ޚަބަރު

"އިޞްލާޙުކުރަން މަސައްކަތްކުރާނަމަ، މާތް ﷲގެ މަދަދާއި އެހީތެރިކަން ލިބޭނެ"


  • މަޢުޟޫއަކީ "ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން"

މުޖުތަމަޢު ރަނގަޅު މުޖުތަމަޢަކަށް ނުވަތަ ނުބައި މުޖުތަމަޢަކަށް ބަދަލުކުރަނީ އަހަރެމެން އަމިއްލައަށް ކަމަށާއި، އިޞްލާޙުކުރާން މަސައްކަތްކުރާހައި ހިނދަކު، މާތް ﷲގެ މަދަދާއި އެހީތެރިކަން އެ ބަޔަކަށް ލިބޭނެކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޟޫއަކީ "ހެޔޮ ކަންތަކަށް އަމުރުކުރުމާއި މުންކަރާތްތައް ނަހީކުރުން" އެވެ.

ހުކުރު ޚުޠުބާގައި ވިދާޅުވީ ާތް ﷲއަށް އީމާންވުމާއި، ހެޔޮ ކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް ނަހީކުރުމާއި، އެއް ބަޔަކު އަނެއް ބަޔަކަށް ހެޔޮ ކަންތައްތަކުގައި އެހީތެރިވުމާއި، ނުބައި ކަންކަމުން މުޖުތަމަޢު ޙިމާޔަތްކޮށް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ، އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރެއިން ހިމެނޭ ކަންކަން ކަމަށެވެ.

ހެޔޮ ކަންތަކަށް އަމުރުކުރުމާއި، މުންކަރާތްތައް ނަހީކުރުމުގެ ޒިންމާއަކީ މާތް ﷲ ވެރިކަން ދެއްވައިފި ބައެއްގެ އެންމެ އިސް ވާޖިބެވެ.

"މާތް ﷲ ޙުރުމަތްތެރިކުރައްވައިފައިވާ، މީސްތަކުންގެ ލެޔާއި، މުދަލާއި، އަބުރު ރައްކާތެރިކުރުމަށް ޓަކައި މަސައްކަތްތަކެއްކުރާން ވަނީ ޖެހިފައި. މިފަދަ ކަންކަން ރަނގަޅުކުރެވޭނީ ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމުގެ އިޖުތިމާޢީ މަސްއޫލިއްޔަތު ދަމަހައްޓައިގެން." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

އަަހަރެމެންނަކީ ﷲގެ ހެޔޮ ރަޙުމަތްފުޅުން އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ފައިތިލަ ސާބިތުކޮށްގެން ޤަރުނުތަކެއްވަންދެން ދެމިތިބި ބައެކެވެ. އަހަރެމެންގެ ތެރޭގައި އޮންނަނީ އެއްބައިވަންތަކަމާއި އެކަކު އަނެކަކަށް އިޙުތިރާމްކުރުމާއި ލޮބުވެތިކަމާއި އަމާނާތްތެރިކަމާއި މަކާރިމުލްއަޚްލާޤުގެ ރިވެތި ސިފަތަކެވެ. ޚުޠުބާގައި ވިދާޅުވީ މިކަންކަމަކީ އަހަރެމެން އަބަދުވެސް ދަމަހަންޓާން ޖެހޭ ކަންކަން ކަމަށެވެ މިއަދު ޤައުމުގެ އިޖުތިމާޢީ އަދި އަޚުލާޤީ ފޭރާމަށް ބަލާއިރު ރަނގަޅުކުރާންޖެހޭ ބައެއްކަންތައް އެބަހުރިކަން ފާހަގަކޮށް ޚުޠުބާގައި ވިދާޅުވީ ވަކީން ޚާއްޞަކޮށް މާތް ﷲ ޙުރުމަތްތެރިކުރައްވައިފައިވާ، މީސްތަކުންގެ ލެޔާއި، މުދަލާއި، އަބުރު ރައްކާތެރިކުރުމަށް ޓަކައި މަސައްކަތްތަކެއްކުރާން ވަނީ ޖެހިފައިކަމަށެވެ. މިފަދަ ކަންކަން ރަނގަޅުކުރެވޭނީ ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައިކަންތައްތައް ނަހީކުރުމުގެ އިޖުތިމާޢީ މަސްއޫލިއްޔަތު ދަމަހައްޓައިގެންނެވެ.

"ރަށެއްގެ އަހުލުވެރީންނަކީ މާތް ﷲއަށް އީމާންވެ، އެކަލާނގެއަށް ކިޔަމަންތެރިވާ ބަޔަކަށްވެއްޖެ ނަމަ، އެކަލާނގެ އެ ބަޔަކަށް ތަނަވަސްކަމާއި ފުދުންތެރިކަން ދެއްވާނެ. މިއާ ޚިލާފަށް ޢަމަލުކުރާނަމަ އެ ބަޔަކު ހަލާކުކުރައްވައި ނެތިކުރެއްވުމަށް އެކަލާނގެ ކުޅަދުންވަންތަވެވޮޑިގެން ވޭ." ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.

ޚުޠުބާގައި ވަނީ ދުންޔަވީ އެދުންތަކާއި ފަސާދައިގެ މަގުތައް ބަންދުކޮށް، ފިތުނައިގެ މަގުތަކަށް ތަބާވާ މީހަކަށް ނުވުމަށް ގޮވާލާފައެވެ އަދި ފިތުނައިގެ އަލިފާންގަނޑަށް ދަރުއަޅާ މީހަކަށް ނުވުމަށްވެސް ހުކުރު ޚުޠުބާގައި ވަނީ ގޮވާލާފައެވެ.

ޚުޠުބާގައި ވިދާޅުވީ މި މުޖުތަމަޢަކީ އަމާން މުޖުތަމަޢެއް ކަމުގައި ހެދުމަށް މަސައްކަތްކުރަން ޖެހޭކަމަށެވެ. މި ކަން ކުރެވޭނީ ކޮންމެ މީހަކުވެސް އެ މީހެއްގެ ފަރުދީ ޒިންމާ ފުރިހަމަގޮތުގައި އަދާކޮށްގެންނެވެ. މައިންބަފައިން އެ މީހުންގެ ދަރީން ހެޔޮ ގޮތުގައި ތަރުބިޔަތުކޮށްގެން. މުދައްރިސުންނާއި އެދުރުން އެ މީހުންގެ ޒިންމާއަދާކޮށް، ނަމޫނާ ބަޔަކަށް ވެގެން ކަމށް ހުކުރު ޙުޠުބާގައި ވިދާޅުވިއެވެ.