ތ. ގާދިއްފުށީގެ ބިން ހިއްކާ ނިންމާލައިފިއެވެ. މި މަސައްކަތް ނިމިފައިވާކަން އިޢުލާންކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
ގާދިއްފުށީގެ 11 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މި މަހުގެ 10 ވަނަ ދުވަހުގައެވެ. އަދި ރައީސް ވިދާޅުވިގޮތަށް އެ މަސައްކަތް 8 ދުވަހުގެ ތެރޭގައި ވަނީ ނިންމާލާފައެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެމަނިކުފާނުގެ ސަރުކާރަކީ އިންތިޚާބުތަކާ ދިމާކޮށް ނުވަތަ އިންތިޚާބުގެ ނަތީޖާއަކާ ދިމާކޮށް މަޝްރޫޢުތައް ކުރިއަށް ގެންދާ ސަރުކާރެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އޭގެ މިސާލެއްގެ ގޮތުން ރައީސް ވިދާޅުވީ މި މަހުގެ 4 ގައި ބޭއްވި ކައުންސިލް އިންތިޚާބުގައި ގާދިއްފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި އެ ރަށުން ޕީއެންސީއަށް އެންމެ ގޮނޑިއެއް ނުލިބުނުމަވެސް އެރަށުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ހުއްޓާނުލާކަމަށެވެ. އެގޮތުން އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވާކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް، ރަށްރަށުގައި ހިންގަން ޖެހޭ މަޝްރޫޢުތައް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން، ގާދިއްފުށިން 11 ހެކްޓަރުގެ ބިން ހިއްކާއިރު، ބިން ހިއްކުމަށް 390 ކޮޑިމީޓަރުގެ ވެލި ބޭނުންކުރާނެއެވެ. އަދި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި، 100 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރއެއް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢުގެ ދަށުން 704 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓަކާއި، 100 މީޓަރުގެ ގްރޮއިންއެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫޢުގެ ސަބަބުން ގާދިއްފުށީގެ ރައްޔިތުންނަށް ބިމުގެ ދަތިކަމަށް ހައްލެއް ލިބި، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވިއެވެ.