ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ޤަވާއިދާ އެއްގޮތަށް ސައިކަލެއް ނައްތާލަން ގެންދިޔަ މަންޒަރު ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ވިދާޅުވީ ޓްރަކަކުން ސައިކަލެއް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުކޮށް، ފުލުހުންނަށް ތުހުމަތުތަކެއް ކުރަމުންދާތީ ނެރުނު ބަޔާނެއްގައެވެ.
ފުލުހުން ވިދާޅުވީ އެ ވީޑިއޯގައި ފެންނަ ސައިކަލަކީ ޓޯކޮށް، ހަވާލުވާންޖެހޭ މުއްދަތުގައި ހަވާލުނުވުމުގެ ސަބަބުން ޤާނޫނީ ގޮތުންނާއި އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ނައްތާލުމަށް ރަސްމީކޮށް ހުއްދަ ދީފައިވާ އުޅަނދެއް ކަމަށެވެ.
މީގެ އިތުރުން އެ ވީޑިއޯއިން ފެންނަ މަންޒަރަކީ އެފަދަ އުޅަނދުތައް ނައްތާލައި ތިލަފުއްޓަށް ކުނީގެ ގޮތުގައި ގެންދިއުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ފުލުހުންނަށް ހަމަޖެހިފައިވާ ޓޯޔާޑަށް ގެންގޮސް ކުނީގެ ގޮތުގައި އެއްތަނަކަށް ޖަމާކުރަމުންދިޔަ މަންޒަރު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ އުޅަނދުތައް ދޫކުރާ މުއްދަތުގައި ހަވާލުނުވެއްޖަނަމަ 60 ދުވަހުގެ ތެރޭގައި އެ އުޅަނދާ ހަވާލުވާން އިއުލާން ކުރެއެވެ. އެ މުއްދަތުގައި ހަވާލުނުވެއްޖެނަމަ ރަޖިސްޓްރީ ބާތިލުކުރަން ހުށަހަޅައި، 7 ދުވަހުގެ ތެރޭގައި މިނިސްޓްރީން ރަޖިސްޓްރޭޝަން ބާތިލްކުރަންޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ.
މި ގަވާއިދުގެ ދަށުން ހަވާލުވާން އިއުލާންކުރާ މުއްދަތުގައި ހަވާލުނުވާ އުޅަނދުތައް ނީލަމެއްގައި ވިއްކާލުން ނުވަތަ އެ އުޅަނދެއް ނައްތާލުމުގެ ބާރު ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބެއެވެ.