ހުރްމުޒް ކަނޑުއޮޅި ބޭނުންކުރުމާ ގުޅޭ ކަންކަން ކުރިއަށް އޮތް ތަނުގައި ހަމަޖައްސާނެ ގޮތަކާ މެދު މަޝްވަރާ ކުރުމަށް އީރާންއާއި ޢުމާންއިން އެއްބަސްވެއްޖެއެވެ. އެ ގޮތުން އެ ކަނޑުއޮޅީގެ ސަރަޙައްދުގައި ދޭ ޚިދުމަތްތަކާއި އެ ޚިދުމަތްތަކާ ގުޅޭ އަގުތަކާ ގުޅޭ ގޮތުން ވެސް ދެ ޤައުމުން މަޝްވަރާ ކުރާނެއެވެ.
އީރާނާއި ޢުމާންއާ ދެމެދު ހުރްމުޒް ކަނޑުއޮޅިއާ ގުޅުންހުރި މަޝްވަރާތައް ކުރުމަށް ނިންމާފައިވާ ކަން އިޢުލާނުކޮށްފައި ވަނީ އީރާނުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލިބަފްއާއި ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤްޗީއާ، ޢުމާންގެ ސުލްޠާން ހައިތަމް ބިން ޠާރިޤުއާއި ޚާރިޖީ ވަޒީރު ސައްޔިދު ބަދްރު އަލްބުސައިދީއާ ދެމެދު ބޭއްވި ބައްދަލުވުމަކަށް ފަހުގައެވެ. ޢުމާންގައި ކުރިއަށް ދިޔަ އެ ބައްދަލުވުމަށް ފަހު ދެ ޤައުމުން އެކުގައި ނެރުނު ބަޔާނެއްގައި ބުނީ ދެ ޤައުމުގެ ބައިވެރިވުމާއެކު އެކުލަވާލައި މަސައްކަތު ގުރޫޕަކުން ހުރްމުޒް ކަނޑުއޮޅި ހިންގުމާ ގުޅޭ އިތުރު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ. އެ މަސައްކަތު ގުރޫޕުގައި ހިމެނޭނީ ދެ ޤައުމުގެ ޚާރިޖީ ވުޒާރާގެ މަންދޫބުންނެވެ. ހުރްމުޒް ކަނޑުއޮޅީގެ ސަރަޙައްދުގައި އޮންނަ އެހެން ޤައުމުތަކާއި، ގުޅުންހުރި އެހެން ފަރާތްތަކާއެކު އެކު އެ ގުރޫޕުން މަޝްވަރާތައް ކުރާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ހުރްމުޒް ކަނޑުއޮޅީގެ ހިންގުމާ ގުޅޭގޮތުން ދެ ޤައުމުން މަޝްވަރާކުރުމަށް ނިންމާފައިވާ ނިންމުމަކީ މެދުއިރުމަތީގެ ހަނގުރާމަ ދާއިމީ ނިމުމަކަށް ގެނައުމަށް މިދިޔަ ހަފްތާގެ ތެރޭގައި އެމެރިކާއާއި އީރާނާ ދެމެދު ސޮއިކޮށްފައިވާ އިބްތިދާޢީ އެއްބަސްވުމުގެ ނުކުތާއެއް ތަންފީޛު ކުރުމަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވެއެވެ. އެ އެއްބަސްވުމުގައި އީރާނުން ޢުމާންއާއި ހުރްމުޒް ކަނޑުއޮޅީގެ ސަރަޙާއްދުގައި އޮންނަ އެހެން ޤައުމުތަކާއެކު އެ ކަނޑުއޮޅީގެ ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ގޮވާލާފައިވެއެވެ.
ހުރްމުޒް ކަނޑުއޮޅިއާ އިންވެގެން އޮންނަ ޢުމާންއާއި އީރާނާ ދެ ޤައުމުން ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ ކަނޑުއޮޅިން ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ކަން ކަށަވަރު ކުރުމަށް ދެ ޤައުމުން ވެސް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ. އަދި ސަރަޙައްދީ ހަމަޖެހުން ދެމެހެއްޓޭނެ ފަދަ ގޮތަކަށް އެ ކަނޑުއޮޅިއާ ގުޅުންހުރި ކަންކަން ކުރިއަށް ގެންދާނެ ކަމަށް ވެސް ދެ ޤައުމުން ބުނެފައިވެއެވެ.