 
										
			ގދ.ތިނަދޫ އައިސް ޕްލާންޓް ސަރަޙައްދުގެ އެއްގަމުތޮށިލުމުގެ މަސައްކަތް ނިންމާލައިފިއެވެ. 
ތިނަދޫގައި މިފްކޯއިން ހިންގަމުންދާ އައިސްޕްލާންޓު ހިމެނޭ ސަރަޙައްދުގެ ޖެޓީ ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 31 ޖުލައި 2019 ގައެވެ. އަދި މިމަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިއަހަރުގެ މާރިޗުމަހުގެ ތެރޭގައެވެ.
		
 
										 
										 
										
			މި މަޝްރޫޢުގެ ދަށުން 9245 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 1859.01 ކިއުބިކް މީޓަރު ސަރަޙައްދެއްގެ ފަޅު ފުންކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ވަނީ ކޮށްފައެވެ. އަދި 161 މީޓަރު ސަރަޙައްދެއްގެ އެއްގަމު ތޮށިލުމާއި، 10 މީޓަރު ސަރަޙައްދެއްގެ ރިވެޓްމަންޓް ޖެހުމާއި، ބަނދަރާ އިންވެގެން ޕޭވްމަންޓް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތްވެސް އެމް.ޓީ.ސީ.ސީން ކޮށްފައިވެއެވެ. 
ގދ. ތިނަދޫ އައިސްޕްލާންޓްހުރި ސަރަޙައްދުގެ ޖެޓީ ހެދުމުގެ މަސައްކަތްކޮށްފައިވަނީ ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 20.04 މިލިއަން ރުފިޔާ ޚަރަދުކޮށްގެންނެވެ. މި މަޝްރޫޢުގެ ސަބަބުން ތިނަދޫ އައިސްޕްލާންޓްގެ ޚިދުމަތް ހޯދުމަށް މަސްވެރިންނަށް މިހާރަށްވުރެ ފަސޭހަވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.