އީރާނުގެ ސާފުނުކުރާ ތެޔޮ އުފުލާ ތިން ޓޭންކަރަކަށް އެމެރިކާއިން ދިން ހަމަލާތަކަކީ ޣައިރުޤާނޫނީ އަދި ޢުދުވާނީ އަމަލުތަކެއްގެ ގޮތުގައި ސިފަކޮށް، އީރާނުން އެ ކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. އަދި، އީރާނުގެ އުޅަނދުތަކަށް އެމެރިކާއިން ހަމަލާދިނުން ހުއްޓާނުލައި ކުރިއަށްގެންދާނަމަ، އިހުނަށްވުރެ ވަރުގަދަ ރައްދު ހަމަލާތަކެއް ދޭނެ ކަމަށް އީރާނުން ވަނީ އިންޒާރުދީފައެވެ. މި ހަމަލާތައް ކުރިއަށްދާނަމަ ސަރަޙައްދުގައިވާ އެމެރިކާގެ އަސްކަރީ މަނަވަރުތަކަށް ރައްދު ހަމަލާ ދޭނެ ކަމަށް ވެސް އީރާނުގެ އަސްކަރިއްޔާއިން އިންޒާރު ދިނެވެ.
އީރާނުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، މިއީ އެ ޤައުމާ ދެކޮޅަށް ހިންގާ އިޤުތިޞާދީ ހަނގުރާމައާއި ކަނޑުގެ ޙިޞާރުގެ ތެރެއިން ހިންގާފައިވާ ޖަރީމާއެއް ކަމުގައެވެ. އަދި، މިއީ އެކުވެރި ދައުލަތްތަކުގެ (އދ) ޗާޓަރުގެ 2 ވަނަ މާއްދާއާ ޚިލާފު ހަނގުރާމައިގެ ކުށެއް ކަމަށާއި، ބައިނަލްއަޤުވާމީ ވިޔަފާރި އުޅަނދުފަހަރުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ. އެހެންކަމުން، ދައުލަތުގެ ސިޔާދަތާއި މަޞްލަޙަތުތައް ދިފާޢުކުރާނެ ކަމަށާއި، މި ޖަރީމާތަކުގެ ފުރިހަމަ ޒިންމާ އެމެރިކާއާއި އެ ޤައުމުގެ ބައިވެރިން އުފުލަންޖެހޭނެ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.
އީރާނުގެ އަސްކަރިއްޔާގެ ޚާތަމް އަލް-އަންބިޔާ ކޮމާންޑުން ބުނީ، އެމެރިކާގެ މި ފަދަ އުނދަގޫތަކާއި ޙިޞާރު ކުރިއަށްދާނަމަ، ބަދަލުހިފުމުގެ ހަމަލާތައް އިތުރަށް ފުޅާކޮށް ވަރުގަދަކުރާނެ ކަމުގައެވެ. މި އިންޒާރުތައް އައީ އީރާންގެ ކަނޑުގެ ސަރަޙައްދުގައި ހަރަކާތްތެރިވި އެމެރިކާގެ ދެ މަނަވަރަކަށް އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ބެލިސްޓިކް މިސައިލް ހަމަލާތަކެއް އަމާޒުކުރުމާ ގުޅިގެން، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) އީރާނުގެ ތިން ތެޔޮ ޓޭންކަރަކަށް ހަމަލާދީ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ ކަމަށް ބުނި ފަހުންނެވެ.
ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން އީރާނަށް ހަމަލާތައް ދޭން ފެށި ފަހުން، މުޅި ސަރަޙައްދުގެ ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ. އަދި، އޭގެ ބަދަލުހިފުމެއްގެ ގޮތުން އީރާނުން ދަނީ ޔަހޫދީންނަށާއި ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ މަޞްލަޙަތުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންނެވެ. ހުރްމުޒް ކަނޑުއޮޅީގައި މިނިވަންކަމާއެކު އުޅަނދުފަހަރަށް ދަތުރުފަތުރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި އީރާނާއި އެމެރިކާއާ ދެމެދު މިދިޔަ ޖޫން މަހު ފަހުމުނާމާއެއްގައި ސޮއިކުރިއެވެ. ނަމަވެސް، އެ ކަނޑުއޮޅީގެ ސަލާމަތީ އިންތިޒާމުތަކާ މެދު އުފެދުނު ޚިޔާލުތަފާތުވުންތަކުގެ ސަބަބުން، މި އެއްބަސްވުން ތަންފީޒުކުރުމުގެ މަސައްކަތް މިހާރު ވަނީ މުޅިން ހުއްޓިފައެވެ.