ޚަބަރު

ޕްރައިވެޓް ސެކްޓަރއިން 300 މިލިޔަން ޑޮލަރުގެ މަޝްރޫޢުތަކަށް ޝައުގު!


  • ރިސޯޓުތައް ތަރައްޤީ ކުރާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވޭ

  • އެމްޓީސީސީ މާލީގޮތުން އިތުރަށް ޤާބިލު ކުރުމަށް ދަނީ މަސައްކަތް ކުރަމުން

އެމްޓީސީސީން ޕްރައިވެޓް ސެކްޓަރގެ 300 މިލިޔަން ޑޮލަރަށްވުރެ ގިނަ މަޝްރޫޢުތަކަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީގެ ސީއީއޯ އަޙްމަދު ސަޢުދީ ވިދާޅުވެއްޖެއެވެ.

މިހާރު އެމްޓީސީސީން ބޮޑަށް ކުރިއަށް ގެންދަނީ، ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދަން ހަވާލުކޮށްފައިވާ މަޝްރޫޢުތަކެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވީ، މާލީގޮތުން އެ ކުންފުނި ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ސަރުކާރު ބަޖެޓަށް ބާރުބޮޑު ނުވެ ފޮރިން ރިޒާވްއަށް އުނދަގޫނުވާނެހެން އެމްޓީސީސީން މަސައްކަތްތައް ކުރިއަށް ގެންދަން ބޭނުންވާކަން ސަޢުދީ ފާހަގަކުރެއްވިއެވެ.

އެ އަމާޒު ހާސިލުކުރުމަށް މަސައްކަތްތައް ރާވާފައިވާކަން ފާހަގަކުރައްވާ ސަޢުދީ ވިދާޅުވީ، މިހާރުވެސް ކުރިއަށް އޮތް 12 މަސް ދުވަހަށް 300 މިލިޔަން ޑޮލަރަށްވުރެ ގިނަ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ޕްރައިވެޓް ސެކްޓަރއިން ޚާއްސަކޮށް ރިސޯޓުތައް ތަރައްޤީ ކުރާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

ސަޢުދީ ވިދާޅުވީ، މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ޕްރައިވެޓް ސެކްޓަރގެ މަޝްރޫޢުތައް މަޑުޖައްސާލުމަށްފަހު ސަރުކާރުގެ މަޝްރޫޢުތަކަށް އަމާޒުކޮށްގެން މަސައްކަތްތައް ކުރި ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ، ކުންފުނި އިތުރަށް މާލީގޮތުން ޤާބިލު ކުންފުންޏަކަށް ހެދުމަށް ބައެއް ވަސީލަތްތައް ޔުޓިލައިޒު ކޮށްގެން ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރުމަށް ކަމަށެވެ. އެއާއެކު ބޭރު ފައިސާ ހޯދުމުގެ އިތުރުން ކުންފުންޏަށް މާލީގޮތުން އިތުރު ލުއިތަކެއް ލިބޭނެކަމަށް ސަޢުދީ ވިދާޅުވިއެވެ.

"މިހާރު ވާގޮތަކީ ބޭރުގެ ކުންފުނިތައް އައިސްފައި ހުރިހާ ބޭރު ފައިސާއެއް މި ގެންދަނީ ރާއްޖެއިން ބޭރަށް. އެމްޓީސީސީން މިކަމުގެ ތެރޭގައި އެންގޭޖުވުމުން މި ކޭޝް ފްލޯ ހުންނާނީ ރާއްޖޭގެ ތެރޭގައި. ދިވެހިންނަށް މީގެ ފައިދާ ބޮޑުވެގެންދާނެ. އެކަމަށް މިހާރު ތައްޔާރުވަމުންދަނީ." އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވިއެވެ.

ސަޢުދީ ވިދާޅުވީ، ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކޮށްގެން ލިބޭ އާމްދަނީން މިހާރު ބޭނުންކުރާ މަހާޖައްރާފާ އަށްވުރެ ބޮޑު ޖައްރާފާއެއް ގެނައުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ. އަދި އެވެގެންދާނީ، ކުންފުންޏަށްވެސް ލިބޭނެ ބޮޑު ކުރިއެރުމަކަށް ކަމަށެވެ. މީގެކުރިން އަބަދުވެސް ބޭރު ފައިސާ ހޯދުމުގައި ސަރުކާރަށް ބަރޯސާނުވެ ޕްރައިވެޓް ސެކްޓަރގެ މަޝްރޫޢުތައް ކުރިއަށްގެންދާއިރު، އެއް ޕްރޮޖެކްޓު ނުވަތަ ދެ ޕްރޮޖެކްޓު ކުރިއަށް ގެންދާކަން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސަޢުދީ ފާހަގަކުރައްވައެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން މިހާރުވެސް އަންނަނީ، 700 އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް ކުރަމުންނެވެ. މީގެ ތެރޭގައި ބިން ހިއްކުމުގެ 45 މަޝްރޫއެއް ކުރިއަށްގެންދާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މަގުތައް ތަރައްޤީ ކުރުމާއި، ސިއްޙީ ދާއިރާގެ މަސައްކަތްތަކާއި، ތަޢުލީމީ ދާއިރާގެ އެކިއެކި މަޝްރޫޢުތަކުގެ އިތުރުން އެއާޕޯޓުތައް ތަރައްޤީކުރުން ހިމެނެއެވެ.