުރައްވާފައެވެ. ހަމައެހެންމެ އެމަނިކުފާނު މި ދަތުރުފުޅުގައި ވަނީ ނ. މާފަރު އެއަރޕޯޓްގެ ބިންގާވެސް އަޅުއްވާދެއްވާފައެވެ.