ޚަބަރު

ސަމްޕާ ބެލެހެއްޓުމަށް ބޭނުންވާ ޓެކް ސާމާނު ހަވާލުކޮށްފި


  • މިފީ ފީލްޑް އޮޕަރޭޝަން ހަރުދަނާކުރަން ހަދިޔާކުރި ތަކެތި

  • ރޭންޖަރސް އަހުލުވެރިކުރަން ތަމްރީން ދަނީ ކުރިއަށްގެންދަމުން

  • ސަމްޕާއަކީ ކަނޑުގެ މުހިންމު ދިރުންތަކެއް އާލާވާ ސަރަޙައްދެއް

"ޓެކް4ނޭޗަރ މޯލްޑިވްސް" މަޝްރޫޢުގެ ދަށުން ދެކުނު އަރިއަތޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަޙައްދު ބެލެހެއްޓުމަށް ބޭނުންވާ ސާމާނު ހަވާލުކޮށްފިއެވެ.

ދެކުނު އަރިއަތޮޅުގެ "މެރިން ޕްރޮޓެކްޓެޑް އޭރިއާ" (SAMPA) ބެލެހެއްޓުމުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމަށް ކުރިއަށްގެންދާ 'ޓެކް4ނޭޗަރ މޯލްޑިވްސް' މަޝްރޫޢުގެ މުހިންމު މަރުޙަލާއެއް ފުރިހަމަކުރެވިފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން އެ ސަރަޙައްދު ބެލެހެއްޓުމަށް ބޭނުންވާ ޚާއްޞަ އިކުއިޕްމަންޓްތައް މިހާރު ވަނީ އެ ސަރަޙައްދުގެ ރޭންޖަރުންނާ ހަވާލުކޮށްފައެވެ.

މި ސާމާނުތައް ހަވާލުކުރުމުގެ އިތުރުން، އެ ތަކެތި ބޭނުންކުރާނެ ގޮތުގެ ޢަމަލީ ތަމްރީނުތައް ރޭންޖަރުންނަށް ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މިއީ ރޭންޖަރުން އެ ސާމާނުތަކަށް އަހުލުވެރިކުރުވައި، ފީލްޑް އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކުރިއަށްގެންދާ ތަމްރީނުތަކެއްކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ދެކުނު އަރިއަތޮޅުގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ޓެކްނޮލޮޖީގެ އެހީގައި ފުޅާކުރުމެވެ. މިކަމުގެ ސަބަބުން އެ ސަރަޙައްދުގައި އުޅޭ، ދުނިޔޭގެ ފެންވަރުގައި ނެތިދިއުމުގެ ބިރު އޮތް ފެހުރިހީގެ އާބާދީ ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށްވެސް ތިމާބެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

'ޓެކް4 ނޭޗަރ' މަޝްރޫޢަކީ ހުއާވޭ (Huawei) އިން ފަންޑުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ތަންފީޒުކުރަނީ އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރ (IUCN) އާއި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ ގުޅިގެންނެވެ.

މި މަޝްރޫޢަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ޚާއްޞަކޮށް ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގައި ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.