ރާއްޖޭގައި މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" ގެ ނަމުގައި މުޅިން އައު ޤާނޫނަކަށް އަމަލުކުރަން ވަނީ ފަށައިފައެވެ. މި ޤާނޫނުގައި ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާއި ޤާނޫނާ ޚިލާފަށް އުޅަނދު ދުއްވާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާތަކެއް ވަނީ ކަނޑައަޅާފައެވެ.
މި ޤާނޫނުގައިވާގޮތުން ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އެއްވެސް އުޅަނދެއް ދުއްވުމަކީ ޤާނޫނީ ކުށެކެވެ. އެފަދަ ކުށެއްގެ އަދަބަކީ 25،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ. މި ކުށުގެ ސަބަބުން މީހަކަށް އަނިއްޔާއެއް ލިިބިއްޖެނަމަ ނުވަތަ މީހަކު މަރުވެއްޖެނަމަ ޖިނާޢީ ދަޢުވާ އުފުލިދާނެ ކަމަށާއި 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ލައިސަންސް ބާތިލުކުރެވޭނެ ކަމަށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.
އެއްގަމު އުޅަނދެއްގެ ކޮންޓްރޯލް ކުޑަކުއްޖަކަށް ނުވަތަ ލައިސަންސް ނެތް މީހަކާ ހަވާލުކުރުމާއި ފަސިންޖަރުންގެ ސީޓުގައި ނެތް މީހަކާ ކޮންޓްރޯލް ހަވާލުކުރުމަކީވެސް މި ޤާނޫނުގެ ދަށުން ކުށެކެވެ. މި ކުށުގެ އަދަބަކީ 25،000 ރުފިޔާ އާއި 50،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާކުރުމެވެ. މި ކުށުގެ ސަބަބުން މީހަކަށް އަނިއްޔާއެއް ލިބިއްޖެނަމަ 50،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 2 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ލައިސަންސް ބާތިލުކުރެވޭނެ ކަމަށްވެސް ޤާނޫނުގައިވެއެވެ.
މި ޤާނޫނުގައި މަނާކޮށްފައިިވާ ކަންކަމުގެ ތެރޭގައި އުޅަނދެއް ވިއްކުމަށްފަހު ވެރިފަރާތް ބަދަލުނުކޮށް ދުއްވުމާއި އަހަރީ ފީ ނުއްދައްކައި ދުއްވުމާއި މީހުން ހިނގުމަށް ހަދާފައިވާ ތަނެއްގައި ނުވަތަ ސަރަޙައްދުގައި އުޅަނދު ދުއްވުމާއި ޕާކުކުރުމުގެ އިތުރުން އުޅަނދު ދުއްވަމުން ދުންފަތުގެ އިސްތިއުމާލުކުރުމާއި އެއް މަގެއްގައި ނުވަތަ މަގުގެ އެއް ލޭނުގައި އެއް ހަމައެއްގައި ތިބެގެން އެއް އުޅަނދަށްވުރެ ގިނަ އުޅަނދު އެކުގައި ދުއްވުމާއި ނެވިގޭޝަން ބޭނުމަށް ނޫންގޮތަކަށް މުވާސަލަތީ ވަސީލަތެއް ބޭނުންކުރުން ހިމެނެއެވެ. މީގެ ތެރެއިން ކަމެއް ކޮށްފިނަމަ 750 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
އުޅަނދުތައް ރަޖިސްޓްރީނުކޮށް ދުއްވުމާއި ލައިސަންސް ނެތި ދުއްވުމާއި ކަނޑައަޅާފައިވާ ދުވެލީގެ މިންގަނޑަށްވުރެ ބާރަށް ދުއްވުމަކީވެސް މި ޤާނޫނުގެ ދަށުން މަނާކަމަކެވެ. އެގޮތުން، ރަޖިސްޓްރީނުކޮށް އުޅަނދު ދުއްވައިފިނަމަ ދުއްވި މީހާ 10،000 ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު އުޅަނދުގެ ވެރިފަރާތް 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.
ލައިސަންސް ނެތި ދުއްވައިފިނަމަ ފުރަތަމަ ފަހަރަށް 1000 ރުފިޔާ، ދެވަނަ ފަހަރަށް 1500 ރުފިޔާ އަދި ތިންވަނަފަހަރަށް 2000 ރުފިޔާގެ ޖުރިމަނާ ކުރުމާއެކު އެއަށްވުރެ އިތުރުވާ ކޮންމެ ފަހަރަކު ޖޫރިމަނާ ދެގުނަވާގޮތަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި އުޅަނދު 30 ދުވަހުގެ މުއްދަތަކަށް ހިފަހައްޓައި އުޅަނދުގެ ވެރިފަރާތް 2000 ރުފިޔާއިން ޖޫރިމަނާކުރެވޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ކަނޑައަޅާފައިވާ ދުވެލީގެ މިންގަނޑަށްވުރެ ބާރަށް ދުއްވައިފިނަމަ ފުރަތަމަ ފަހަރު 2000 ރުފިޔާ، ދެވަނަ ފަހަރު 3000 ރުފިޔާ އަދި ތިންވަނަ ފަހަރު 5000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އެއަށްވުރެ އިތުރަށް ޤާނޫނާ ޚިލާފުވެއްޖެނަމަ ޖޫރިމަނާގެ ދެގުނަ އިތުރުވާނެ ކަމަށާއި އުޅަނދު ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް ހިފެހެއްޓޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
ޤާނޫނުގައިވާގޮތުން ރޯޑުވަރދިނަސް އައުނުކޮށް އުޅަނދު ދުއްވައިފިނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އަދި އިމަރޖެންސީ ސައިރެން އަޅަމުންދާ އުޅަނދަކަށް ހުރަސް އަޅައި ކަފިހިހުރަހުން މީހުންނަށް ހުރަސްކުރަން ޖާގަނުދީ ދުއްވައިފިނަމަ 1500 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.
ޓްރެފިކް ނިޝާންތަކާއި ޓްރެފިކް ބައްތިއާ ޚިލާފުވެއްޖެނަމަ ފުރަތަމަ ފަހަރަށް 1000 ރުފިޔާ، ދެވަނަ ފަހަރަށް 1500 ރުފިޔާ، 3ވަނަ ފަހަރަށް 2000 ރުފިޔާ އަދި އެއަށްވުރެ އިތުރުވެއްޖެނަމަ އިތުރުވާ ކޮންމެ ފަހަރަކަށް ޖޫރިމަނާގެ ދެގުނަ އިތުރުވާގޮތަށް ޖޫރިމަނާކުރެވޭނެއެވެ.
ގަވާއިދާ ޚިލާފަށް ޕާކުކުރުމާއި މަގުމަތީގައި ހިނގާ ފަރާތްތަކަށް މަނާ ކަންކަންވެސް މި ޤާނޫނުގައި ވަނީ ހިމަނާފައެވެ. އެގޮތުން، ގަވާއިދާ ޚިލާފަށް ޕާކުކޮށްފިނަމަ ކޮންމެ ފަހަރަކު 500 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި ޕާކުކުރީ ގޯޅިތަކާއި މަގު ކަންމަތިތަކާއި ސްކޫލްތައް ކައިރީގައި ހުންނަ ޕާކިން ޒޯނުތައް ފިޔަވައި އެހެން ތަންތަނާއި ބަސް ހުއްޓުމަށް ކަނޑައަޅާފައިވާ ޒޯނުތަކާއި ކަފިހިހުރަސްގައި ޕާކުކޮށްފިނަމަ 1500 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދުތައް ޕާކުކުރުމަށް ކަނޑައަޅާފައިވާ ތަނެއްގައި އެހެން އުޅަނދެއް ޕާކުކޮށްފިނަމަ 2000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި މަގު ހުރަސްކުރުމާ ގުޅޭގޮތުން ކަނޑައަޅާ ހަމަތަކާ ޚިލާފުވެއްޖެނަމަ 100 ރުފިޔާގެ ޖޫރިމަނާއެއް ކުރެވޭނެއެވެ.
މި ޤާނޫނުގައި ކުރުން މަނާކަންކަމުގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެއް ކޮށްފިނަމަ އެ މީހެއްގެ ލައިސަންސްގައި ޑީމެރިޓް ޕޮއިންޓް ރެކޯޑް ކުރެވޭނެއެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި އަމަލުކުރަންޖެހޭ މި ޑީމެރިޓް ސިސްޓަމްގެ ދަށުން ލައިސަންސްގައި ޕޮއިންޓް ރެކޯޑްވާ ފަރާތްތަކުން ޑްރައިވަރ އެޑިއުކޭޝަން ޕްރޮގްރާމް ފުރިހަމަކުރަންޖެހޭނެއެވެ.
ގަވާއިދާ ޚިލާފަށް އުޅަނދު ޕާކުކުރުމުގެ ސަބަބުން ޖޫރިމަނާ 5،000 ރުފިޔާއަށްވުރެ ބޮޑުވެއްޖަނަމަ އެ ފައިސާ ދައްކާ ޚަލާސްކުރަންދެން އެ އުޅަނދެއް ޓްރެފިކް ފުލުހުންނަށް ބޫޓު ކުރެވިދާނެ ކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ބޫޓޫ ކުރުމަކީ ޕާކުކޮށްފައިވާ އުޅެންދެއްގެ ފުރޮޅުގައި ނުވަތަ އެނޫންވެސް ތަނެއްގައި އުޅަނދު ދުއްވުން މަނާކުރުމާސް ޓްރެކް ކުރެވޭގޮތަށް ހަދާފައިވާ އިލެކްޓްރޯމެކޭނިކަލް އާލަތެއް ހަރުކުރުމެވެ.
މި ޤާނޫނުގެ ދަށުން އުޅަނދު ދުއްވި މީހާ ޖޫރިމަނާކުރަން ކަނޑައަޅާފައިވާ ކަންކަމުގައި އެ އުޅަނދު ދުއްވި މީހާއަކީ ކާކުކަން ދެނެގަނެވެން ނެތް ހާލަތުގައި ޖޫރިމަނާ ކުރާނީ އުޅަނދުގެ ވެރިފަރާތެވެ. ނަމަވެސް އެކަން ކުރީ އުޅަނދު ވަގަށް ނަގައިގެން ކަމަށްވާނަމަ ވެރިފަރާތުން ޒިންމާވާން ނުޖެހޭނެ ކަމަށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.