ޚަބަރު

7 އަހަރަށްފަހު ލެއާއޯ މިލާނު ދޫކޮށް, ގަލަތަސަރާއީ އަށް


  • މިލާނުގައި ލީގާ އިޓާލިއަން ސުޕަރ ކަޕް ހޯދި

ޕޯޗްގަލްގެ ވިންގަރ ރަފައެލް ލެއާއޯ އޭސީ މިލާން ދޫކޮށް, ތުރުކީގެ ގަލަތަސަރާއީ އަށް ބަދަލުވާން ތައްޔާރުވެއްޖެއެވެ. އެސަބަބާހުރެ މިލާނު އެންމެ ފަހުން ކުޅުނު މެޗުގައި ޓީމް ސްކޮޑްގައިވެސް އޭނާ ނުހިމަނައެވެ.

އެނިންމުން ނިންމިކަން ހާމަކުރަމުން ލެއާއޯ ބުނީ އުނދަގޫ ނަމަވެސް, މިލާނު ދޫކޮށްލަން ނިންމައިފި ކަމަށެވެ. މިލާނުންވެސް ވަނީ ގަލަތަސަރާއީގެ 45 މިލިއަން ޕައުންޑްގެ ހުށަހެޅުން ގަބޫލުކޮށްފައެވެ. ލެއާއޯ މިލާނާއެކު ވެފައިވާ އެއްބަސްވުން ހަމަވާން އޮތީ 2028 ވަނަ އަހަރު ޖޫން މަހުގެ ނިޔަލަށެވެ.
ރަފައެލް ލެއާއޯ ވަނީ މިލާނުގައި ހޭދަކުރި ހަތް އަހަރުން އެޓީމަށް 291 މެޗު ކުޅެ, 80 ލަނޑު ޖަހާފައެވެ. އަދި ލަނޑު ޖަހަން 65 ފުރުޞަތު ތަނަވަސްކޮށްދިނެވެ. މިލާނާއެކު ސެރީ އޭ އަދި އިޓާލިއަން ސުޕަރ ކަޕް އުފުލާލިއެވެ.

ލެއާއޯ ބުނީ އޭނާ ކުރިއަށްދާން, މިލާނުން ވަރަށް ބޮޑަށް އެހީވި ކަމަށެވެ. އެންމެ އުނދަގޫ ވަގުތުތަކުގައިވެސް މިލާނާއި, މިލާނުގެ ސަޕޯޓަރުން އޭނާއަށް އެހީވިކަމަށް ބުންޏެވެ.

27 އަހަރުގެ ލެއާއޯ އަކީ ޕޯޗްގަލްގެ ސްޕޯޓިންގ އެކަޑަމީން ތަޢާރަފްވި ކުޅުންތެރިއެކެވެ. އޭނާ އަކީ ޕޯޗްގަލް ގައުމީ ޓީމްގެ މުހިއްމު ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް 49 މެޗު ވަނީ ކުޅެދީފައެވެ. 2022 އަދި 2026 ވަރލްޑްކަޕް ޓީމްގައި ހިމެނެއެވެ. 2019 ވަނަ އަހަރު އޭސީ މިލާނާ ގުޅުނީ ފްރާންސްގެ ލިލް އިންނެވެ.