މާލީ އެހީތެރިކަން ލިބުން ދަތިވުމުގެ ސަބަބުން، ޣައްޒާގައި ހިންގާ ކާބޯތަކެތީގެ އެހީގެ ޕްރޮގްރާމްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެ ސަރަހައްދުގެ 5 ލައްކަ މީހުންނަށް މަހުން މަހަށް ފޯރުކޮށްދެމުންދިޔަ ކާބޯތަކެތީގެ އެހީ މެދުކަނޑާލަން ޖެހިފައިވާ ކަމަށް އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) އިން ހާމަކޮށްފިއެވެ.
އާންމު ހާލަތުގައި ވެސް ކާބޯތަކެތި ހޯދުމަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ޣައްޒާގެ އާބާދީގެ ތިންބައިކުޅަ ދެބައި މީހުންނަށް މި ނިންމުމުގެ ސަބަބުން އިތުރު ތަކުލީފުތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.
ޑަބްލިޔުއެފްޕީން މައުލޫމާތު ދިން ގޮތުގައި، ކާބޯތަކެތީގެ އެހީ ފޯރުކޮށްދެވޭ މީހުންގެ އަދަދު ވަނީ 1.6 މިލިޔަނުން 1.1 މިލިޔަނަށް ދަށްކޮށްފައެވެ. މީގެ އިތުރުން ފޯރުކޮށްދޭ ކާބޯތަކެތީގެ އަދަދު ދެބައިކުޅަ އެއްބަޔަށް މަދުކޮށް، 75,000 އާއިލާއަކަށް ދެމުން އައި ފައިސާގެ އެހީ ވެސް ވަނީ މެދުކަނޑާލާފައެވެ. އަދި އަމިއްލައަށް ކާބޯތަކެތި ތައްޔާރުކުރުމުގެ ކުޅެދުންތެރިކަން ނެތް ފަރާތްތަކަށް ދުވާލަކު ދެމުންދިޔަ ހޫނު ކާނާގެ ޕެކެޓްގެ އަދަދު ވަނީ 250,000 އިން 150,000 އަށް ތިރިކޮށްފައެވެ.
މި ނާޒުކު ދަނޑިވަޅުގައި، ޣައްޒާގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި، ނުވަތަ 1.4 މިލިޔަން މީހުން ކާބޯތަކެތީގެ ރައްކާތެރިކަން ނެތް ހާލަތެއްގައި ތިބިއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 200,000 މީހުން ދިރިއުޅެމުންދަނީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ކަމަށް އެ ޖަމާއަތުން ފާހަގަކުރެއެވެ.
އެމެރިކާ މެދުވެރިވެގެން ފާއިތުވި އަހަރު ކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ޣައްޒާ އަލުން އާރާސްތުކުރުމަށް ރޭވިފައިވީ ނަމަވެސް، ޔަހޫދީ ސިފައިން ފޭބުމާއި ޙަމާސް ޖަމާޢަތުން ހަތިޔާރު ބެހެއްޓުމާ ގުޅޭ މާއްދާތައް ތަންފީޒުކުރުމުގައި އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
ޑަބްލިޔުއެފްޕީގެ އެކްޓިންގ އެގްޒެކެޓިވް ޑިރެކްޓަރ ކާލް ސްކާއު ރޮއިޓަރސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެއްބަސްވުމަށް އަހަރެއް ފާއިތުވެގެން ދިޔައިރު ވެސް ހާލަތު އޮތީ އިންތިހާއަށް ނުރައްކާތެރި ފައްތަރެއްގައި ކަމަށާއި، ރައްޔިތުންނަށް އެކަށޭނަ ބޯހިޔާވަހިކަމާއި އަސާސީ ޚިދުމަތްތައް އަދިވެސް ލިބެމުން ނުދާ ކަމަށެވެ. އަދި ހަނގުރާމައިގެ ހާލަތުގައި ހަތަރުވަނަ ފަހަރަށް ފިނި މޫސުމަކާ ކުރިމަތިލާންޖެހިފައިވާ މި ދަނޑިވަޅުގައި، ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް ކުރިއަށް އޮތް 6 މަސްދުވަހަށް 450 މިލިޔަން ޑޮލަރުގެ އެހީ ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާއާއި އަޅުވެތިކޮށްފައިވާ ހުޅަނގު އައްސޭރީގެ އިންސާނީ އެހީގެ އޮޕަރޭޝަންތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް މި ފަންޑު ކޮންމެހެން ބޭނުންވާކަން ފާހަގަކުރައްވައި، މިއީ ދުނިޔެ މިކަމާ މެދު ފަރުވާކުޑަކޮށް ބަލަން ތިބެންވީ ވަގުތު ނޫން ކަމަށް ޑަބްލިޔުއެފްޕީން ވަނީ ގޮވާލާފައެވެ.