ޚަބަރު

އަލިފާން ފަރުބަދަ ގޮވި ސަރަހައްދުން ދަތުރުކުރި ބަޔަކު ގެެއްލިގެން ހޯދަނީ


އިންޑޮނޭޝިޔާގެ އަނަކް ކްރަކަޓައޫ ކިޔާ ރަށެއްގައި އަލިފާން ފަރުބަދައެއް ގޮވުމުން އެ ޚަބަރު ރިޕޯޓު ކުރުމަށް އެ ރަށް ކައިރިއަށް ދަތުރުކުރި އަށް މީހުން ގެއްލި އެ މީހުން ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

އަނަކް ކްރަކަޓައޫގައި އަލިފާން ފަރުބަދައެއް ގޮވީ ސެޕްޓެމްބަރު މަހުގެ 6ވަނަ ދުވަހުއެވެ. އަލިފާން ފަރުބަދަ ގޮވުމާއެކު އުފެދުނު އަޅިތައް އެ ޤައުމުގެ ޖާވާގެ 6،000 މީޓަރު އުހަށް ވަނީ ފޯރާފައެވެ. އަދި ސުމަޓްރާގެ 15،000 މީޓަރަށްވުރެ މައްޗަށް ވެސް އަޅި ފޯރާފައިވެއެވެ.

އަލިފާން ފަރުބަދައިގެ ޚަބަރު ހޯދުމަށް އެ ސަރަޙައްދަށް ދަތުރުކޮށްފައި ވަނީ ފަސް ނޫސްވެެރިން ހިމެނޭހެން ޖުމްލަ އަށް މީހުންނެވެ. އިންޑޮނޭޝިޔާގެ ބަންޓެން ޕްރޮވިންސުގެ ސަރޗް އެންޑް ރެސްކިއު އިދާރާގެ އިސްވެރިޔާ، އަލް އަމްރަދް ވިދާޅުވީ ފަސް ފޮޓޯ ޖާނަލިސްޓުންނާއި ދެ ފަޅުވެރިންނާއި ގައިޑަކާއެކު އަލިފާން ފަރުބަދަ ގޮވި ރަށް ކައިރިއަށް ދަތުރުކުރި ލޯންޗާ ގުޅުން ކެނޑިފައިވާ ކަމަށެވެ. އެ އުޅަނދުގައި ދަތުރުކުރި އެއް ނޫސްވެރިއަކު އަނަކް ކްރަކަޓައޫ ކައިރި ސަރަޙައްދަކަށް ދެވިފައިވާ ކަން އޭނާގެ ޢައިލާއަށް އެންގުމަށް މެސެޖެއް ކޮށްފައިވާ ކަމަށާއި އޭގެ ފަހުން އެ މީހުންގެ އެއްްވެސް ޚަބަރެއް ވެފައި ނުވާ ކަމަށް އަލް އަމްރަދް ވިދާޅުވިއެވެ. ސަރޗް އެންޑް ރެސްކިއު ޓީމްތަކަށް މިހާތަނަށް އެ މީހުންގެ ހިލަމެއް ވެފަައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ގެއްލުނު ކަމަށް ރިޕޯޓުކޮށްފައިވާ ނޫސްވެރިންގެ ތެރޭގައި އިންޑޮނޭޝިޔާގެ ދައުލަތުގެ ނޫސް އިދާރާ ކަމަށްވާ އަންތާރާއާއި މަރދެކާގެ އިތުރުން އައިނިއުސްގެ ނޫސްވެރިން ހިމެނެއެވެ. އޭގެ އިތުރުން އަނާދޮލޫ ނޫހުގައި ފްރީލާންސް ކެމެރާމަނެއްގެ ގޮތުގައި މަސައްކަތް ކުރާ ފިރްދައުސް ވަޖިދީ ވެސް ގެއްލުނު މީހުންގެ ތެރޭގައި ހިމެނެއެވެ.

އަލިފާން ފަރުބަދަ ގޮވައި އިންޑޮނޭޝިޔާގެ ހުޅަނގުގެ ސަރަޙައްދުތަކަށް އަޅި ފެތުރުމާ ގުޅިގެން އިންޑޮނޭޝިޔާގެ ވެރިރަށް ޖަކާޓާގައި ހުންނަ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން ވަނީ ފްލައިޓުތައް ކެންސަލްކޮށްފައެވެ. އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި 2،300 އެތެރޭގެ އުދުހުންތަކާއި ބައިނަލްއަޤްވާމީ ދަތުރުރައް ވަނީ ކެންސަލްކޮށްފައެވެ. އެއާއެކު 340،000އަށް ވުރެ ގިނަ ފަސިންޖަރުން ވަނީ ދަތުރު ނުކުރެވި ޖުމްލަ ހަތް ވައިގެ ބަނދަރެއްގައި ތާށިވެފައެވެ. ނަމަވެސް ބައެެއް ވައިގެ ބަނދަރުތަކުން މިހާރު ވަނީ އަލުން ޚިދުމަތްތައް ފަށައިފައެވެ.