ޚަބަރު

ހުޅުމާލެ މަގުތައް ތަރައްޤީކުރުން: 3 މަގުގައި ތާރު އަޅައިފި


  • މިހާރު ހަދަނީ ކުރިން ނަހަދާ ހުރި 6 މަގު

  • މިމަސައްކަތް ކުރަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން

  • މުޅި މަޝްރޫޢުގެ %46 ނިމިއްޖެ

ހުޅުމާލެ ފޭސް 1 އަދި 2ގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ނުހެދިހުރި މަގުތައް ހެދުމަށް ފަށާފައިވާ މަޝްރޫޢުގައި މިހާތަނަށް 3 މަގުގައި ތާރު އަޅާ ނިންމާފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ. ހުޅުމާލޭގައި 6 މަގެއް ތަރައްޤީކުރަން ޗައިނާގެ ކުންފުންޏަކާ ހަވާލުކުރީ މިދިޔަ ޑިސެންބަރު މަހުގެތެރޭގައެވެ.

އޭގެތެރޭގައި ހިމެނެނީ ފޭސް 1ގައި ނުނިމި ހުރި 5 މަގެއް ތަރައްޤީކުރުމުގެ މަސައްކަތާއި، ފޭސް 2 ގެ ވިނަރެސް ފްލެޓްތައް ކައިރިން އޮތް މަގު ތަރައްޤީކުރުމަށެވެ. ޖުމްލަ 1.1 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދުގައި ތާރު އަޅައިގެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވީ މިހާތަނަށް 3 މަގެއްގައި ތާރު އެޅުމުގެ މަސައްކަތްތައް މުޅިން ނިމިފަވާކަމަށެވެ. އެއީ އެޕޯލޯ ފްލެޓްތަކުގެ ބިއްދޮށުން އޮންނަ މަގާއި ވަން ސެންޓްރަލް ޕާކް ރެސިޑެންސްއާ އިންވެގެން އޮންނަ މަގުގެ އިތުރުން ރޭތިގަލް ރެސިޑެންސްއާ އިންވެގެން އޮންނަ މަގުގެ މަސައްކަތެވެ.

މިހާރު އެންމެ ބާރަށް ކުރިއަށްދަނީ ފޭސް 2ގެ ވިނަރެސް ބިއްދޮށުން ކުރީގެ ފަރުކޮޅުފުއްޓާ ދިމާލަށް އޮންނަ މަގުގައި ތާރުއަޅާ ތަރައްޤީކުރުމުގެ މަސައްކަތެކެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ސަބްބޭސްގެ މަސައްކަތްތައް ނިމި، ތާރުއެޅުމާ ގުޅޭ މަސައްކަތްކެވެ.

ތާރުއެޅުމުގެ މަސައްކަތް ނިމިފައިވާ މަގުތަކުގައި ވޯކްވޭއާއި ގަސް އިންދާ ސްޓްރިޕްގެ މަސައްކަތާއި މަގުތައް އަލިކުރުމަށް ލައިޓް ހަރުކުރުމާ ގުޅޭ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މީގެއިތުރުން މަގުގައި ޒަމާނީ ފެން ހިންދާ ނިޒާމުވެސް ވަނީ ޤާއިމުކޮށްފައެވެ. މަގުތައް ތަރައްޤީކޮށްފައިވަނީ ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭގޮތަށެވެ.

މުޅި މި މަޝްރޫޢުގެ %46 މަސައްކަތް ނިމިފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއެވެ. ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފަވަނީ ޗައިނާގެ ރޮޓިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކުންފުންޏާއެވެ.

ހުޅުމާލެ މަގުތައް ހެދުމުގެ މަސައްކަތުގައި ހިމަނައިގެން، ހަލާކުވެފައިވާ މަގުތައް މަރަމާތުކުރުމުގެ މަސައްކަތްވެސް އެ ކުންފުންޏާ ހަވާލުކޮށްގެން ދަނީ ކުރަމުންނެވެ. އެގޮތުން އެފަދަ މަގުތަކުގެ %30 މަސައްކަތް މިހާތަނަށް ވަނީ ނިންމާފައެވެ.

މި މަޝްރޫޢުއާއެކު، މިހާރު ހުޅުމާލެ ފޭސް 1ގައި އެކިސަބަބުތަކާހުރެ ނުހެދި ހުރި ހުރިހާ މަގުތަކުގައި ތާރު އަޅާނެއެވެ. އަދި ވިނަރެސް ސަރަޙައްދު މަގާއެކު، މިވަގުތު މީހުން އާއްމުކޮށް ބޭނުންކުރާ ހުރިހާ ސަރަޙައްދުގެ މަގުގެ މަސައްކަތް ނިމޭނެއެވެ.

މި މަގުތަކުގެ މަސައްކަތް ނިމުމާއެކު، ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ އުޅަނދުތަކަށްވެސް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ.