ޚަބަރު

އީކޮމާސް ބައެއް ސައިޓްތަކަށް އެމްއައިބީންވެސް ލިމިޓެއް


  • ބައެއް ވިޔަފާރި ސައިޓްތަކުން ޑޮލަރު ލިމިޓް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ވަނީ ނިންމާފައި

  • އީކޮމާސް ސައިޓްތަކަށް ގިނަވެގެން 10 ޓްރާންސެކްޝަން

މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޑެބިޓް ކާޑުން އީކޮމާސް ބައެއް ސައިޓްތަކަށް ޑޮލަރުން ކުރާ މުއާމަލާތްތައް ލިމިޓްކޮށްފިއެވެ.

އެމްއައިބީން ނެރުނު ބަޔާނެއްގައި ބުނީ އެ ބޭންކުގެ ރުފިޔާ ކާޑަށް ލިބެމުންދިޔަ 250 ޑޮލަރުގެ ލިމިޓަކީ ޒަރޫރީ ބޭނުންތަކަށް ދޫކުރަމުން ދިޔަ ލިމިޓެއް ކަމަށެވެ. ނަމަވެސް ވޭތުވެދިޔަ މަދު ދުވަސްތަކުގެ ތެރޭގައި ބައެއް ކަސްޓަމަރުން މި ޚިދުމަތް ލިބިގަނެ، އެހެނިހެން ބޭނުންތަކަށް މި ލިމިޓް ބޭނުންކުރަމުންދާކަމަށް އެ ބޭންކުން ވިދާޅުވިއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ފުއްދުމަށްޓަކައި ފޯރުކޮށްދިނުމަށް އިސްކަން ދިނުމުގެ ގޮތުން މި ހިނދުން މި ހިނދަށް ބައެއް ވިޔަފާރި ސައިޓްތަކުން ޑޮލަރު ލިމިޓް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް އެ ބޭންކުން ވަނީ ނިންމާފައެވެ.

އެމްއައިބީން ވިދާޅުވީ އެ ނިންމުމާއެކު އީކޮމާސް ސައިޓްތަކަށް ކުރެވޭނީ ގިނަވެގެން 10 ޓްރާންސެކްޝަން ކަމަށެވެ. އެ ބަދަލު ގެނައިނަމަވެސް ކަސްޓަމަރުންގެ އާންމު ބޭނުންތަކަށް ބޭނުން ކުރާ ސަބްސްކްރިޕްޝަން ސައިޓުތަކާއި ރާއްޖެއިން ބޭރުގައި ހުންނަ ޕީއޯއެސް މެޝިންތަކުން ކުރާ ވިޔަފާރިތަކާއި ސިއްޙީ ޚިދުމަތް ހޯދުމަށް އަދި ޗުއްޓީ ހޭދަކުރުމަށް ހިނގާ އެކު ޚަރަދުތަކަށް 250 ޑޮލަރުގެ ލިމިޓުގެ ތެރެއިން ބޭނުން ކުރެވޭނެކަމަށް އެމްއައިބީން ބުނެއެވެ.

އެމްއައިބީން ބުނީ އެގޮތަށް ނިންމާފައިވަނީ އެ ލިމިޓް ކަސްޓަމަރުންގެ އެންމެ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރުމަށް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ފުރުޞަތު ދިނުމަށްކަމަށެވެ.