ދުނިޔޭގެ ވިޔަފާރި

ގޮތް ހުސްވެ، އެމެރިކާގެ އެއަރލައިންތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ފަށައިފި


ގޮތް ހުސްވެ އެމެރިކާގެ އެއަރލައިންތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރަން ފަށައިފިއެވެ.

ޚަބަރުތައް ބުނާގޮތުން އެމެރިކާގެ ބޮޑެތި އެއަރލައިންތައް ކަމަށްވާ އެމެރިކަން އެއަރލައިންސްއާއި ޔުނައިޓެޑް އެއަރލައިންސްއިން ވަނީ އެ އެއަރލައިންތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށް، 32 ހާސް މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައެވެ.

އެއްފަހަރާ ގިނަ އަދަދެއްގެ މުއައްޒަފުން ވަކިކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، އެމެރިކަން އެއަރލައިންސް، އޭއޭލްގެ ސީއީއޯ ގޯ ޕާކާވަނީ އެމެރިކާ ސަރުކާރުން އެ ޤައުމުގެ އެއަރލައިންތަކަށް ދޭން ބުނި އެހީ ނުދެވުމުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ. އަދި ވޭތުވެދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައިވެސް މުވައްޒަފުންނަށް މުސާރަ ދެވުނީ ފެޑަރަލް އެހީގެ ގޮތުގައި އެއާލައިންތަކަށް 25 ބިލިއަން ޑޮލަރުގެ ކެއަރ ޕެކޭޖެއް ސަރުކާރުން ދިނުމުންކަމަށް ޕާކާ ވިދާޅުވިއެވެ.

އެމެރިކާ ސަރުކާރުން އޭރު އެހީ ދިނުމުގައި ސެޕްޓެމްބަރު މަސް ނިމެންދެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރުމަށް އިލްތިމާސްކުރިކަަމަށެވެ. ނަމަވެސް އޭގެފަހުން އެހީއެއް ނުލިބޭކަމަށާއި އެހެންކަމުން އެއަރލައިންގެ 19 ހާސް މުއައްޒަފުން ވަޒީފާއިން ވަކިކުރަން މަޖުބޫރުވީކަމަށް އެމެރިކަން އެއަރލައިންސްގެ ސީއީއޯ ވިދާޅުވިއެވެ.

އެމެރިކަން އެއަރލައިންސްއިން މިހެން ބުނެފައިވާއިރު ޔުނައިޓެޑް އެއަރލައިންސްގެ ސީއީއޯ ސްކޮޓް ކިރްބީގެ ބަސްމަގުވެސް ހުރީ ދާދި އެއްގޮތަކަށެވެ. އެގޮތުން މާލީގޮތުން ދިމާވާ ދަތިތަކާއެކު 13 ހާސް މުވައްޒަފުން ޔުނައިޓެޑް އެއަރލައިންސް، ޔޫއޭއެލްއިންވެސް ވަކިކުރަން ވަނީ ނިންމާފައެވެ.

ގޮތް ހުސްވެ އެމެރިކާގެ އެއަރލަންތަކުން މުވައްޒަފުން ވަޒީފާއިން ވަކިކުރަން ފަށާފައިވީނަމަވެސް، އެމެރިކާ ސަރުކާރުން ދޭން ބުނި އެހީ ހަމަޖެހުމުން މުއައްޒަފުންގެ ވަޒީފާ އަލުން ރުޖޫޢަކުރާނެކަމަށް އެ އެއަރލައިންތަކުން ބުނެއެވެ.

އެމެރިކާ ސަރުކާރުން ދަނީ ކޮރޯނާ ވައިރަހުުގެ ސަބަބުން އެކި ސިނާއަތްތަކަށް ކުރި އަސަރު ކުޑަކުރުމަށް އެތައް ޓްރިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް ތަޢާރަފްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި މި ބަލިމަޑުކަމުން އެންމެ ބޮޑު އަސަރެއް ކުރި އޭވިއޭޝަން ދާއިރާގެ އެއަރލައިންތަކަށް 25 ބިލިއަން ޑޮލަރު ކަނޑައަޅާފައިވާއިރު، މި ޕެކޭޖްއަށް ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯދާ ފާސްކުރުމަށް އަދި ވަގުތު ނަގާނެކަމަށް ޚަބަރުތައް ބުނެއެވެ.