އަތޮޅުތައް

ކެލާ އިންޓެގްރޭޓެޑް ރިސޯޓް ޕްރޮޖެކްޓް އިފްތިތާޙްކޮށްފި


ތިލަދުންމަތީ އުތުރުބުރީ ކެލާގައި ޕީ.އެސް.އެމުން ކުރިއަށްގެންދާ ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ކެލާ އިންޓެގްރޭޓެޑް ރިސޯޓް ޕްރޮޖެކްޓް އިފްތިތާޙްކޮށްދެއްވައިފިއެވެ. ތިލަދުންމަތީ އުތުރުބުރީ ކެލާގައި ޕީ.އެސް.އެމުން ކުރިއަށްގެންދާ ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަހުމަދު އަދީބު ކެލާއަށް ވަޑައިގެންނެވުމުން، އެރަށު ރައްޔިތުންގެ ފަރާތުން ވަނީ ސަޤާފީ ހަރަކާތްތަކާއެކު އެމަނިކުފާނަށް ވަރަށްވެސް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ރަށުގެ ބަނދަރު ސަރަހައްދަށް އެއްވިއިރު، ގިނަ ބަޔަކު ވަނީ އެމަނިކުފާނާއެކު ފޮޓޯވެސް ނަންގަވާފައެވެ. ކެލާ އިންޓެގްރޭޓެޑް ރިސޯޓު ޕްރޮޖެކްޓް އިފްތިތާޙްކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި، މި ޕްރޮޖެކްޓް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވީ، ކެލާ ހިމެނޭ ސަރަހައްދަކީ ސަރުކާރުން ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ތަރައްޤީކުރާ ސަރަހައްދެއްކަމަށެވެ. އަދި ކެލާގައި ތަރައްޤީކުރެވޭ މި ރިސޯޓް ޕްރޮޖެކްޓަކީ މެދުފަންތީގެ ޓޫރިޒަމަށް ވަންނަން ބޭނުންވާ ފަރާތްތަކުން ވަރަށް ޝައުގުވެރިވާ ޕްރޮޖެކްޓެއް ކަމަށާއި، ކެލާގެ ފެނާ ނަރުދަމާގެ މަސައްކަތް ނިމޭއިރު މި ޕްރޮޖެކްޓްވެސް ފެށިގެންދާނެކަމަގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ ޢާރިފް ވިދާޅުވީ، މި ޕްރޮޖެކްޓަކީ ކެލާގެ ޒުވާނުން ދެކެމުންދިޔަ ހުވަފެންތަކުގައި ހަޤީޤީ ކުލަ ޖެހިގެންދިޔަ ވަރަށްވެސް އުއްމީދީ ޕްރޮޖެކްޓެއްކަމަށެވެ. އަދި ސަރުކާރުން ކެލާއަށް ގެންނަމުންދާ ޢުމްރާނީ ތަރައްޤީތަކާއި، އިޤްތިޞާދީ ތަރައްޤީތައް އެރަށުގެ ރައްޔިތުން އުފަލާއެކު ބަލައިގަންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކެލާގައި އިފްތިތާހްކުރެވުނު އިންޓެގްރޭޓެޑް ރިސޯޓު ޕްރޮޖެކްޓަކީ ސަރުކާރުން އެރަށުގައި ހިންގާ މިފަދަ އެންމެ ބިޔަ ޕްރޮޖެކްޓްއެވެ. މި ޕްރޮޖެކްޓްގެ ދަށުން 500 ގެސްޓް ރޫމް ތަރައްޤީކޮށް، ފަނަރަ ސަތޭކައެއްހާ ވަޒީފާގެ ފުރުސަތު ހުޅުވާލެވިގެންދާނެކަމަށް ސަރުކާރުން ހާމަކުރެއެވެ. މީގެ އިތުރުން  ނައިބު ރައީސް އަހުމަދު އަދީބު ވަނީ ކެލާގައި އަމިއްލަ ފަރާތަކުން ހިންގަމުން އަންނަ "ހޮލިޑޭ ހޯމް ކެލާ" ގެސްޓް ހައުސްވެސް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. މިއީ އެރަށުގައި ހުޅުވިގެންދިޔަ މިފަދަ ފުރަތަމަ ގެސްޓް ހައުސްއެވެ. ނައިބު ރައީސް ކެލާއަށް މިކުރައްވާ ދަތުރުފުޅުގައި މިއަދު ހަވީރުގެ ވަގުތެއްގައި ކެލާ ސްޕޯޓްސް އެރީނާގައި ހިމެނޭ ފުޓްސަލް ދަނޑު  ހުޅުވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެހެންމެ މިރޭ ކެލާގައި އޮންނަ އީދު ޝޯ ޝަރަފްވެރިކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.