ޚަބަރު

ގެސްޓްހައުސްތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކުރީ ޗައިނާ، އިޓަލީ ފަތުރުވެރިން


  • 22.6% ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައި

  • ޗައިނާގެ %28.6 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައި

ގެސްޓްހައުސްތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ ޗައިނާ އަދި އިޓަލީވިލާތުގެ ފަތުރުވެރިންކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ގެސްޓްހައުސްތަކުގައި 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،241،422 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެތެރެއިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ 274،687 ފަތުރުވެރިންނެވެ. މިއީ މި މުއްދަތުގެ ތެރޭގައި ރާއްޖެއައި ފަތުރުވެރިންގެ %22.6 އެވެ.

ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން ގެސްޓްހައުސްތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ ޗައިނާ ފަތުރުވެރިންނެވެ. ޗައިނާއަކީ މި މުއްދަތައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުވެސްވެއެވެ. ޗައިނާއިން 213،317 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެތެރެއިން %28.6 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ.

2ވަނަ އަށް އެންމެ ގިނައިން ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވަނީ އިޓަލީ ފަތުރުވެރިންނެވެ. އިޓަލީވިލާތުން 96،876 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެތެރެއިން %28.2 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ.

ރާއްޖޭގައި މިވަގުތު 944 ގެސްޓްހައުސްއެއް ވަނީ ހުޅުވާފައެވެ. އަދި މިތަންތަނުގެ ބެޑް ކެޕޭސިޓީ 17،010 އަށް އަރައެވެ. މިއީ ބެޑް ކެޕޭސިޓީގެ %25 ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ގެސްޓްހައުސްތަކުގެ ބެޑް ކެޕޭސިޓީއަށް ބަލާއިރު އެންމެ ގިނަ އެނދު ނެރެފައިވަނީ ކ. އަތޮޅުންނެވެ. އެއީ 8،162 އެނދެވެ. އަދި އއ. އަތޮޅުން 2،312 ބެޑް ވަނީ ގެސްޓްހައުސްތަކުން އޮޕަރޭޝަންއަށް ނެރެފައެވެ.