ހިސާބު ޢިލްމަކީ ހަމައެކަނި ކްލާސްރޫމްތަކާއި ފޮތްތަކުން އުނގެނޭ މާއްދާއެއްގެ ބަދަލުގައި، އެއީ ދިރިއުޅުމުގެ ޢަމަލީ ކަންކަމާ ގުޅިފައިވާ މުހިންމު ޢިލްމެއްކަން ދަރިވަރުންނަށް ވިސްނައިދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ލިޔުއްވި "މެތަމެޓިކަލް ތިންކިންގ އިން ދަ މޯލްޑިވްސް" ފޮތް ނެރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، އިއްޔެ ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަކުރިއިރު، ޤައުމުގެ ތައުލީމީ އަދި ސަޤާފީ ތަރިކައަށް މުހިންމު އިތުރުވުމެއް ގެނެސްދޭ މިފަދަ ފޮތެއް ނެރުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މި ފޮތަކީ ރާއްޖޭގެ ސަޤާފަތާއި، ހިސާބު ޢިލްމާއި، ތަޢުލީމީ މަންހަޖު އެކުލަވާލުމުގައި ހުރި ގުޅުންތައް ދިރާސާކޮށްފައިވާ މުހިންމު މަސައްކަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
"މި މަސައްކަތުގެ ސަބަބުން ޢިލްމު ރައްކާތެރިކުރެވި، އާދަކާދަތައް ލިޔެވި، އަދި އުނގެނުމުގެ އައު މަގުތަކެއް ކޮށިގެންދޭ. މިފަދަ މަސައްކަތެއް ކުރުމަށް ހަމައެކަނި އެކަޑަމިކް ތަޖުރިބާގެ އިތުރުން، ކެތްތެރިކަމާއި، އައު ކަންކަން ހޯދުމުގެ ޝައުގުވެރިކަމާއި، އަދި އަޅުގަނޑުމެންގެ ރައްޔިތުންގެ ތާރީޚާއި އާދަކާދަތަކަށް އޮންނަ ފުން ގަދަރެއް ބޭނުންވޭ. ގައުމަށް ފައިދާހުރި އަދި ގައުމުގެ ތަރައްގީއަށް އެހީތެރިވެދޭ ދިރާސާތައް ކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ބަހައްޓާ ސާބިތުކަމަށްޓަކައި އެ މުއައްސަސާއަށް ތައުރީފު ކުރަން" މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ޢިލްމު ކުރިއެރުވުމުގައާއި، އައު އީޖާދުތައް އުފެއްދުމުގައާއި، އަދި މުޖުތަމަޢަށް ފައިދާހުރި ހައްލުތައް ހޯދުމުގައި ޔުނިވަރސިޓީތަކުން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރެއްވިއެވެ. އަދި ޤައުމީ ޔުނިވަރސިޓީ ފަދަ މުއައްސަސާތަކުން ޤައުމުގެ މުސްތަޤުބަލު ބައްޓަންކުރުމަށް އެހީތެރިވެދޭކަން ފާހަގަކުރައްވާ، މިއަދު އަޅުގަނޑުމެން މި ދެކެނީ މާޒީ އަދި މުސްތަޤުބަލު ގުޅުވައިދޭ ދިރާސާއެއްގެ ފުރިހަމަ މިސާލެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ހިސާބު ޢިލްމުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ފަސްޓްލޭޑީ ސާޖިދާ ވިދާޅުވީ، ހިސާބަކީ ހަމައެކަނި ސްކޫލުގައި ކިޔަވާ މާއްދާއެއް ނޫން ކަމަށާއި، މިއީ ކަންކަމުގައި ބުއްދިވެރި ނިންމުންތައް ނިންމުމަށާއި، އުފެއްދުންތެރި ވިސްނުމަށާއި، މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ މުހިންމު ހުނަރެއް ކަމަށެވެ. އަދި ސައިންސާއި، ޓެކްނޮލޮޖީއާއި، ފައިނޭންސް ފަދަ ދާއިރާތަކުގެ ބިންގަލަކީވެސް ހިސާބު ޢިލްމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ރާއްޖޭގައިވެސް ހިސާބު ޢިލްމަކީ އުނދަގޫ މާއްދާއެއްގެ ގޮތުގައި ގިނަ ދަރިވަރުން ދެކޭކަން ފާހަގަކުރައްވައި، ފަސްޓްލޭޑީ ސާޖިދާ ވިދާޅުވީ މިކަން ބަދަލުކުރަން ޖެހޭ ކަމަށެވެ.
"އެއަށްވުރެ މުހިންމު ކަމަކީ، ސައިންސާއި، ޓެކްނޮލޮޖީއާއި، ފައިނޭންސް އަދި ކުރިމަގުގެ ޖީލުތަކުން ދުވަހެއް ދުވަހަކަށް އޮޅުންބޮޅުން ބޮޑުވަމުންދާ ދުނިޔެއެއްގައި ކުރިއަށްދިއުމަށް ބޭނުންވާނެ ގިނަ ދާއިރާތަކެއްގެ ބިންގަލަކީ ހިސާބު ޢިލްމު ކަމުގައިވުން. ޓެކްނޮލޮޖީގެ ސަބަބުން ދުނިޔެ ބަދަލުވަމުންދާއިރު، އަންނަން އޮތް ޖީލުތަކަށް ހިސާބުގެ ވަރުގަދަ ހުނަރުތަކެއް ހުރުމަކީ އިތުރަށް މުހިންމުވެގެންދާނެކަން. މި ސަބަބަށްޓަކައި، ހިސާބު އިލްމުގެ ތައުލީމު ވަރުގަދަކުރުމަކީ ހަމައެކަނި ތައުލީމީ އަމާޒެއް ނޫން. އެއީ ރާއްޖޭގެ މުސްތަޤުބަލަށާއި، ތަނަވަސްކަމަށާއި، ކުރިއެރުމަށް ކުރެވޭ އިންވެސްޓްމަންޓެއް." މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޤައުމުގެ ތަރައްޤީއަށް ބޭނުންވާ މިފަދަ ދިރާސާތައް ކުރުމަށް ދޭ އަހައްމިއްޔަތުކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މި ފޮތް ލިޔުއްވި ޑރ. ޝެހެނާޒް ކުރެއްވި ބުރަ މަސައްކަތަށާއި، ދިވެހި އާދަކާދަތަކާއި ތާރީޚު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކުރެއްވި ޚިދުމަތަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ތައުރީފު ކުރެއްވިއެވެ.