ދުނިޔޭގެ ވިޔަފާރި

ޕޮލިމަރ ނޫޓް ނެރުނު ފުރަތަމަ އަރަބި ޤައުމަކަށް ސައުދީ އަރަބިއްޔާ


ކޮލިޓީގެ ގޮތުންނާއި، ސެކިއުރިޓީގެ ގޮތުން ވަރުގަދަ ޕޮލިމަރ ފައިސާގެ ނޫޓް ސައުދީ އަރަބިއްޔާގައި ބޭނުންކުރަން ފަށައިިފިއެވެ.

ސައުދީ އަރަބިއްޔާގައި ޕޮލިމަރ ނޫޓް ބޭނުންކުރަން ފަށާފައިވާއިރު އެޤައުމުގެ މަނިޓަރީ އޮތޯރިޓީއިން މިހާރުވަނީ ފަސް ރިޔާޟްގެ ޕޮލިމަރ ނޫޓްތައް ދޫކުރަން ފަށާފައެވެ.

ސައުދީ އަރަބިއްޔާގެ މަނިޓަރީ އޮތޯރިޓީން ކުރި ޓުވީޓެއްގައި ބުނީ އެ އިދާރާއިން ފަސް ރިޔާޟްގެ ޕޮލިމަރ ނޫޓްތަކުގެ ފުރަތަމަ ބެޗް ދައުރުކުރަން ފަށާފައިވާއިރު މިއީ 2030 ވަނަ އަހަރަށް ސައުދީ ސަރުކާރުން އަމާޒު ހިފާފައިވާ ތަރައްޤީގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ވަރަށް މުހިންމު ފިޔަވަޅެއްކަމަށެވެ. އެގޮތުން މި ނޫޓްތަކާއެކު ކޮލިޓީގެ ގޮތުންނާއި، ސެކިއުރިޓީގެ ގޮތުން ވަރުގަދަ ފައިސާ ދައުރުކޮށް، ޤައުމީ ފައިސާގެ އައު ނިޒާމެއް އުފެއްދުމުގެ މަސައްކަތް ރަސްމީކޮށް ފެށުނީކަމަށް ސައުދީ އަރަބިއްޔާގެ މަނިޓަރީ އޮތޯރިޓީން ބުނެއެވެ.

ސައުދީގައި ނެރުނު ފައިސާގެ އައު ނޫޓްގެ ޑިޒައިންނަށް މާބޮޑެތި ބަދަލުތަކެއް ގެނެސްފައެއް ނުވެއެވެ. އެގޮތުން ނޫޓްގައި ސައުދީ ރަސްގެފާނު މުހައްމަދު ބިން ސަލްމާންގެ ފޮޓޯފުޅެއް ހުރިއިރު، ނޫޓްގެ ފަހަތުން ފެންނަނީ ކުރީގެ ނޫޓްގައިވެސް ހުރި ސަބާޔާ ބަގީޗާގެ މަންޒަރުތަކެވެ.

ފަސް ރިޔާޟްގެ ޕޮލިމަރ ނޫޓްތަކުގައި އެކުލެވޭ ބައެއް ސަލާމަތީ ފިޔަވަޅުތަކުގެ ތެރޭގައި، ނޫޓްތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭނެއެވެ. އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނައިރު، މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއްނޫނެވެ. މީގެ އިތުރުން އާދައިގެ އަލީގައި އެއްކުލައަކުން ފެންނަ ކުރެހުންތައްވެސްއަލްޓްރާ ވައިލެޓް އަލީގައި ދެކުލައަކުން ފެންނާނެއެވެ.

ސައުދީ އަރާބިއްޔާގެ މަނިޓަރީ އޮތޯރިޓީން ބުނީ ފަސް ރިޔާޟްގެ ޕޮލިމަރ ނޫޓްތައް ނެރުނުކަމުގައި ވިޔަސް، ކުރީގެ ނޫޓްތައް އަދިވެސް ބޭނުންކުރާނެކަމަށެވެ. އަދި އެ ނޫޓްތައް ބޭނުންކުރުން ހުއްޓާލާނީ އައު ނޫޓްތައް އާންމުންނަށް ފަސޭހައިން ލިބި، އައު ނޫޓް ސީރީޒްގެ އިތުރު ނޫޓްތައް ނެރުމަށްފަހުގައިކަމަށެވެ.