ޚަބަރު

ވެސްޓް ޕާރކް ސަރަޙައްދުގެ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި


މާލޭ ވެސްޓް ޕާރކް ސަރަޙައްދުގެ މަގުތައް ވަރަށްބޮޑަށް އަޑިގުޑަންވެ ހަލާކުވެފައިވާތީ، އެ މަގު ހެދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ވެސްޓް ޕާކް ހިމެނޭ ސަރަޙައްދުގެ މަގުތަކުގެ ހަލާކުވެފައިވާ ތަންތަން މަރާމާތުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލު ފަށާފައިވަނީ މިއަދު ހެނދުނުއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވި ސިޓީ ކައުންސިލްގެ އޮފިޝަލަކު ވިދާޅުވީ، ވެސްޓް ޕާރކް ކުރިމަތީގައިވާ ކަނބާއައިސަރަނި ހިނގުމާއި، ބޮޑުތަކުތުފާނު މަގުގެ މެދުން ގަނބައިގެންފައިވާ ވަޅުތައް ރަނގަޅުކުރުމަށްޓަކައި އެމަގުން 2700 އަކަފޫޓުގައި ޖަހާފައިވާ ގައުތައް ނެގުމަށްފަހު އަލުން މަގު އެއްވަރުކޮށް، ގައު އެތުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި މޫސުން ތަންދޭނަމަ، އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށްވެސް މާލޭ ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭ ސިޓީގެ ހަލާކުވެފައިވާ މަގުތައް މަރާމާތުކޮށް، މަގުތަކުން ފޮހެވިފައިވާ ޓްރެފިކް ނިޝާންތައް އައު ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން އަންނަނީ ކުރަމުންނެވެ. އެގޮތުން ޝަހީދުޢަލީ ހިނގުމާއި، ހަވީރީ ހިނގުމާއި، ނިކަގަސްމަގުގެ ހަލާކުވެފައިވާ ސަރަޙައްދުތައް މަރާމާތުކޮށްފައިވާއިރު، 150 އަށްވުރެ ގިނަ ކާނު މަރާމާތު ކޮށްފައިވާކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ. އަދި ހަލާކުވެފައިވާ ސްޕީޑް ބްރޭކަރުތަކާއި، ޖަންގްޝަންތަކުގެ މަތިތައް މަރާމާތުކުރުމުގެ މަސައްކަތްވެސް މާލެ ސީޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

މީގެ އިތުރުން މާލޭގެ މަގުތަކުން ފެން ހިންދުމަށް ބޭނުންކުރާ ސެޓްލްމަންޓް ޓޭންކުތަކުގެ ތެރެއިން ހަލާކުވެފައިވާ 1 ޓޭންކް އަލުން މަރާމާތުކޮށްފައިވާކަމަށްވެސް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.