ފްރެންޑް 4 ދޯނި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމަށް ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބަލައިފިއެވެ.
މިމަހުގެ 5 ވަނަ ދުވަހުގެ ރޭގެ ދަންވަރު ގއ. ކުޑަލަފަރީގެ އިރުއުތުރުން 4.1 ނޯޓިކަލް މޭލު ބޭރުން ފްރެންޑް 4 ސަޕްލައި ދޯނި ބަންޑުން ޖަހާލައި ހުވަދޫ ކަނޑަށް އަޑިއަށް ދިޔަ ހާދިސާގައި މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ވަނީ ގެއްލިފައެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ އެމީހުން ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުންނާއި އަދި ވައިގެމަގުން ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބަލާފައިވާކަމަށެވެ. އަދި އޮޔާހިނގާދާނެ ކަމަށް ބަލައި، ވަޔާއި ކަނޑުގެ އޮއިވަރަށް ބަލައިގެން އެ މިސްރާބުން ވެސް ވަނީ ހުވަދޫ ކަނޑާއި، ހައްދުންމަތި އަތޮޅުގެ އެ ބިތުގެ ފަރުތަކާއި، ހުވަދުއަތޮޅު އުތުރުބުރީގެ އެ ބިތުގެ ފަރުތައް ވެސް ބަލާފައެވެ. މި އޮޕަރޭޝަންގައި ގެއްލިފައިވާ މީހުން ހޯދުމަށް މޯލްޑިވިއަން އެއަރ ކްރާފްޓްގެ އިތުރުން ދިވެހި އަސްކަރިއްޔާގެ ޓީބީ 2 ޑްރޯން ވަނީ ބޭނުންކޮށްފައެވެ.
މި ޓީބީ2 ޑްރޯންއަކީ އިންފްރާރެޑް ސެންސަރސް ބޭނުންކޮށްގެން ރޭގަނޑު ވެސް ކަނޑުގެ ސަރަޙައްދުގައި އެއްވެސް އެއްޗެއް އޮތްނަމަ އެ އެއްޗެއް ދެނެގަތުމުގެ ޤާބިލްކަންހުރި ޑްރޯން ތަކަށްވާތީ ގެއްލުނު މީހުން ކަނޑުގެ މަތިން ހޯދުމަށްޓަކައި މިޑްރޯންތައްވަނީ ވަނީ ބޭނުންކޮށްފައެވެ. މީގެއިތުރުން އޮސްޓްރޭލިޔާއިން ދިވެހި އަސްކަރިއްޔާއަށް ހަދިޔާކުރި މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން" ގައި ހުރި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެސް ގެއްލިފައިވާ މީހުން ހޯދުމަށް ކަނޑުމަގުން ވަނީ މަސައްކަތް ކޮށްފައެވެ.
މިމީހުން ހޯދުމުގެ މަސައްކަތުގައި ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމަށް އެމެރިކާ ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ. އެގޮތުން އެމެރިކާ ނޭވީގެ ޕީ8 މަތިންދާ ބޯޓެއް ފޮނުވައިގެން ހުވަދޫ ކަނޑުގެ ސަރަޙައްދު މަތިން ވަނީ ބަލާފައެވެ. މިއީ ކަނޑުމަތީގެ ސަރޗް އެންޑް ރެސްކިޔު އަދި ސަރވެއިލަންސަށް ބޭނުންކުރާ ޚާއްޞަ މަތިންދާ ބޯޓެކެވެ. މި މަތިންދާބޯޓުން ވަނީ 6300 އަކަނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލައި، މުޅި ހުވަދޫ ކަނޑުގެ ސަރަޙައްދު އެއްކޮށް ބަލާފައިކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.
ދޯނި އަޑިޔަށްދިޔަ ވަގުތު ލޭންޑިންގ ކްރާފްޓަކާއި ޕޮލިސް ލޯންޗަކާއި އެމްއެންޑީއެފް ލޯންޗެއް، ދޯންޏާ ވަރަށް ކައިރީގައި އޮތުމާ އެކު ދޯނިން ފުންމާލި މީހުންނާއި ދޯނި ބަންޑުންޖަހާލި ވަގުތު ދޯނިން ނިކުމެވުނު މީހުން ވަނީ އެ ވަގުތު ސަލާމަތްކުރެވިފައެވެ. ދޯނި ވަރަށް ކުއްލިގޮތެއްގައި ބަންޑުންޖަހާލައި އަޑިޔަށް ގޮސްފައިވަނީ ހުވަދޫ ކަނޑު ތެރެއަށެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މިހާތަނަށް ކުރި މަސައްކަތްތަކާއި އަދި ދޯނިން ސަލާމަތްވި މީހުންގެ ފަރާތުން ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު މި ދޯނިން ގެއްލިފައިވާ މީހުން ކަނޑުމަތިން ފެނުމުގެ ފުރުޞަތު ކުޑައެވެ. ހުވަދޫ ކަނޑަށް މި ދޯނި ފެތިފައިވާ ސަރަޙައްދު 1600 މީޓަރަށް ވުރެ ފުންވާނެކަމަށް ބެލެވެ ކަމަށާއި މިއީ އިންސާނުންނަށް ޑައިވް ކޮށްގެންދެވޭ ފުންމިނެއް ނޫންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި މިއީ ބޭރު ޤައުމުތަކުގެ ކަނޑުގެ އަސްކަރިއްޔާގައި ބޭނުންކުރާ ހަނގުރާމައިގެ ކޮންވެންޝަނަލް އަދި ނިޔުކްލިޔަރ ސަބްމެރިން ވެސް އޮޕަރޭޓްކުރާ ފުންމިނެއް ނޫންކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ހާދިސާ ހިނގިތާ 11 ދުވަސް ފާއިތުވެގޮސްފައި ވާއިރު، ހާދިސާގައި ގެއްލުނު 3 މީހުން ހޯދުމަށް އިއްޔެ ވަނީ ވައިގެ މަގުން 17,220 އަކަ ނޯޓިކަލް މޭލުގެ އަދި ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައެވެ. އަދި އެ ސަރަހައްދުގެ ގޮނޑުދޮށްތަކާއި ފަރުތައް ހިމެނޭހެން 288 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއްވެސް ވަނީ ބަލާފައެވެ.