ނިއޯ ނޭޓަލް ކެއަރއަކީ ހަމައެކަނި ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް ދޭ ފަރުވާ ނޫންކަމަށާއި، މިއީ އެ ކުއްޖެއްގެ މުޅި އުމުރުގެ ދުޅަހެޔޮކަމާއި ގުޅިފައިވާ ވަރަށް މުހިންމު ފަރުވާގެ ދުވަސްތަކެއްކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
"ނިއޯކެއަރ ކޮންފަރެންސް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ރާއްޖެ އުފެދިފައިވާގޮތުން ޚިދުމަތްތައް ދިނުމަށް ގޮންޖެހުންތައް ބޮޑުކަމަށެވެ. މިފަދަ ކޮންފަރެންސްއެއްގެ ސަބަބުން ހޮސްޕިޓަލްތަކުގެ ގުޅުން ބަދަހިވެ، ފަންނީ މާހިރުންގެ އިރުޝާދު ފޯރުކޮށްދީ ނިއޯނޭޓަލް ކެއަރއަށް ހޭލުންތެރި ޚިދުމަތްތެރިން ތަކެއް މުޅި ރާއްޖޭގައި ބިނާކުރުމަށް މަގުފަހިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަތޮޅުތަކުގައި ހުރި އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކުގައި މި ޚިދުމަތްތައް އެންމެ ފުރިހަމައަށް ޤާއިމުވެފައި ނެތް ނަމަވެސް، ޓަރޝަރީ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއި ތަޖުރިބާކަރުން ގުޅިގެން ކުރާ މަސައްކަތުން، މިކަމަށް ބޭނުންވާ އެންމެހާ މަޢުލުމާތާއި އެހީތެރިކަން ދެވިގެންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އެއްވެސް ކުއްލި ޙާލަތެއް މެދުވެރިވެއްޖެނަމަ، ޢަމަލުކުރަންވީގޮތްތަކަށް ސިއްޙީ އެހީތެރިން ވަރަށް ބޮޑަށް ހޭލުންތެރިކުރެވިގެންދާން ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، މި ޚިދުމަތް ދެވޭ ހޮސްޕިޓަލްތަކުގައިވެސް، ޚިދުމަތުގެ ފެންވަރު ދެމެހެއްޓުމަށް އަބަދުވެސް އެ އަންނަ ތަރައްޤީއާއެކު މަސައްކަތް ކުރަންޖެހޭކަމަށެވެ.
"އެއްފަހަރު ތަމްރީންކޮށްލާފައި ދޫކޮށްލަނިއްޔެއް ނޫން. މިއީ ދެމެހެއްޓެނިވި ތަމްރީންތައް ދޭންޖެހޭ ދާއިރާއެއް. ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް، ކްލިނިކަލް މެންޓޯޝިޕް އަދި މިނޫންވެސް ޚިދުމަތްތައް ދޭނެގޮތްތައް ވަރަށް ރަނގަޅަށް އިނގިތިބި ބަޔަކަށްވާންޖެހޭ، ޒިންމާ ބޮޑު މަސައްކަތެއް." ވަޒީރު ޤީލާ ވިދާޅުވިއެވެ.
ނިއޯނޭޓަލް ފަރުވާގެ ނިޒާމަކީ ވަރަށް ދުރަށް ވިސްނައިގެން ތަރައްޤީކުރަން ޖެހޭ ޚިދުމަތްތަކެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ޚިދުމަތްތައް ދޭ ގޮތަށް އަންނަ ބަދަލާއި ފަރުވާދޭން ބޭނުންކުރާ ވަސީލަތްތަކަށް ފަރިތަ ބަޔަކަށް ހެދުމަށް، އިންސާނީ ވަސީލަތުގެ ތަރައްޤީއަށް ކޮންމެހެން ބޭނުންޖެހިފައިވާ ޚިދުމަތެއްކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ފަރުވާއަށް ފަހު ކުއްޖާ ދޫކޮށްލާ ހިސާބަކީ، އެކުންދިންގެ ސިއްޙީ އެހީތެރިންގެ ޒިންމާ ނިމޭ ހިސާބު ނޫންކަމަށެވެ. އެކުންދިންގެ ފޮލޯއަޕްތަކާއި އާއިލާއަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދީ، އެފަދަ ކުއްޖެއްގެ ސިއްޙަތަށް ބަހައްޓަންޖެހޭ ފަރުވާތެރިކަމުގެ ކަންކަން ބުނެދިނުމަކީ އެންމެ ބޮޑު އެއް ޒިންމާކަމަށް ޞިއްޙަތާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.