ޚަބަރު

ޙައްޖުވެރިންގެ 3ވަނަ ގްރޫޕް ރާއްޖެ އަންނަން ފުރައިފި


  • 260އަށްވުރެ ގިނަ ޙާޖީން ދަތުރުކުރޭ

  • ރާއްޖެ އަންނާނީ މިރޭ 20:00ގައި

  • ފަހު ގްރޫޕް ފުރާނީ މާދަމާ ހަވީރު

ތިންވަނަ ފްލައިޓްގެ ޙައްޖުވެރިން ރާއްޖެ އައުމަށް ފުރައިފިއެވެ. ޙައްޖުވެރިން ފުރަނީ މަދީނާ އެއާޕޯޓުންނެވެ.

ތިންވަނަ ފްލައިޓްގައި 260އަށްވުރެ ގިނަ ޙައްޖުވެރިން ދަތުރުކުރެއެވެ. މި ދަތުރު ބާއްވަނީ ސައުދިއާ އެއާލައިންގައެވެ.

ޙައްޖުވެރިންގެ ތިންވަނަ ފްލައިޓް ނައްޓާލީ ސައުދީ ގަޑިން 09:00ގައެވެ. ލަންކާއަށް ޓްރާންސިޓްކުރުމަށްފަހު، މި ފްލައިޓަށް ރާއްޖެ ދެވޭނެކަމަށް އަންދާޒާކުރެވެނީ މިރޭ 20:00ހާއިރަށެވެ.

ޙައްޖަށް މިއަހަރު އައި ޙައްޖުވެރިންގެ ފަހު ފްލައިޓްގެ ގްރޫޕް ރާއްޖެއަށް ދާނީ މާދަމާއެވެ. މޯލްޑިވިއަންގެ ފްލައިޓްގައި ކުރާ މި ދަތުރުގައި، ފްލައިޓް ބޭއްވުމަށް ތާވަލުކޮށްފަވަނީ ސައުދީ ގަޑިން މާދަމާ ހަވީރު 04:00ގައެވެ. ރާއްޖެއަށް ދެވޭނެކަމަށް ލަފާކުރަނީ ރާއްޖެގަޑިން ރޭގަނޑު 12 ޖަހާކަށްހާއިރުއެވެ.

މިއާއެކު މިއަހަރު ރާއްޖެއިން ޙައްޖަށް އައި ހުރިހާ ޙާޖީންނަށް، ދަތުރު ނިންމުމަށްފަހު ރާއްޖެ ދެވޭނެއެވެ.

ޙާޖީންގެ ކޮންމެ ގްރޫޕެއް ސައުދީގައި 3 ހަފުތާ ހޭދަކޮށްފައިވެއެވެ. މައްކާގައި ޙައްޖުގެ މަނާސިކުތަކުގެ އިތުރުން، ޙާޖީން މަދީނާގައި ދެ ދުވަސް މަޑުކުރިއެވެ.