ކުޅިވަރު

ފީފާ ވޯލްޑްކަޕް 2026: ޕޯޗުގަލް – އުޒްބެކިސްތާން


ފީފާ ވޯލްޑްކަޕް ގްރޫޕް ކޭ ގައި މިރޭ އުޒްބެކިސްތާނާއި ދެކޮޅަށް ޕޯޗުގަލް ނިކުންނައިރު އެ ޓީމު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ކޮންގޯ އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެފަ އެވެ.

އޭއެފްސީގެ މެމްބަރ ގައުމެއް ކަމުގައިވާ އުޒްބެކިސްތާނުން މުބާރާތުގެ ފުރަތަމަ މެޗުގައި ކޮލަމްބިއާ އާއި ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު ވަނީ 3-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.

ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ބެލެވޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް އާއި ދެކޮޅަށް އުޒްބެކިސްތާން ނިކުންނައިރު މިއީ މި ދެ ޓީމު ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ފުޓްބޯޅައިގައި ވޯލްޑްކަޕް ފިޔަވާ ހުރިހާ ކާމިޔާބީއެއް ހޯދާފައިވާ އުމުރުން 41 އަހަރުގެ ޕޯޗުގަލް ރޮނާލްޑޯ އަށް ވޯލްޑްކަޕްގެ ތަށި ހޯދުމަށް މިއީ ލިބޭނެ އެންމެ ފަހު ފުރުސަތުކަމަށް ބެލެވެ އެވެ.

މި މެޗަށް ނިކުތުމުގެ ކުރިން ޕޯޗުގަލްގެ ޖޮއާއޯ ކެންސެލޯ ބުނެފައިވަނީ ކޮންގޯ އާއި ދެކޮޅަށް ކުޅުނު މެޗުގައި އެންމެ އެދެވޭ ކުޅުން ދެއްކިފައިނުވާ ކަމަށާއި ނަމަވެސް ދެވަނަ މެޗަށް ނިކުންނާނީ ޕޯޗުގަލްގެ ސަޕޯޓަރުން ހިތްހަމަޖެހޭ ފަދަ ނަތީޖާއެއް ހޯދުމަށް ކަމަށެވެ.

ޕޯޗުގަލް އަކީ ދުނިޔޭގެ އެންމެ ހުނަރުވެރި މޮޅު ކުޅުންތެރިން ތިބި އެއް ޓީމު ކަމަށާއި އެހެންކަމުން ސަޕޯޓަރުންގެ ފަރާތުން ފޮނި އުންމީދުތަކެއް ހުންނާނެކަން ގަބޫލުކުރާ ކަމަށްވެސް ކެންސެލޯ ވަނީ ބުނެފަ އެވެ.

ދުނިޔޭގެ ރޭންކިންގެ ފަސްވަނައިގައި އޮތް ޕޯޗުގަލް އިން 50 ވަނައިގައި އޮތް އުޒްބެކިސްތާނާއި ދެކޮޅަށް ނިކުންނައިރު, މިއީ އުޒްބެކިސްތާނުން ފީފާ ވޯލްޑްކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.