ދުނިޔޭގެ ވިޔަފާރި

ޓިކްޓޮކާއި އޮރެކަލްގެ އެއްބަސްވުމަށް ޓްރަމްޕް ރުހުން ދެއްވައިފި


ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް، އޮރެކަލްއަށް ވިއްކާލުމުގެ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރުހުންދެއްވައިފިއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެމެރިކާގެ އޮޕަރޭޝަންތައް، އޮރެކަލްއަށް ވިއްކާލުމުގެ އެއްބަސްވުމަށް ރުހުން ދިންކަން ހާމަކުރައްވާފައިވަނީ އެމަނިކުފާނު ނޯތް ކެލެފޯނިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަވަމުންނެވެ. ޓްރަމްޕް ވަނީ މި އެއްބަސްވުން އަދި މި އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަމަށް ވިދާޅުވެފައެވެ. އެގޮތުން އެއްބަސްވުމަކަށް ނައިސް މިކަން ނިމުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްވަނީ މި އެއްބަސްވުމުގެ ދަށުން އެމެރިކާގެ ޤައުމީ ސަލާމަތުގެ ރައްކާތެރިކަމަށްޓަކައި ދުނިޔޭގައި ރީޓެއިލް ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުންދާ ވޯލްމާޓް ބައިވެރިކުރާނެކަމަށް ބުނެފައެވެ. އެގޮތުން ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތަކަށް ބޭނުންކުރާނީ ވަކި ކްލައުޑެއްކަމަށް އޭނާ ވިދާޅުވިއެވެ.

ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް، އޮރެކަލްއަށް ވިއްކާލުމުގެ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރުހުންދެއްވުމާއި ގުޅިގެން މިކަމަށް ޓިކްޓޮކާއި ބައިޓްޑާންސްއިން ވަނީ މަރުޙަބާކިޔާފައެވެ. އެހެންނަމަވެސް، މި އެއްބަސްވުމަށް އަމަލުކުރަން ފެށޭނީ ޗައިނާ ސަރުކާރުން ރުހުންދިނުމުންކަމަށް ޚަބަރުތައް ބުނެއެވެ.

ޓިކްޓޮކްއާއި އޮރެކަލްގެ އެއްބަސްވުމަށް ޑޮނާލްޑް ޓްރަމްޕް ރުހުންދެއްވާފައިވާއިރު، ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް އެމެރިކާގެ ކުންފުންޏަކަށް ވިއްކާލުމަށް އެމެރިކާ ސަރުކާރުން ޓިކްޓޮކްއަށް ދީފައިވާ ސުންގަޑި މިއަދު ހަމަވާނެއެވެ. އަދި ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް އެމެރިކާ ކުންފުންޏަކަށް ވިއްކާނުލައިފިނަމަ، މިއަދުން ފެށިގެން އެމެރިކާގައި ޓިކްޓޮކް މަނާކުރުމަށް އެޤައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ނިންމާފައެވެ. ނަމަވެސް ޓިކްޓޮކްއާއި އޮރެކަލްގެ އެއްބަސްވުމަށް އެމެރިކާގެ ރައީސް ރުހުން ދެއްވުމާ ގުޅިގެން، އެއްބަސްވުމާ ގުޅޭ މަސައްކަތްތައް ނިންމުމަށް އެމެރިކާގެ ޑިޕާޓްމަންޓުން ވަނީ ޓިކްޓޮކްއަށް ހަފްތާއެއްގެ މުއްދަތު ދީފައެވެ.

އޮރެކަލްއަށް ޓިކްޓޮކްގެ އެމެރިކާގެ އޮަޕަރޭޝަންތައް ވިއްކާލުމުގެ އެއްބަސްވުމެއް ތައްޔާރުކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ހިމަނާ ޝަރުތުތަކާއި ގުޅޭގޮތުން ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސްއާއި އޮރެކަލްއާއި ދެމެދު މިހާރުވެސް ދަނީ މަޝްވަރާތައް ކުރިއަށްގެންދަމުންނެވެ. އެގޮތުން މި އެއްބަސްވުން އެކުލަވާލިޔަސް ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތަކުގެ ބޮޑު ހިއްސާއެއް އަދިވެސް އޮންނާނީ ބައިޓްޑާންސްގެ ނަމުގައިކަމަށް ޚަބަރުތައް ބުނެއެވެ.

ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް އޮރެކަލް ކުންފުންޏަށް ވިއްކާލުމަށް ޓިކްޓޮކްއިން އެއްބަސްވުމަކަށް އައިސްފައިވާއިރު، މައިކްރޯސޮފްޓުންވެސް ވަނީ ޓިކްޓޮކް ގަތުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް މައިކްރޯސޮފްޓުން ހުށަހެޅި ބިޑަށް ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި، ޗައިނާގެ ބައިޓްޑާންސްއިން ވަނީ އެއްބަސްނުވެފައެވެ. ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތަކުގެ އިތުރުން، ޓިކްޓޮކްގެ ކެނެޑާ، އޮސްޓްރޭލިއާ، އަދި ނިއުޒިލެންޑްގެ އޮޕަރޭޝަންތައް ގަތުމަށްވެސް އޮރެކަލްއިން މަސައްކަތްކުރަމުންދާކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ޚަބަރުތައް ބުނާގޮތުން އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދު އުޅެނީ 100 މިލިއަންގައެވެ.