ޚަބަރު

އާސިމް: ޤައުމަށް ޚިދުމަތް ކުރުމުގެ އަޒުމުގައި މެކޭނިކަލް އިންޖިނޭރަކަށް


  • އާސިމަކީ ފެނަކައިގެ ސީނިއަރ އިންޖިނޭރެއް

  • އިންޖިނިއަރިން ދާއިރާއަކީ ފުރުޞަތުތައް ހުރި ދާއިރާއެއްކަން ފާހަގަކުރި

ފެނަކަ ކޯޕަރޭޝަނުގައި ސީނިއަރ އިންޖިނޭރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޢަބްދުﷲ އާސިމަކީ އިންޖިނިއަރިންގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެކެވެ. ދާއިރާގައި ހޭދަވި ދިގު މުއްދަތުގައި ރާއްޖޭގައި އިންޖިނިއަރިންގެ ދާއިރާ ކުރިއަރަމުންދާ މަންޒަރު އޭނާ ވަނީ ވަރަށް ގާތުން ތަޖުރިބާކޮށްފައެވެ.

އާސިމް އިންޖިނިއަރިންގެ ދާއިރާއަށް ވަނީ ކިޔަވައި ނިންމުމަށްފަހު ޤައުމަށް ޚިދުމަތް ކުރުމާއެކު އެކަށީގެންވާ އާމްދަނީއެއް ހޯދުމުގެ މަޤުޞަދުގައެވެ. އޭނާ އެ ދާއިރާއާ ގުޅުނުއިރު ރާއްޖޭގައި ތަމްރީންވެފައިތިބި އިންޖިނޭރުންގެ އަދަދު ވަރަށް މަދެވެ. ސަރުކާރާއި ކުންފުނިތަކަށްވެސް ދިވެހި އިންޖިނޭރުންގެ ބޭނުންތެރިކަން އިންތިހާއަށް އޮތެވެ. އެހެންކަމުން މެކޭނިކަލް އިންޖިނިއަރެއްގެ ގޮތުގައި ކުރިއަށްދާން އޭނާ އަޒުމު ކަނޑައެޅިއެވެ.

"އިންޖިނިއަރިންއަކީ ދުނިޔޭގެ ލުއިފަސޭހަކަން، އެއް ކަމުން އަނެއްކަމަށް ބަދަލުކޮށްދޭ އެއްޗެއް. ނުވަތަ އިނޮވޭޝަން ކްރިއޭޓިވް ކަންކަން މިއީ. މިސާލަކަށް ދަތުރުފަތުރުގެ ކަންކަން ހަލުއިކުރުން، އެއީ މި ފީލްޑް ފުޅާވެފައިވާ މިންވަރު" އާސިމް ބުންޏެވެ.

އިންޖިނިއަރިން ދާއިރާއާ އާސިމް ގުޅުނީ ސްޓެލްކޯއިންނެވެ. ސްކޫލް ނިންމައި، ޓްރެއިނިންގ ނިންމުމަށްފަހު ސްޓެލްކޯގެ ވަޒީފާގައި ހޭދަކުރި މުއްދަތުގައި ހަނދާނުން ނުނެތޭ އެތައް ކަމެއް ދިމާވެފައިވާކަން އޭނާ ޕީއެސްއެމް ނިއުސްގެ ޚާއްސަ ޕޮޑްކާސްޓުގައި ހިއްސާކުރިއެވެ. އެނާ ބުނިގޮތުގައި 2004ވަނަ އަހަރު ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބުމަކީ މުޅި ވަޒީފާގެ ހަޔާތުގައި ހަނދާނުން ނުފިލާނެ ކަމެކެވެ.

"ސުނާމީގެ ތެރޭގައި ވަރަށް ބުރަކޮށް، ވަރަށް ވަރުގަދަ މަސައްކަތްތަކެއް ކުރަންޖެހުނު. ވަރަށް ބިރުވެރި ދުވަހެއް. އަޅުގަނޑަށް ދާންޖެހުނީ ހިންމަފުއްޓަށް. ދިޔައިރު މޭކަށިގަނޑާ ހަމައަށް ލޮނުހުރި. އިންޖީނުގޭގައި ބޮޑެތި ރުއްބުރިބުރިއާއި މަސްމަހާމެހި ހުރި، އިންޖީނުތައް ހުރީ ލޮނުއަޑީގައި. އަޅުގަނޑާއެކު ދިޔަ ދެކުދިންނާއެކު އަޅުގަނޑު މަސައްކަތް ފެށީ ޖެހިގެން އައި ދުވަހުގެ އިރުއޮއްސުމާ ހަމައަށް ޚިދުމަތް ދިނުމަށް،" އާސިމް ބުންޏެވެ.

އިންޖިނޭރުންގެ މަސައްކަތް އާސިމް ސިފަ ކުރަނީ ބުރަ އަދި އިޚްލާސްތެރިކަމާއެކު ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައެވެ. އެއީ އިންޖިނޭރެއްގެ އަތުން ހެދޭ ކުޑަ ގޯހެއްގެ ސަބަބުންވެސް ލިބޭ ގެއްލުން އެތައް ގުނައެއް ބޮޑުވާނެތީ ކަމަށް އޭނާ ބުންޏެވެ. އޭނާ ފެނަކަަ ކޯޕަރޭޝަނަށް ވަޒީފާ ބަދަލުކުރުމަށްފަހުވެސް މަސައްކަތް ކުރަމުންދަނީ މި ހަމަތަކާއެކުގައެވެ. އިންޖިނޭރެއްގެ ގޮތުގައި ކުރާ ކޮންމެ މަސައްކަތަކީ އޭގެ ސަބަބުން ރައްޔިތުންނާއި ޤައުމަށް ފައިދާ ކުރާނެ މަސައްކަތްތައް ކަމުގައި ދެނެގެންނެވެ.

އާސިމް ޤަބޫލުކުރާ ގޮތުގައި ދިވެހި ޒުވާނުން އަމިއްލަ ނަފުސަށާއި ޤައުމަށް ކަމެއް ކޮށްދޭން ބޭނުންވާނަމަ ނުވަތަ ރާއްޖޭގެ ކުރިއެރުމަށް އައު ތަފާތު ކަންކަން ތަޢާރަފުކުރަން ބޭނުންވާނަމަ އިންޖިނިއަރިން ދާއިރާއަކީ ކުރިއަށްދާން އެންމެ އެކަށޭނަ ދާއިރާއެވެ. އަދި އިންޖިނިއަރިންނަކީ އޭގެ ތެރޭގައިވެސް ތަފާތު ދާއިރާތަކުން ކުރިއަށްދިއުމުގެ ފުރުޞަތު ހުރި، ރާއްޖެއަށް ދިވެހިން އަދިވެސް ބޭނުންތެރި މުހިންމު ދާއިރާއެއްކަންވެސް އާސިމް ފާހަގަކުރިއެވެ.