ޚަބަރު

ކީރިތި ޤުރުއާން ހިތުދަސްކުރި މީހުންގެ އަދަދު 320އަށް


  • މިއަހަރުގެ މިހާތަނަށް 29 ދަރިވަރުން ވަނީ ޤުރުއާން ހިތުދަސްކޮށްފައި

  • ޤުރުއާނާބެހޭ މަރުކަޒުގެ ކްލާސްތަކުގައި 1185 ދަރިވަރުން

  • 3 ދަރިވަރަކު މިހާރު އަންނަނީ ޤުރުއާން ހިތުދަސްކޮށް ކޮމިޓީއަށް ކިޔާދެމުން

ކީރިތި ޤުރުއާނަކީ ބަރަކާތުން ފުރިގެންވާ ފޮތެކެވެ. އެއީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. އެފޮތުގެ ޒަރިއްޔާއިން މީސްތަކުންނަށް ގިނަގުނަ ޘަވާބައި ދަރުމަ ލިބިގެން ދެއެވެ. އަދި އޭގެ ޒަރިއްޔާއިން ހިދާޔަތު ލިބިގެން ދެއެވެ.

އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމުންކަމަށްވާއިރު ކޮންމެ ދުވަހަކުވެސް އެ ފޮތުން ކޮންމެވެސް މިންވަރެއް ކިޔަވާލުމަކީ މުހިއްމުކަމެކެވެ. އަދި އެ ފޮތުގައިވާ ސޫރަތްތަކާއި އާޔަތްތައް ހިތުން ދަސްކޮށް ކީރިތި ޤުރުއާން ހިތުދަސްވެފައިވާ މީހަކަށް ވުމަކީ ކިހާ ބޮޑު ނަސީބުވެރިއެއްހެޔެވެ. ރާއްޖޭގައިވެސް މިހާރު ކީރިތި ޤުރުއާން ހިތުދަސްކުރަމުންދާ މީހުންނާއި ހިތުދަސްކޮށްފައިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި މިކަން ފުޅަ ކުރުމަށްޓަކައިވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ޕީއެސްއެމް ނިއުސްއަށް ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަަށް ބަލާއިރު ކީރިތި ޤުރްއާން ހިތުދަސް ކުރާ ކުލާސް ތަކުގައި އުމުރުން 7 އަހަރުން މަތީގެ ކުދިންނާއި 65 އަހަރުން މަތީގެ މީހުންވެސް ހިމެނެއެވެ.

މިހާރު އެމަރުކަޒުގައި 1185 މީހަކު ޤުރުއާން ހިތުދަސްކުރާ ކްލާސްތަކުގައި ކިޔަވަމުންދެއެވެ. މީގެ ތެރެއިން 3 ދަރިވަރަކު މިހާރު އަންނަނީ ޤުރުއާން ހިތުދަސްކޮށް ކޮމިޓީއަށް ކިޔާދެމުންނެވެ. އެއީ 16 އަހަރުގެ ކުއްޖަކާއި 20 އަހަރުގެ ކުއްޖެއްގެ އިތުރުން 22 އަހަރުގެ ކުއްޖެކެވެ.

މި ތަފާސްހިސާބަށް ބަލާއިރު މިއަހަރުގެ މިހާތަނަށް 29 ދަރިވަރުން ވަނީ ޤުރުއާން ހިތުދަސްކޮށްފައެވެ. އޭގެ ތެރޭގައި 13 އަހަރުގެ 4 ކުދިންނާއި 15 އަހަރުގެ 5 ކުދިންނާއި 16 އަހަރުގެ 4 ކުއްޖަކު ހިމެނެއެވެ. އަދި 18 އަހަރުގެ 2 ކުއްޖަކާއި 19 އަހަރުގެ 2 ކުއްޖެެއްގެ އިތުރުން 23 އަހަރުގެ ކުއްޖަކުވެސް ޤުރުއާން ހިތުދަސްކޮށްފައިވެއެވެ.

އުމުރުން 43 އަހަރުން މަތީގެ 4 މީހަކުވެސް ވަނީ މިއަހަރުގެ ތެރޭގައި ޤުރުއާން ހިތުދަސްކޮށްފައެވެ. މިއާއެކު ކީރިތި ޤުރުއާން ހިތުދަސްކުރި މީހުންގެ އަދަދު ވަނީ 320 އަރާފައެވެ.

ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ކުޑަ ޙާފިޒްއަކީ މިހާރު އުމުރުން 11 އަހަރުގެ އަމަން އަޙްމަދު ޢާތިފްއެވެ. އެ ކުއްޖާ ޤުރުއާން ހިތުދަސްކުރީ އުމުރުން 7 އަހަރުގައެވެ.

ޙާފިޡުން އިމްތިޙާނު ކުރުމުގެ އުސޫލުގައިވާގޮތުން ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި ރަޖިސްޓަރީކޮށްގެން ހިންގާ ޤުރްއާން ހިތުދަސްކޮށްދޭ ކުލާހެއްގެ ދަރިވަރަކު ޙާފިޡުކަމުގެ އިމްތިޙާނު ކޮށްދިނުމަށް އެދި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ނުވަތަ އެމަރުކަޒުން ކަނޑައަޅާފައިވާ ކޮމިޓީއަށް ހުށަހެޅުމުން އެ ދަރިވަރަކު އިމްތިޙާނު ކޮށްދޭނެއެވެ.

އެމަރުކަޒުގައި ރަޖިސްޓަރީ ނުކޮށް ހިންގާ ކުލާސްތަކުގެ ދަރިވަރުންނާއި އަމިއްލަގޮތުން ކީރިތި ޤުރްއާން ހިތުދަސްކޮށްފައިވާ ފަރާތްތަކަށް ޙާފިޡުކަމުގެ އިމްތިޙާނުގައި ބައިވެރިވެވޭނީ، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާ ގޮތެއްގެ މަތީން އެ ދަރިވަރަކަށް އިމްތިޙާނުގައި ބައިވެރިވެވޭވަރުގެ ފެންވަރު ހުރިކަން އެމަރުކަޒަށް ނުވަތަ އެ މަރުކަޒުން ކަނޑައަޅާ ފަރާތަކަށް ކިޔައިދީ، ޙާފިޡުކަމުގެ ފެންވަރު ހުރިކަން އަންގައިދޭ، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި ދަފުތަރުކޮށްފައިވާ ޙާފިޡެއްގެ ލިޔުމަކާ އެކުގައެވެ.

ހާފިޡުކަމުގެ އިމްތިޙާނުގައި ދަރިވަރަކަށް ބައިވެރިވެވޭނީ އެކަމަށް އެދި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ނުވަތަ އެމަރުކަޒުގެ ދަށުން ކަނޑައަޅާފައިވާ ކޮމިޓީއަށް ފޯމު ހުށަހެޅުމުން، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ނުވަތަ އެމަރުކަޒުން ކަނޑައަޅާފައިވާ ކޮމިޓީން އެ ދަރިވަރަށް އިމްތިޙާން އޮންނަ ދުވަސް ކަނޑައެޅުމުންނެވެ.

ކީރިތި ޤުރުއާން ހިތުދަސްކުރާ މީހުންގެ ޢަދަދުތައް އިތުރުވަމުން އަންނައިރު އެއްވަގުތެއްގައި ގިނަ ދަރިވަރުންނަށް ޙާފިޒުކަމުގެ އިމްތިޙާނު ކުރިއަށް ގެންދިޔުމަށް ޙާފިޒުން އިމްތިޙާން ކުރާ ކޮމިޓީތައް އިތުރުކުރަން ވަނީ ނިންމާފައެވެ.

ރާއްޖޭގައި ޤުރުއާން ހިތުދަސްކޮށްދޭ 20 މަރުކަޒެއް މިވަގުތު އަންނަނީ ހިންގަމުންނެވެ. ޤުރުއާން ހިތުދަސްކޮށްދޭ ކުލާސްތަކުގެ ދަފުތަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، އެންމެ ގިނަ މީހުން ޤުރުއާން ހިތުދަސްކުރަމުން އަންނަނީ ޤުރުއާނާ ބެހޭ މަރުކަޒުގެ މާލެ އަދި ހުޅުމާލެ ގޮފީގައެވެ.

ސަރުކާރުގެ އަމާޒަކީ މި 5 އަހަރުގެ ތެރޭގައި ކީރިތި ޤުރުއާން ހިތު ދަސްކޮށްފައިވާ ޙާފިޒުންގެ ޢަދަދު 500 އަށް އިތުރުކުރުމެވެ. ކީރިތި ޤުރުއާން ހިތުދަސް ކުރާ ފަރާތްތަކަށް ހިތްވަރުދީ، އެކަމުގައި ކުރިއަށް ދިޔުމަށް ބާރުއެޅުމަށްވެސް ސަރުކާރުން ވަނީ މަސައްކަތްތަކެއް ކުރައްވާފައެވެ. އެކުދިންގެ ދަސްވެނިވުމަށް ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަކި ޚާއްސަ ގައުންއެއް ތައްޔާރުކުމުގެ އިތުރުން ޙާފިޒުންނަށް ދައުލަތުން ދޭ އެލަވަންސް ވަނީ ދެގުނަ ބޮޑުކުރައްވާފައެވެ.