ފުރިހަމަ ގޮތުގައި ޙައްޖު އަދާކުރުމަށް ފަހު ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި މިއަދު ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
މިއަދުގެ ހުކުރު ޚުޠުބާގެ މަޢުޞޫއަކީ "ޙައްޖުގެ އަޅުކަމުން ލިބޭ ފިލާވަޅުތައް"އެވެ.
ޚުޠުބާގައި ވިދާޅުވީ ޙައްޖުގެ އަޅުކަމުގައި މާތް الله ލައްވައިފައިވާ ޝަޢީރާތަކުން ކަށަވަރުވެ އެނގޭ އެއް ޙަޤީޤަތަކީ ޙައްޖަކީ އިންސާނާގެ ދުންޔަވީ ޙަޔާތުގެ ކުޑަކުޑަ ދަތުރެއްކަމެވެ. ޙައްޖުވެރިޔާ އިޙުރާމް ބަންނަ ހިނދުން ފެށިގެން ޙައްޖުގެ މަނާސިކުތައް ނިމޭންދެން ކުރިއަށްދާ ގޮތަށް، އިންސާނާ އޭނާގެ ޙަޔާތުގައި ދުންޔަވީ ދުވަސްތައް ވޭތިކުރަމުންދެއެވެ.
މާތްﷲ ވަނީ ވަނީ މި ޙަޔާތާ މެދު ހެއްލުންތެރި ނުވުމަށް އާދަމުގެ ދަރިޔާއަށް އިންޒާރުކުރައްވައިފައެވެ.
"ަގުތީ އުފަލަކީ ފިލައި ދަނިވި އުފަލެކެވެ. ދެމިހުންނަނިވި އުފަލަކީ އާޚިރަތުގެ އުފަލެވެ. އެހެންކަމުން އާޚިރަތުގެ އުފާ ހޯދުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!" ހުކުރު ޚުޠުބާގައި ވިދާޅުވިއެވެ.
ޙައްޖަކީ ގުނައި ޢަދަދުކުރެވޭ މަދު ދުވަސްކޮޅެއްގައި ކުރެވޭ އަޅުކަމެކެވެ. އެ މޫސުމުގައި މާތް الله ހަދުމަކޮށް ތަކުބީރުކިޔައި އުޅުމަށް އަންގަވައިފައި އޮތް ބަސްފުޅުގައިވާ ފަދައިން، ތިމާގެ މުދާ ހޭދަކޮށް، ތިމާގެ އަހުލުވެރީންނާއި، ވަޒަންދޫކޮށް މައްކާއަށް ގޮސް އަޅުކަމުގައި މަޝްޣޫލުވެ، އެ ކަމުގައި ޙައްޖާޖީން ވަގުތު ހޭދަކުރެއެވެ. އެކަލާނގެ ގެފުޅުގައި ޠަވާފުކުރެއެވެ. ރޭގަނޑާއި ދުވާލުގެ ވަގުތުތައް އަޅުކަމަށް ހުސްކުރެއެވެ. ދަމު ނަމާދާއި، ޟުޙާ ނަމާދުކުރެއެވެ. ޒިކުރުކުރުމާއި، ޤުރުއާންކިޔެވުމުގައި ވަގުތު ހޭދަކުރެއެވެ. ޙައްޖު މޫސުމުގެ ދުވަސްތަކުގައި އަޅުކަމުގައި ހީވާގިވެ، ޙަރަކާތްތެރިވެއެވެ.
ޙައްޖަށްދިއުމުގެ ނަޞީބު މި ފަހަރު ނުލިބުނު ކަމުގައި ވީ ނަމަވެސް، ޙައްޖުވެރީން ފަދައިން އަޅުކަންކުރުމުގައި ފަރުވާތެރިވެ ހީވާގިވެ ތިމާ އަދާކުރާން ޖެހޭ ވާޖިބު އަޅުކަން އަދާކުރުމަށް ޚުޠުބާގައިވަނީ ގޮވާލާފައެވެ.
ޙައްޖުވެރިޔާ އިޙުރާމް ބަންނަ ވަގުތުން ފެށިގެން އޭނާ އެ ވަނީ އޭނާގެ ނަފުސުގެ މައްޗަށް ޙައްޖުގެ މަނާސިކުތައް އަދާކުރުން ލާޒިމުކޮށްފައެވެ.
"ޙައްޖުގެ މަނާސިކުތައް އަދާކޮށް، އެކަލާނގެ ޝަޢާއިރުތައް މަތިވެރިކޮށްފި މީހަކަށް ހުރިހައި ވަގުތެއްގައި އަދި ހުރިހައި ތަނެއްގައި ވެސް މާތް اللهގެ އަމުރުފުޅުތަކަށް އިޖާބަދިނުމަކީ ބުރަ އުނދަގޫ ކަމަކަށް ނުވާނެއެވެ." ޚުޠުބާގައި ވިދާޅުވިއެވެ.
ޙައްޖަކީ އެހެނިހެން އަޅުކަންތަކާ ޚިލާފަށް ވަރަށް ބުރަ އަޅުކަމެކެވެ. އެ ކަމުގައި ތިމާގެ ޖާނާއި މުދާ ހޭދަކުރާން ޖެހޭ ކަމެކެވެ. އެ ކަމުގައި ދަތުރުފަތުރު ހިމެނެއެވެ. ބައިބޯކަމާއި ކާރުބާރު ބޮޑުކަން ހިމެނެއެވެ. އެހެންވުމުން އުރެދުންތަކަށް އަރައިނުގަނެ، ކެތްތެރިވެ، ދޫރައްކާތެރިކޮށް، މަޑުމައިތިރިވެ ޝަހުވާނީ އެދުންތަކުން ދުރުހެލިވެ ޙައްޖުގެ މަނާސިކުތައް އަދާކުރުމަށް ޙުޠުބާގައި ވަނީ ނަސީހަތްތެރިވެފައެވެ.
ޙައްޖަކީ އަހަރަކު އެއްފަހަރު އަދާކުރެވޭ އަޅުކަމެކެވެ. ފުރިހަމަ ގޮތުގައި ޙައްޖު އަދާކުރުމަށް ފަހު ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެ ގޮތުން ފާފަތަކަށް އަރައިނުގަތުމަށް ޢަޒުމު ކަނޑައަޅައި އެ ގޮތުގައި ދެމިހުރުމަށް މަސައްކަތްކުރުމަށާއި ޙައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ތިމާގެ ދިރިއުޅުމަށް މަސައްކަތްކުރުމާއެކު ރަޙިމުގެ ގުޅުމާއި އެކުވެރިކަމާއި އެއްބައިވަންތަކަމާއި ޢާއިލީގުޅުން ދެމެހެއްޓުމަށް މަސައްކަތްކުރާ މީހެއްގެ ގޮތުގައި މުޖުތަމަޢުގައި އުޅުމުގެ މުހިއްމުކަން ޚުޠުބާގައިވަނީ ފާހަގަކޮށްފައެވެ.