ޚަބަރު

ކޯވިޑް-19: އައްޑޫ ސިޓީގައި ސަރވައިލެންސް ސާމްޕަލް ތަކެއް ނަގަނީ


އައްޑޫގައި ކޯވިޑް-19 އޮތްތޯ ބެލުމަށް ސާރވައިލެންސް ސާމްޕަލް ނެގުމަށް ނިންމައިފިއެވެ.

މި ސާމްޕަލްތަށް ނެގުމަށް ހަމަޖެހިފައިވާނީ އަންނަ ހަފްތާގެ އަދީއްތަ ދުވަހާއި، ހޯމަ ދުވަހު ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއެވެ. މިއީ ކޯވިޑް-19 ރާއްޖޭގެ ސަރަހައްދުތަކުގައި އޮތްމިންވަރު ދެނެގަތުމަށް، ރައްޖޭގެ ހުރިހާ ސަރަހައްދަކުން ސާމްޕަލް ނަގައި ޓެސްޓް ކުރަން ހަަމަޖެއްސުމާ ގުޅިގެން އައްޑޫސިޓީއަށް ޚާއްޞަކޮށްގެން ނަގާ ސާމްޕަލް ކަމަށް އެހޮސްޕިޓަލުން ވިދާޅުވެއެވެ.

އެހޮސްޕިޓަލުން ވިދާޅުވީ، 2 ދުވަހުގެ ތެރޭގައި އައްޑޫގެ އެކި އަވަށްތަކުން 200 އަށް ވުރެ ގިނަ ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އައްޑޫގައި މިހާތަނަށް ސަރވައިލަންސް ސާމްޕަލްތަކެއް ނަގާފައެއް ނުވެއެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ކޯވިޑް-19 އަށް ޓެސްޓު ކުރަން ފެށި ފަހުން މިހާތަނަށް ހޮސްޕިޓަލުން މުޅީންހެން ޓެސްޓު ކުރަމުން އައީ ހޯމް ކަރަންޓީންގައި ތިބޭމީހުންގެ ގައިން ނަގާ ސާމްޕަލްތަކެވެ. އެގޮތުން މިހާތަނަށް 1200 އަށް ވުރެ ގިނަ ޓެސްޓު ހަދާފައިވާ ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.