ޚަބަރު

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއަށް ޚާއްޞަ އިމާރާތެއް އަޅަނީ


  • އިމާރާތް އެޅުމަށްޓަކައި 30000 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސާފައި

  • މިހާރު އެ ވުޒާރާ ވަގުތީ ގޮތުން ހިންގަނީ ދަރުބާރުގޭގައި

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ޚާއްސަ އިމާރާތެއް ތަރައްޤީރުމަށް ނިންމައިފިއެވެ.

2024 ވަނަ އަހަރުގެ ޑިސެންބަރުމަހު ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީގޮތުން އެ ވުޒާރާގެ ހިންގުން ވަނީ ދަރުބާރުގެއަށް ބަދަލުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒިރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ އެ ވުޒާރާއަށް ޚާއްސަ އިމާރާތެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށާއި އެކަމަށް ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެ އިމާރާތް އެޅުމަށްޓަކައި 30000 އަކަފޫޓުގެ ބިމެއް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާދެއްވާފައިވާކަމަށް ވަޒިރު ވިދާޅުވިއެވެ.

ވަޒިރު ވިދާޅުވީ އެ ވުޒާރަގައި 600 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުންދަކަމަށާއި މިހާރު ޕަބްލިކް ވޯކްސްގެ މަސައްކަތްތައްވެސް އެ ވުޒާރާއާ ހަވާލުވެފައި އޮތުމުން ހެޑްކުއާޓާވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ދިމާވެފައި އޮތް ދައްޗަކީ ސަރުކާރުގެ އިދާރާތައް ހިންގާނެ ތަނެއް ނެތުން. މާލޭގައި އިތުރު އޮފީސް އިމާރާތެއް އެޅުމަށް މަސައްކަތްވެސް ދަނީ ކުރަމުން. ބިއްލޫރި ޖެހިގެ މަރާމާތުކޮށްގެންވެސް ތަނެއް ހޯދޭތޯ ބިލަނީ." ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒިރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ހުޅުމާލޭގައިވެސް 14 ފަންގިފިލާގެ އޮފީސް އިމާރާތެއް ތަރައްޤީކުރުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް ފައިސާގެ ކަންކަން ޔަޤީން ނުވުމުގެ ސަބަބުން ބަޔަކާ އެ މަސައްކަތް ކުރުމަށް ހާވާލުނުކުރެވި އޮތްކަމަށެވެ. މީގެ އިތުރުން ވަޒީރުވަނީ ދަރުބާރުގެ އަލުން ތަރައްޤީކުރުމުގެ ޕްލޭންވެސް އޮތްކަން ފާހަގަކުރައްވާފައެވެ.

ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި ދައުލަތުގެ 3 ވުޒާރާއެއްގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ. އަދި އަލިފާނުގެ ހަދިސާ ހިނގި ކޮށީގައި ހިންގަމުން ދިޔަ މާލެ ސިޓީ ކައުންސިލުގެ ބަޔަކަށްވެސް އަލިފާނުގެ އަސަރުކޮށްފައިވެއެވެ.

ސަރުކާރުގެ ގިނަ އޮފީސްތަކެއް މީގެ ކުރިން ހިންގަމުން އައީ ހުރަވީ ބިލްޑިންގއާއި ޣާޒީ ބިލްޑިންގގައެވެ. އެހެންނަމަވެސް އެ ދެ ޢިމާރާތްތަކީ ގިނަ ދުވަސްވެފައިވާ ތަންތަނަށްވުމުން އެ ދެ ޢިމާރާތް ތަޅާލާ، އެތަންތަނުގައި ހިންގަމުން އައި އޮފީސްތައް ވަނީ އެހެން ތަންތަނަށް ބަދަލުކުރައްވާފައެވެ. މީގެ ސަބަބުންވެސް ސަރުކާރުން އޮފީސްތައް ހިންގުމަށް ތަންތަން ކުއްޔަށް ހިފާ ބޮޑު ކުލި ދައްކަންޖެހޭކަން ސަރުކާރުން ފާހަގަކުރައްވައެވެ.

ސަރުކާރުގެ އޮފީސްތައް ހިންގުމަށް ކުރަންޖެހޭ ޚަރަދުކުޑަކުރުމުގެ ގޮތުން ހުޅުމާލޭގައި ޢިމާރާތެއް ތަރައްޤީކޮށް އެތަނުގައި 3 ވުޒާރާއެއް އަންނަނީ ހިންގަވަމުންނެވެ.