ޚަބަރު

އަނިޔާވި ކުއްޖާ އައިޖީއެމްއެޗަށް ބަދަލުކޮށް ވެންޓިލޭޓަރުގައި ފަރުވާދެނީ


  • އަނިޔާވީ 9 އަހަރުގެ އަންހެން ކުއްޖަކަށް

  • ކުއްޖާގެ ހާލު ސީރިއަސް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްއަށް ބަދަލުކޮށް، ފަރުވާދޭން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން، އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވި ކުޑަކުއްޖާއަށް ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައިކަމަށެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލެ ފޭސް 2، ހިތިގަސްމަގު، ވިނަރެސް 7 ކައިރިން އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު ރިޕޯޓްކުރީ، ރޭ 21:04 އެހައިކަންހާއިރުކަމަށެވެ. އަދި އެ ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން ގޮސް، ވަގުތުން އެކަމަށް އިޖާބަދީފައިވެއެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ، އެކްސިޑެންޓުވި ސައިކަލު ދުއްވަން އިން 18 އަހަރުގެ ދިވެހި އަންހެނަކަށާއި، ސައިކަލުގެ ފަހަތުގައި އިން 9 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށެވެ. މި ދެ މީހުންނަށްވެސް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވެއެވެ.

އެ ސަރަޙައްދުގެ ސީސީޓީވީ ފުޓޭޖްތަކުން މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި، މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެންކަމަށް ފުލުހުން ވިދާޅުވިއެވެ.