ބ. އަތޮޅާއި ރ. އަތޮޅުގެ 25 ރަށެއްގައި 6.4 މެގަވޮޓުގެ ސޯލާ ފޮޓޯވޮލްޓައިކް ހައިބްރިޑް ކަރަންޓުގެ ނިޒާމުތައް އިފްތިތާޙުކުރުމާއެކު، ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު 116 މެގަވޮޓަށް އިތުރުވެފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
މި ނިޒާމުތައް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އަދި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ) ގުޅިގެން ކުރިއަށްގެންދިޔަ މި މަޝްރޫޢަކީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކާމިޔާބުކަމާއެކު ނިންމާލެވުނު މުހިންމު މަސައްކަތެކެވެ. ޚާއްޞަކޮށް، މި ސަރުކާރުގެ ދައުރުގެ ތެރޭގައި ފެށި މަސައްކަތެއް މިހާ ކުރު މުއްދަތެއްގެ ތެރޭގައި ނިންމާލެވުމަކީ ލިބުނު ބޮޑު ކުރިއެރުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރަށްތަކާއި ރިސޯޓުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ޑީސަލް ޖަނަރޭޓަރުތަކަށް ބަރޯސާވާންޖެހުމުގެ ސަބަބުން ދައުލަތުން ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑުވަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ޖީޑީޕީގެ ގާތްގަނޑަކަށް 13 އިންސައްތަ ހޭދަކުރަނީ ތެޔޮ އިމްޕޯޓު ކުރުމަށްކަން ފާހަގަކުރައްވައި، ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއަކީ އެހެން ޤައުމުތަކާއި ހިލާފަށް އަހަރުގެ ގިނަ ދުވަސްތަކުގައި އިރުގެ އަލި ލިބޭމިންވަރު އިތުރު ޤައުމަކަށްވުމާއެކު، ސޯލާ ހަކަތަ ބޭނުންކޮށްގެން ތެލަށް ކުރާ ހޭދަ ބޮޑުތަނުން ކުޑަކުރެވިދާނެ ކަމަށެވެ. އަދި މިގޮތުން ސަލާމަތްކުރެވޭ ފައިސާ ރާއްޖޭގެ ތަރައްޤީގެ އެހެނިހެން ދާއިރާތަކަށް ބޭނުންކުރެވޭނެކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް ބައްލަވައިލައްވަމުން ވަޒީރު ވިދާޅުވީ، މި މަސައްކަތްތައް ފެށިއިރު ރާއްޖޭގައި ހުރީ އެންމެ 53 މެގަވޮޓުގެ އިޔާދަކުރަނިވި ހަކަތަ ކަމަށެވެ. ނަމަވެސް، ފާއިތުވި ދެ އަހަރުގެ ތެރޭގައި ކުރެވުނު ހަރުދަނާ މަސައްކަތުން އެ އަދަދު 110 މެގަވޮޓަށް އިތުރުކުރެވި، އަލަށް އިފްތިތާޙުކުރެވުނު 25 ރަށުގެ ނިޒާމާއެކު މިހާރު އެ ޢަދަދު 116 މެގަވޮޓަށް އުފުލިފައިވާ ކަމަށެވެ.
" އަޅުގަނޑުމެން ފެއްޓިއިރު ހުރީ 53ގައި މިހާރު 100 ޕަރސެންޓު ކުރިއަށް ޖެހުނީ. ތެލައް ކުރާ ހަރަދު ކުޑަކުރުމުގެ އަމާޒު ރައިސުލްޖުމްހޫރިއްޔާ އޮތީ. ފަސޭހަކަމެއްނޫން ޗެލެންޖިން ޓަރގެޓެއް. އެއީކަމުގެ ބޮޑުކަމުން. ތެލައްކުރާ ހޭދަ ބޮޑުވާތީވެ ހަމަ ޗެލެންޖިން ޓާރގެޓަކާއެކު އެމަނިކުފާނު ވަޑައިގަތީ. 33 އިންސަތައް ކަރަންޓު އުފައްދާ މިންވަރު ތިމައްނަ ޖަހާނަމޭ 2028ގެ ނިޔަލަށް" ވަޒީރު ވިދާޅުވިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ރ. އަތޮޅާއި ބ. އަތޮޅުގެ 25 ރަށެއްގައި ގާއިމުކޮށްފައިވާ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ހައިބްރިޑް ނިޒާމުތަކުގެ ސަބަބުން، އަހަރަކު ގާތްގަނޑަކަށް 68 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެއެވެ. މީގެއިތުރުން، މި މަޝްރޫއު ރާއްޖޭގެ އެހެން ރަށްތަކަށް ފުޅާކުރުމަށް ރޭވިފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުގެ މައިގަނޑު އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުން ކަމަށެވެ.