ޚަބަރު

ޝައްފާން: ފިޒިކްސް އާއި ހިސާބަށް ކުރި ލޯބި، ނިމުނީ އިންޖިނޭރަކަށްވެގެން


  • ޝައްފާން މަސައްކަތްކުރަނީ އާރްޑީސީގައި

  • އުއްމީދަކީ އިންޖިނިއަރުން ގިނައިން އުފެދުން

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރްޑީސީގެ ސީނިއާ އިންޖިނިއަރ މޫސާ ޝައްފާނަކީ، އާރްޑީސީގެ ޕްރޮޖެކްޓްތަކުގައި އެކި މަރުހަލާތަކުގައި ހަރަކާތްތެރިވަމުންދާ، ހުނަރުވެރި އިންޖިނޭރެކެވެ. އިންޖިނިއަރިން ދާއިރާގެ ފަންނީ މަަޢުލޫމާތު އުނގެނި، އެ މަޢުލޫމާތުގެ އަލީގައި ރާއްޖޭގެ މާހައުލަށް އެންމެ ފެތޭގޮތަށް، އެންމެ ފުރިހަމައަށް އާރްޑީސީގެ މަސައްކަތްތައް ދިވެހިންނާއި ހަމައަށް ފޯރުކޮށްދިނުމުގައި ޝައްފާންގެ ނަމަކީ ފާހަގަކޮށްލެވޭ ނަމެކެވެ.

ޕީއެސްއެމް ނިއުސްއިން އިންޖިނޭރުންގެ ދުވަހާ ގުޅިގެން ގެނެސްދިން ޕޮޑްކާސްޓުގައި ވާހަކަދައްކަމުން ޝައްފާން ވަނީ މި ދާއިރާއަށް އޭނާ ޝައުގުވެރިވި ސަބަބު ޙިއްސާކޮށްފައެވެ.

ޝައްފާން ބުނާގޮތުން އޭނާއަކީ އަބަދުވެސް ހިސާބާއި ފިޒިކްސްއަށް ލޯބިކުރާ މީހެކެވެ. އަދި އެ ދާއިރާއިން އޭނާގެ ހުނަރުވެރިކަން ރަނގަޅުކަމަށް ޤަބޫލުކުރެވުމަކީ، އިންޖިނިއަރިންގެ ދާއިރާއިން ކުރިއަށްދާން ލިބުނު ހިތްވަރެއްކަމަށް އޭނާ ބުންޏެވެ.

ސްކޫލް ދައުރުން ފެށިގެން ރަނގަޅު ނަތީޖާއެއް ހޯދަމުން އައި ޝައްފާންގެ އާއިލާއިން ބޭނުންވީ އޭނާ ޑޮކްޓަރަކަށް ވުމަށެވެ. ނަމަވެސް ޝައްފާންގެ ނިންމުމަކަށްވީ އިންޖިނިއަރިން ދާއިރާއިން ކުރިއަށްދިއުމެވެ.

"މެތްސް އަދި ފިޒިކްސް އިން ހުނަރު ހުރިއްޔާ ވަރަށް ފަސޭހަވާނެ ވަރަށް މި ދާއިރާއިން ކުރިއަށްދާން." ޝައްފާން ފާހަގަކުރިއެވެ.

އިންޖިިނިއަރިން ދާއިރާއިން ކިޔެވުމަށްފަހު، އަމަލީ މައިދާނުގައި ޝައްފާންގެ އިންޖިނިއަރިންގެ ދަތުރު ފެށީ އާރްޑީސީންނެވެ. އެންމެ ފުރަތަމަ އޭނާ ހަރަކާތްތެރިވީ އާރްޑީސީގައި ކުއެންޓިޓީ ސަރވޭގެ މަސައްކަތާއި، ޕްރޮޖެކްޓްތަކުގެ އަގުތައް މިންކުރުމުގައެވެ. މިއަދު އޭނާއަކީ ޕްރޮޖެކްޓްތައް ރާވައި ހިންގުމުގައި، ސީނިއާ އިންޖިނިއަރެއްގެ ޙައިސިއްޔަތުން އާރްޑީސީގައި މުހިންމު ހިއްސާއެއް އަދާކުރާ މީހެކެވެ.

މަސައްކަތުގެ މައިދާނުގައި އޭނާއަށް ދަސްވި އެންމެ ބޮޑު ފިލާވަޅަކީ އިންޖިނިއަރިން ފީލްޑްގައި، އުނގެނުމަށްވުރެ ބޮޑަށް، އަމަލީ މައިދާނުގައި ދަސްކުރަންޖެހޭކަންކަން ގިނަކަމެވެ. ޝައްފާން ސިފަކުރާ ގޮތުގައި އިންޖިނިއަރެއްގެ ހަގީގީ މަސައްކަތާއި ކުރިމަތިލާ ހިސާބަކީ އަމަލީ މައިދާނަށް ނުކުމެ ކިޔެވި އެއްޗެއްގެ ބޭނުން ހިފަންޖެހޭ ހިސާބެވެ.

"ފީލްޑަށް ނުކުތީމަ އެނގެނީ އަދި ކިހާ އެއްޗެއް ދަސްކުރަން އެބަހުރިކަން. ފީލްޑްގައި އުނގެނެމުން، ގޭނެމުން. ފީލްޑްގައި ވަރަށް ބޭނުންކުރާ ބައެއް އެއީ ގޭނުން. އެ ގޭނޭވަރަކަށް ކަންކަން ދަސްވެގެންދިޔައީ." ޝައްފާން ފާހަގަކުރިއެވެ.

ޝައްފާން ބުނާގޮތުން މި ދާއިރާއަކީ ޒުވާނުން ކުރިއަށްދާން އެންމެ ރަނގަޅު އެއް ދާއިރާއެވެ. އޭނާ ޤަބޫލުކުރާ ގޮތުން ރާއްޖޭގައި އިންޖިނޭރުން އިންތިހާއަށް މަދުއިރު، މިއީ އެ ދާއިރާއަކަށް ދިވެހިން ނުކުތުން ބޭނުންތެރި ދާއިރާއެކެވެ.

އެގްރިކަލްޗަރ ފަދަ ދާއިރާތަކުން އިންޖިނޭރުން އުފެދުމަކީ ރާއްޖޭގެ ވަސީލަތްތަކާއި، ރައުސުލްމާލުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް މުހިންމުކަމެއްކަމަށް ޝައްފާން ޤަބޫލުކުރެއެވެ. އެހެންކަމުން އޭނާގެ އުއްމީދަކީ މުސްތަޤްބަލުގައި ތަފާތު އެކި ދާއިރާތަކުން، ރަނގަޅު ފާހަގަކޮށްލެވޭ ފެންވަރުގެ އިންޖިނޭރުން ރާއްޖޭގައި އުފެދުމެވެ.